ޚަބަރު

ރިޕޯޓު: މި ނޫނީ ވެރިކަމުގެ ފުރަތަމަ އަހަރު ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިންގުނު ސަރުކާރެއް ދިވެހި ތާރީޚު ދެކެފައެއް ނެތް, ވެރިކަމުގެ ފުރަތަމަ އަހަރު ދުއްވާލީ ފަސްޓު ކުލާހުގަ ދަތުރު ކުރެއްވުމުގަ, ތޮޅިއަށް!

ދިޔަވަރު
ރިޕޯޓު: މި ނޫނީ ވެރިކަމުގެ ފުރަތަމަ އަހަރު ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިންގުނު ސަރުކާރެއް ދިވެހި ތާރީޚު ދެކެފައެއް ނެތް, ވެރިކަމުގެ ފުރަތަމަ އަހަރު ދުއްވާލީ ފަސްޓު ކުލާހުގަ ދަތުރު ކުރެއްވުމުގަ, ތޮޅިއަށް!

ދިވެހިރާއްޖޭ ޒަމާނީ ޑިމޮކްރަސީއަށް އަލި ވިލުނުފަހުން 15 އަހަރު ފާއިތުވެގެން ދަނީއެވެ. ފާއިތުވި 15 އަހަރެއްހާ ދުވަހުގެ ތެރޭގައި, މިރާއްޖޭގައި 5 ރައީސުން ވެރިކަން ކޮށްފިއެވެ. ދެ ސިޔާސީ ޕާޓީއަކުން ދެފަހަރެއްގެ މަތީން ވެރިކަން ކޮށްފިއެވެ. އެއްީ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމްއެވެ. މިހާރު އެއީ, ޕީޕީއެމްގެ ނަން ޚަރާބު ކޮށްލުމަށްފަހު, އެހެންނަމަވެސް ޕީޕީއެމްއެވެ.

ރާއްޖެ ދެކެމުންމިދާ ޒަމާނީ ޑިމޮކްރަސީގެ ކުރު މާޒީއަށް އެބުރި ބަލާލުމުން ފެންނާން އޮތް އެންމެ ބޮޑު ހަގީގަތަކީ, ކޮންމެ ޕާޓީއެއްވެސް ވެރިކަމަށް އަންނަނީ, ވައުދުތަކެއް ރައްޔިތުންނަށް ވިއްކައިގެން, އެ ވައުދުތައް ފޮތެއްގެ ސިފާގައި ފަރުމާކޮށް, މެނިފެސްޓޯއެއް ހިފައިގެން ކަމެވެ. އެއީ ވެރިކަމުގެ ދައުރުގައި ތަންފީޒު ކުރާނޭ ތަރައްގީގެ ޕްރޮޖެކްޓްތަކާއި, ސިޔާސަތުތަކެވެ.

އެމްޑިޕީގެ ފުރަތަމަ ވެރިކަން

އެގޮތުން ބަލާއިރު, އެންމެ ފުރަތަމަ ފާހަގަ ކޮށްލާން ޖެހެނީ ރައީސް ނަޝީދުގެ ވެރިކަމެވެ. އެއީ މި ޑީމޮކްރަސީ ދުށް އެންމެ ކުރު ވެރިކަމެވެ. ނަޝީދަށް ވެރިކަމުގައި ހުންނެވުނީ އެންމެ 2 އަހަރެއްހާ ދުވަހުގެ މުއްދަތަކަށެވެ. އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވީއެވެ. އެހެންނަަމެވެސް, އެމްޑީޕީގެ ފުރަތަމަ އެ ވެރިކަމުގައިވެސް ރާއްޖޭގެ ތަރައްގީއަށް ގިނަ މަޝްރޫޢުތަކެއް ކުރިޔަަށް ގެންދެވި, ރާއްޖެއަށް ތަރައްގީގެ މަގުން ބޮޑެތި ބަދަލުތަކާއި ކުރިއެރުންތައް ގެނެވިފައި ވެއެވެ. ޒަމާނީ ފެރީގެ ނިޒާމެއްގެ ހަގީގީ ބިންގާ އެޅިގެން ދިޔައީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައެވެ.

އޭގެ އިތުރުންވެސް, އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ފުރަތަމަ އަހަރުވެސް ވަނީ ފަޅު ފުންކުރުމާއި, ބިންހިއްކުމާއި, މަގުތައް ހެދުމާއި, ގެދޮރުވެރިކަމާއި މިހެންގޮސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފެށިގެން ގޮސްފައެވެ. އެމަޝްރޫއުތައް, ޖެހިގެން އައި ރައީސް ވަހީދުގެ ވެރިކަމުގައިވެސް ކުރިޔަށް ގެންދަވާފައިވާކަން ފާހަގަ ކޮށްލާން ޖެހެއެވެ.

ޕީޕީއެމްގެ ފުރަތަމަ ވެރިކަން

އެއަށްފަހު ދެން ފެށިގެން އައީ ރައީސް ޔާމިންގެ ވެރިކަމެވެ. އެމަނިކުފާނުގެ ވެރިކަމުގައިވެސް, ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ވެރިކަމުގެ ފުރަތަމަ އަހަރުގައިވެސް ފަށާފައިވެއެވެ. އޭގެ ތެރޭގައި އިސްވެ ދެންނެވުނު ފަދައިން, ރަށްރަށަށް ބޭނުންޖެހިފައިވާ, ފަޅުފުން ކުރުމާއި, ބިންހިއްކުމާއި, ބަނދަރުތައް މަރާމާތު ކުރުމާއި, ބޯހިޔާވަހިމަކާއި, މަގުތައް ހެދުންފަދަ އެތައް މަޝްރޫއުތަކެއް ދައުރުގެ ފުރަތަމަ އަހަރުންފެށިގެން ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެއަށްފަހު, ރައީސް ޔާމިންގެ ވެރިކަމުގައި ނިންމި ބުރިޖާއި, ދަރުމަވަންތައް ހޮސްޕިޓަލް އިމާރާތް އެއީ ތަރައްގީގެ ނިސްބަތުން ފާހަގަކޮށްލާންޖެހޭ މުހިންމު މަޝްރޫއުތަކެވެ.

އެމްޑީޕީގެ ދެވަނަ ވެރިކަން

ދެން ފެނިގެންދިޔައީ, ރާއްޖޭގެ ތަރައްގީގެ ރަން ދައުރެކެވެ. އެމްޑީޕީގެ ދެވަނަ ވެރިކަމެވެ. ރައީސް ސާލިހުގެ ވެރިކަން ފާހަގަވެން ދިޔައީ, ރާއްޖޭގެ ފަހުގެ ތާރީޚެއްގައި ތަރައްގީގެ އެންމެ ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދިޔަ ދައުރު ކަމުގައެވެ. އަދި ވަކީން ޚާއްސަ ގޮތެއްގައި, އޭގެ ކުރީގެ ސަރުކާތަކުން އަޅާނުލާ ދޫކޮށްލާފައިވާ އެތައް ރަށްތަކަކަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން, ރައްޔިތުންގެ މުހުތާދުތަކާއި ގުޅުންހުރި, ތަރައްގީގެ އެތައް މަޝްރޫޢުތަކެއް ރައީސް ސާލިހުގެ ވެރިކަމުގައި ފަށާ ނިންމާފައިވެސް ވެއެވެ. މީގެ ތެރެއިން ގިނަ ޕްރޮޖެކްޓްތައް ފެށިގެން ދިޔައީ ވެރިކަމުގެ ފުރަތަމަ އަހަރުގައިކަންވެސް ފާހަގަ ކޮށްލާން ޖެހެއެވެ. އަދި ޖެހިގެން އައި ކޯވިޑްގެ އާލަމީ ވަބާގައި, ދޮޅު އަހަރެއްހާ ދުވަހު މުޅި ގައުމު ހުއްޓުމަކަށް އައިސްފައި އޮތްނަމަވެސް, ދައުރުގެ ބާކީ ލިބުނު ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސް ސާލިހުވަނީ ތަރައްގީގެ މަގުން ތަފާތު ދައްކަވާފައިކަން މިއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.

ޕީޕީއެމްގެ ދެވަނަ ވެރިކަން

ޖެހިގެން އައީ, ހިގަމުން މިދާ ރައީސް މުއިއްޒުގެ ވެރިކަމުގެ ދައުރެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވީ "އޭ މިހިރަ ދިދަޔާއޭ" ވިދާޅުވެ, އަހުދުތަކާއި ވައުދުތައް ތަކުރާރު ކުރައްވަމުންނެވެ. ވެރިކަމުގެ ފުރަތަމަ 2 މަސްދުވަހުގެ ތެރޭގައި, 8 މަސްތެރޭ ނިންމަވާނޭކަމަށް ވައުދުވަމުން ފެށި ރަސްމާލެ މަޝްރޫއު ވެގެންދިޔައީ ބޮޑު ނަނާ ހުވަފެނަކަށެވެ. ރިޔާސީ ވައުދެއް ފުއްދުމުގެ ނަމުގައި ފެށި ސީޕްލޭން އެމްބިއުލާންސްގެ ވައުދުވެސް ވެގެންދިޔައީ ރައްޔިތުންނަށް ހަމަ އެބީދައިން ދެއްކި ނަނާ ހުވަފެނަކަށެވެ.

އާދޭހެވެ! މުއިއްޒުގެ ވެރިކަމަށް 10 މަސް ފުރެމުން ދަނީއެވެ. ތަރައްގީގެ ނަމުގައި ބޭންދި އެންމެ ގާކޮޅެއްވެސް އަދިއަދާ ހަމައަށް ފެންނާކަށް ނެތެވެ. އޭގެ ބަދަލުގައި, ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައްޔިތުންނަށް ވީހާ ވައުދަކަށް އަދިވެސް ގެންދަވަނީ ޚިޔާނާތްތެރިވެ ދޮގު ހައްދަވަމުންނެވެ.

ދައުލަތުގެ މާލީ ހާލަތު ދަށްވެ, ގައުމު ބަނޑަށް ޖެހިދާނޭކަމުގެ އިންޒާރު ދުނިޔޭގެ މާލީ އިދާރާތަކުން ދެމުން ދިޔަނަމަވެސް, މިސަރުކާރުގެ އިސްވެރިން ގެންދަވަނީ ފަސްޓު ކުލާހުގައި ދުނިޔޭގެ އެތައްމިތަނަށް އުދުހެމުންނެވެ. މާލިއްޔަތުން ކުރަމުންދާ ބޭކާރު ޚަރަދުތަކަށް މަޑުޖެހުމެއް ނެތެވެ. އެހެންނަމަވެސް, ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިންގޭ ތާގަ, މާލީ ހާލަތު ނަންކޮށް, މިސަރުކާރުން ވަނީ ސިވިލް ސާވިސް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާވެސް ހިފަހައްޓާފައެވެ. މުވައްޒަުންގެ ޕްރޮމޯޝަންތައްވެސް ވަނީ ހިފަހައްޓާފައެވެ.

ހަގީގަތުގައިވެސް, މި ނޫނީ ވެރިކަމުގެ ފުރަތަމަ އަހަރު ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިންގުނު ސަރުކާރެއް ދިވެހި ތާރީޚު ދެކެފައެއް ނުވެއެވެ. ވެރިކަމުގެ ފުރަތަމަ އަހަރު ދުއްވާލީ ފަސްޓު ކުލާހުގަ ދަތުރު ކުރެއްވުމުގަ, ތޮޅިއަށެވެ.