ޚަބަރު

ރައީސް މުއިއްޒު އިންޑިޔާއިން ރާއްޖެ ވަޑައިގެންތާ ތިން ދުވަސް ނުވަނީސް އުތުރު ތިލަފަޅުގައި އަޅަނީ އަސްކަރީ މަރުކަޒެއް ކަމަށް އަނެއްކާވެސް ދިޔަރެސް ނޫހުން ބުނެ ދޮގު ހަދައިފި

ދިޔަވަރު
ރައީސް މުއިއްޒު އިންޑިޔާއިން ރާއްޖެ ވަޑައިގެންތާ ތިން ދުވަސް ނުވަނީސް އުތުރު ތިލަފަޅުގައި އަޅަނީ އަސްކަރީ މަރުކަޒެއް ކަމަށް އަނެއްކާވެސް ދިޔަރެސް ނޫހުން ބުނެ ދޮގު ހަދައިފި

ރައީސް މުއިއްޒު އިންޑިޔާއަށް ވަޑައިގެން އުތުރު ތިލަފަޅުގެ މަޝްރޫޢު ކުރިއަށް ގެންގޮސް އަވަހަށް ނިންމުމަށް އިތުރަށް މަސައްކަތް ކުރުމަށް ނިންމައިގެން ރާއްޖެ ވަޑައިގެންތާ 3 ދުވަސް ނުވަނީސް މިއަދު، ރައީސުލްޖުމްހޫރިއްޔާ މުއިއްޒު އާއި ގާތް ގުޅުމެއް އޮންނަ އަޒާން ހިނގާ ދިޔަރެސް ނޫހުން ޔޫޓީއެފް އަކީ އަސްކަރީ މަރުކަޒެއް ކަމަށް ބުނެފިއެވެ.

އަޒާން މި ލިޔުން ފާތުމަތު ނަހުދާގެ ނަމުގައި ދިޔަރެސް ނޫހުގައި ޖަހާފައި ވީނަމަވެސް، މި ލިޔުން ލިޔެފައިވަނީ، އަޒާންކަން ދިޔަވަރު ނޫހަށް ވަނީ ކަށަވަރު ކުރެވިފައެވެ.

އުތުރު ތިލަފަޅުން ރައީސް ސޯލިހް ވަނީ ގޯތި ދޫކޮށްފައެވެ. އުތުރު ތިލަފަޅަކީ އަސްކަރީ މަރުކަޒެއް ކަމަށް ބުނެ، ދޮގު ޚަބަރު ދިޔަރެސް ނޫހާއި، އޭރުގެ ކެނޑިޑޭޓު މުއިއްޒު ފަތުރަމުން ދަނިކޮށް، އެ ސަރަހައްދުން ގޯތި ދިނުމަށް ނިންމި ނިންމުން ވެގެން ދިޔައީ، ދިޔަރެސް ނޫހުން ހަދަމުން ދިޔަ ދޮގުތައް ފަޅާއެރި ސަބަބަކަށެވެ. މިކަމާއި ކަންބޮޑުވެ، މި ދޮގު ފަޅާ އަރައިގެން އެތަނަކީ އަސްކަރީ މަރުކަޒެއް ކަމަށް ދެއްކުމަށް ދިޔަރެސް ނޫސްވެރިންގެ ނަމުގައި ދިޔަ "އަޒާން އާއި އޭނާގެ ގޭންގު"ގެ މެމްބަރުން ރައީސް ސޯލިހް މިއަދު ސިފަ ކުރައްވާފައިވަނީ އެމީހުން ވައްތަރީ އައިސިސް ބަޔަކާއި ކަމަށެވެ.

ދިޔަރެސް ނޫހުގައި މިއަދު ލިޔެފައިވާ ދޮގު ލިޔުމުގެ ތަންކޮޅެއް https://dhiyares.com/72613 ރައީސް މުއިއްޒު ދަނީ ދިޔަރެސް ނޫސް ބޭނުންކޮށްގެން އަދިވެސް އިންޑިޔާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން ރައްޔިތުންގެ މެދުގައި ހީނަރު ކުރުމަށް މަސައްކަތް ކުރަމުން.

ދިޔަރެސް ނޫހަށް އެސަރަހައްދަށް ގޮސްފައިވަނީ، އޭގެ ކުރިން ނޫސްވެރިންނަށް ދައުވަތު ދީގެން، އުތުރު ތިލަފަޅަށް ރާއްޖޭގެ ގިނަ ނޫސްތަކުން ގޮސް ފޮޓޯއާއި ވީޑިޔޯ ނަގާފައި ވަނިކޮށެވެ.

ދިޔަރެސް ނޫހުން އަޒާން މެން އެތަނަށް ގޮސް އެތާ އެތައް ހާސް ސިފައިންނެއް ދައްކަން ކުރި މަސައްކަތް ވީ ނާކާމިޔާބެވެ. އެތަނުން ދިމާވީ ދިވެހި ސިފައިންގެ ބޭކަލަކާއެވެ. ދެން ތިބީ ސައުތު އޭޝިޔާގެ ބައެއް ޤައުމުތަކުގެ ލޭބަރުންނެވެ.

އެހިސާބުން، އަޒާން އާއި އޭނާގެ ބައިވެރިން، ދިވެހި ސިފައިންގެ ބޭފުޅާ "ރޯހިތު" ކިޔާ މީހަކަށް ގުޅި ކަމަށް ބުނެ ދޮގު ހަދައި އޮޅުވާލިއެވެ. ރޯހިތަށް ގުޅިކަމަށް ބުނެ ހެދީ ދޮގުކަން، އެވަގުތު ދިޔަރެސް ނޫހުން އާންމުކުރި ވީޑިޔޯ އިން މިހާރުވެސް އެނގެން އެބަހުއްޓެވެ. އަޒާން އަށް "ރޯހިތު" ކިޔަން ފެށުނީ މިފަދަ ބޮޑު ދޮގެއް ހެދުމުގެ ސަބަބުންނެވެ. ޗެނަލް13 ގައި އެ ވީޑިޔޯ ދައްކަމުން އޭރު ދިޔައިރު، ހަމަ އެވަގުތު ޓީވީއަށް އަރައި އަޒާން ހެދީ ދޮގުކަން ދިޔައީ ސާފުކޮށް ވީޑިޔޯއިން ފެންނަމުންނެވެ.

އުތުރު ތިލަފަޅުގެ ޕްރޮޖެކްޓަކީ ރައީސް ޔާމީން އެމްއޯޔޫގައި ސޮއެ ކުރެއްވި މަޝްރޫއެކެވެ. އެމްޑީޕީގެ ސަރުކާރުން ޕްރޮޕޯސަލް އަށް ބަދަލުގެނެސް އެގްރިމެންޓުގައި ސޮއެ ކުރީ، ރާއްޖޭގެ އިސްތިޤްލާލާއި ގައުމަށް ގެއްލުން ވެދާނެހެން ޕީޕީއެމްއިން ހިމަނާފައިހުރި މާއްދާއެއް އުނިކުރުމަށް ފަހުއެވެ. މިސަރުކާރުން އެ އެއްބަސްވުން ހާމަ ނުކޮށްގެން އުޅެނީ އޭގައި އެއްވެސް ވަރަކަށް ރާއްޖޭގެ އިސްތިޤްލާލަށް ގެއްލުންވާނެ އެއްވެސް މަސައްލައެއް ނެތުމުން، ހެދި ދޮގުތައް އިތުރަށް ފަޟީހަތް ވެދާނެތީއެވެ. ރައީސް މުއިއްޒު ވަނީ މި މަޝްރޫޢު އިތުރަށް ކުރިއަށް ގެންދިޔުމަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދިނުމަށް އިންޑީޔާއަށް ކުރި ދަތުރުގައި އެ ޤައުމަށް އެ ޔަގީންކަންވެސް ދެއްވާފައެވެ.