ރައީސް ސޯލިހް އެޅުއްވި 4000 ފްލެޓްގެ ތެރެއިން ޕީއެންސީ މީހުންނަށް ނަހަމަ ގޮތުގައި ފްލެޓް ދިނުމަށް، މުއިއްޒު ބޭނުންވާ ވަކި މަޖިލީސް މެމްބަރުންތަކެއްގެ މެދުވެރިކޮށް، އެ މެމްބަރުންނަށް ސިޔާސީ ގޮތުން މުހިންމު 20 މީހެއްގެ ނަން ކޮންމެ މެމްބަރަކުވެސް ލިސްޓު ހަދައި ދިނުމަށް މުއިއްޒު އަންގައިފިއެވެ. މި ފުރުޞަތު ދީފައި ވަނީ، މުއިއްޒު އިތުބާރު ކުރާ ވައްކަން ތަކުރާރު ކޮށް ކުރަމުންދާ މަޖިލީސް މެމްބަރުންނަށެވެ
މި ގޮތަށް ލިސްޓު ހެދުމަށް މުއިއްޒު އިރުޝާދު ދީފައިވާ މެމްބަރުންގެ ތެރެއިން ދިޔަވަރު ނޫހަށް ޔަގީން ކުރެވިފައިވާ މެމްބަރުންނަކީ:
- ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު
- އިނގުރާދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް
- ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް
- މުހައްމަދު ޝާހިދު ހުޅުދޫ ދާއިރާގެ މެމްބަރު
- ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ
މި މެމްބަރުންނަށެވެ. މުއިއްޒު ދަނީ ފްލެޓުގެ ހައްޤުވެރިންނަށް ފްލެޓް ދޭނެ ކަމަށް ބުނެ ދޮގު ހަދަމުންނެވެ. ފްލެޓް ލިބުނު ބައެއް ފަރާތްތަކުން މުޒާހަރާ ނުކޮށް ތިބެނީ މުއިއްޒު ފްލެޓްތައް ހަމަ އެމީހުންނަށް ދޭނެ ކަމުގެ އުއްމީދުގައެވެ.
މަޖިލީސް އިންތިހާބު ތެރޭގައި، މުއިއްޒުގެ އަންބިކަނބަލުން ސާޖިދާ ދިޔައީ ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަށް ބައެއް ފަރާތްތަކަށް ދެމުން ކަމަށް މައްޗަންގޮޅި ބައެއް އާއިލާތަކުން ދިޔަވަރު ނޫހަށް އޭރު ރިޕޯޓް ކޮށްފައި ވެއެވެ. މިކަމާއި ގުޅިގެން މެޑަމްގެ ފްލެޓް ލިސްޓުގެ ވާހަކަ އާންމު ވެގެން ދިޔައެވެ. މެޑަމްގެ ލިސްޓުގެ އިތުރުން މަޖިލީސް މެމްބަރުންގެ ލިސްޓެއްވެސް މިހާރު މި ދަނީ ތައްޔާރު ކުރެވުމުންނެވެ. ރާއްޖޭގެ ތާރީޚުގައި މިހާ ބޭއިންސާފުން ރައްޔިތުންނާއި މެދު އަމަލު ކުރި ވެރިއަކު އަދި ރައްޔިތުން ދެކެފައި ނުވެއެވެ.
މި ފަސް މެމްބަރުންގެ ސަބަބުން 100 މީހުންނަށް ލިބިފައިވާ ފްލެޓްތައް ގެއްލިގެން ދާނެއެވެ. މުއިއްޒު އަކީ ކުރިންވެސް ހިޔާ ފްލެޓް ދިނުމުގައިވެސް ވައްކަން ކޮށްފައިވާ މީހެކެވެ. މިގޮތުން ހިޔާ ފްލެޓް ދިން އިރު، ލިސްޓުގައި ތިބި މީހުންގެ ނަމާއި ހުރިހާ މައުލޫމާތެއް މުއިއްޒު ވަނީ ސިއްރުކޮށްފައެވެ. އެގޮތަށް ސިއްރުކޮށްފައި ވަނި، މުއިއްޒު ބޭނުންވާ ބަޔަކަށް ފްލެޓްތައް ދިނުމަށެވެ. އާންމު ކޮށްފައި އޭރުވަނީ ސީރިއަލް ނަމްބަރެކެވެ.
ފްލެޓް ޕޯޓަލް އިން މީގެ ދެ ހަފްތާ ކުރިން މުއިއްޒު ވަނީ، ފްލެޓަށް މާކްސް ލިބިފައިވާ މިންވަރު އެނގޭހެން އޮތް އޮތުން އުނިކޮށްފައެވެ. މިހާރު އެއްވެސް މީހަކަށް ލިބުނީ ކިހާ ޕޮއިންޓެއް ކަމެއް އެނގޭކަން ނެތެވެ. މިއީ މަޖިލީސް މެމްބަރުން ބޭނުންވާ ބަޔަކަށް ފްލެޓް ބެހުމަށް މުއިއްޒު އަންގައިގެން ހައުސިންގ މިނިސްޓްރިއިން ގެނައި ބަދަލެކެވެ.
ދޮގުހެދުމާއި، ވައްކަމާއި، ފަސާދައިގައި މި ސަރުކާރު ދަނީ ހައްދުފަހަނަ އަޅާފައެވެ.