ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެމްބަރުންނަށް, އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮންނަ ތިލަފުށިން 25 އަހަރުގެ ދިގު މުއްދަތަކަށް އެކުންފުނިން ބިންތައް ދޫކުރަމުންދާކަމުގެ މައުލޫމާތު "ދިޔަވަރު އޮންލައިން"އަށް ލިބިއްޖެއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން އެޗްޑީސީގެ އިސް އޮފިޝަލަކު ކިޔައިދިން ގޮތުގައި, ތިލަފުށިން ޕީއެންސީގެ މެމްބަރުންނަށް ބިންތައް ދޫކުރަމުން ދަނީ, ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ވަކި މެމްބަރުންތަކަކަށް އެކަނިކަމުގައެވެ. އަދި އެއީ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ސީނިއަަރ މެމްބަންގެ ނަން ހިމެނޭ ލިސްޓެއް ކަމަށްވެސް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން އެޗްޑީސީގެ އޮފިޝަލު ވިދާޅުވިއެވެ.
ތިލަފުށި ކޯޕަރޭޝަންއަކީ ރައީސް ސާލިހުގެ ވެރިކަމުގައި ވަކި ކުންފުންޏެއް އުފައްދާ, އެކުންފުނީގެ ދަށުން ބަލަހައްޓަމުން އަންނަ ރަށެކެވެ. އަދި ސިނާއީ މަސައްކަތްތަކަށް އެރަށުން އަބަދުވެސް ބިން ދޫކުރަމުންދެއެވެ. އެހެންނަމަވެސް ކުރީގެ ސަރުކާރުތަކުން އެރަށުން ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރަމުން އައިސްފައިވަނީ އެންމެ މަތީ އަގު ހުށަހަޅާ ފަރާތްތަކަށް, ބިޑްގެ އުސޫލުންނެވެ.
އެހެންނަމަވެސް ރައީސް މުއިއްޒު ވެރިކަމާ ހަވާލު ވުމަށްފަހު, ވަނީ ތިލަފުށި އެޗްޑީސީގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އެއަށްފަހު, އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުރި ފެލްޓްތަކާއި އަދި ހުޅުމާލެއާއި ތިލަފުށީގެ ބިންތައް އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު ގެންދަނީ, މަޖިލިސް މެމްބަރުންނަށާއި މުއިއްޒުގެ އަރިސް މީހުންނަށް ނުއަގުގައި ދެމުންނެވެ. އޭގެ އިތުރުން ފަޒުލް ރަޝީދު ގެންދަވަނީ އޭނާގެ އަރިސް ފަރާތްތަކަށްވެސް ނުއަގުގައި ފްލެޓާއި ބިންތައް ކޮރަޕްޝަންގެ އުސޫލުން ދެމުންނެވެ. އެގޮތުން އެޗްޑީސީގެ އެމްޑީކަމާ ހަވާލު ވުމާއެކު ފަޒުން ވަނީ ނުއަގުގައި އޭނާގެ އަންހެނުންނަށް ހުޅުމާލެއިން 2,000 އަކަ ފޫޓުގެ ބޮޑު ބިމެއް ދީފައެވެ.
ރައީސް މުއިއްޒު ދާދިފަހުން މުލިއާގެއިން ބައެއް މެމްބަރުންނަށް 50,000 ރުފިޔާގެ ފައިސާގެ އިނާޔަތް ދޭން ފަށާފައިވާއިރު, ފައިސާގެ އެހީތެރިކަންވެސް ފޯރުކޮށް ދިނުމުގައި އިންސާފްވެރިކަމެއް ނެތްކަމަށް ބުނެ ބައެއް މެމްބަރުން ދަނީ ޝަކުވާ ކުރަމުންނެވެ. އެހެންނަމަވެސް, ޝަކުވާކުރާ ކޮންމެފަހަރަކުވެސް އެ މެމްބަރުންނަށް ޕީއެންސީގެ ޕީޖީގެ ލީޑަރޝިޕުން ދައްކަމުންދާ ހުވަފެނަކީ, ކޮންމެވެސް ޕްރޮޖެކްޓެއް މެމްބަރަށް ދޭނެކަމުގެ ހުވަފެން ކަމުގައިވެސް ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ޕީއެންސީގެ ޕީޖީ ގުރޫޕްގެ މެމްބަރަކު ވިދާޅުވެފައި ވެއެވެ.
އެމެމްބަރުން އިތުރަށް ވިދާޅުވި ގޮތުގައި, ސަރުކާރުގެ މާލީ ހާލަތު ދަށްވެ, އެއްވެސް ޕްރޮޖެކްޓެއް ކުރިޔަށް ނުދާތީ, އެއްވެސް މެމްބަރަކަށް ސަރުކާރުން ޕްރޮކްޓެއް ލިބޭނެކަމަށް އެއްވެސް މެމްބަރަކު މިހާރު އުއްމީދު ކުރަމުންނެއް ނުދެއެވެ.
އެގޮތުން ޕީޖީ ގުރޫޕުގައި ތިބި ސީނިއަރ 20 ވަރަކަށް މެމްބަރުން ސަރުކާރުގެ ތެރެއިން ހުރިހާ މަންފާއެއް ނަގަމުންދާކަން ޕީޖީ ގުރޫޕުގެ ޖޫނިއަރ ގިނަ މަމްބަރުންނަށް އެނގޭކަމަށްވެސް ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން މެމްބަރު ވިދާޅުވެފައިވެއެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން, ވަކިބަޔަކު ހުރިހާ ފައިދާއެއް ނަގަމުން ދިއުން ހުއްޓުވުމަށް ޖޫނިއަރ މެމްބަރުންގެ 30 ވަރަކަށް މެމްބަރުން މިހާރު އެކައްޗެއްކިއުމަށް ބައިއަތު ހިފާފައިވާކަމަށްވެސް މެމްބަރު ވިދާޅިއެވެ. އަދި އެގޮތުންވެސް ނަތީޖާ ނުނެރެވިއްޖެނަމަ އަންނަ އަހަރު މެދަކާއި ހަމައަށް ދާއިރު, ޕީއެންސީގެ ޕީޖީ ގުރޫޕު ރޫޅުމަކާއި ހަމައަށް އަންނާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސް މުއިއްޒު ފާއިތުވި ރިޔާސީ އިންތިޚާބުގައި ވެރިކަަމަށް ވަޑައިގެންނެވުމަށް ރައްޔިތުންނަށް ބޮޑެތި ދޮގުތައް ހަދާފައިވާއިރު, މުއިއްޒު މިހާރު ގެންދަވަނީ ކައިރީގައި ތިއްބެވި ގިނަ މަޖިލިސް މެމްބަރުންނަށްވެސް މަކަރާއި ހީލަތް ހަދަމުންކަމުގައި ޚުދު ޕީއެންސީގެ ގިނަ މެމްބަރުން މިހާރު ގެންދަވަނީ ވިދާޅުވަމުންނެވެ.