ޚަބަރު

ޖީއެސްޓީއާއި, ޓީޖީއެސްޓީ ބޮޑު ނުކުރާނެކަމަށް ވިދާޅުވެ މުއިއްޒު ރައްޔިތުންނަށް ދޮގު ވައުދު ވުމަށްފަހު, އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޖީއެސްޓީ ބޮޑުކޮށް, ޖޫން މަހުން ފެށިގެން ޓީޖީއެސްޓީ ބޮޑުކުރަނީ!

ދިޔަވަރު
ޖީއެސްޓީއާއި, ޓީޖީއެސްޓީ ބޮޑު ނުކުރާނެކަމަށް ވިދާޅުވެ މުއިއްޒު ރައްޔިތުންނަށް ދޮގު ވައުދު ވުމަށްފަހު, އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޖީއެސްޓީ ބޮޑުކޮށް, ޖޫން މަހުން ފެށިގެން ޓީޖީއެސްޓީ ބޮޑުކުރަނީ!

ޖީއެންސްޓީއާއި, ޓީޖީއެސްޓީ ބޮޑު ނުކުރާނެކަމަށް މުއިއްޒު ރައްޔިތުންނަށް ވީ ވައުދު އުވާލާ, އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޖީއެސްޓީ ބޮޑުކޮށް, އަދި ޖޫން މަހުން ފެށިގެން ޓީޖީއެސްޓީ ބޮޑުކުރަން ނިންމައިފިއެވެ.

އެގޮތުން ސަރުކާރުން މިހާރު ނިންމާފައިވަނީ ޓޫރިޒަމް ދާއިރާ އިން ނަގާ ޖީއެސްޓީ 17 ޕަސެންޓަށް ބޮޑު ކުރުމަށެވެ. އެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރުވަނީ ފޮނުވާފައެވެ.

ސަރުކާރުގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ހުށަހަޅާފައިވާ އެ އިސްލާހުގައިވާ ގޮތުން މިހާރު ނަގަމުން އަންނަ ގޮތަށް 16 ޕަސެންޓުގައި ޓީޖީއެސްޓީ ނަގާނީ އަންނަ އަހަރު މެއި މެހުގެ ނިޔަލަށެވެ. އެކަމަކު އެ އަހަރު ޖޫން މަހުން ފެށިގެން ޓީޖީއެސްޓީ 17 ޕަސެންޓުގައި ނަގަން ފަށާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ. އެއާ އެކު ދައުލަތަށް އިތުރަށް 200 މިލިއަން ޑޮލަރުގެ އިތުރުވުމެއް ލިބޭނެކަމަށްވެސް އަންދާޒާ ކޮށްފައި ވެއެވެ. ޓީޖީއެސްޓީގެ ބަދަލަށް އަމަލު ކުރަން ފަށަން ނިންމާފައިވަނީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެންނެވެ.

ޓީޖީއެސްޓީގެ އިތުރުން ގްރީން ޓެކްސް ވަނީ 50 ޕަސެންޓަށް އިތުރު ކުރަން ނިންމާފަ އެވެ. އެގޮތުން 50 ކޮޓަރިއަށް ވުރެ މަދުން ހިންގާ ޓޫރިޒަމް ހިދުމަތްދޭ ތަންތަން ނުވަތަ ގެސްޓްހައުސްތަކުން ތިން ޑޮލަރުގެ ބަދަލުގައި ހަ ޑޮލަރު ނަގަން ވަނީ ނިންމާފަ އެވެ. އަދި ރިސޯޓުތަކުން ނަގާނީ ޓޫރިސްޓެއްގެ ބޮލަކަށް ހަ ޑޮލަރުގެ ބަދަލުގައި 12 ޑޮލަރެވެ. އަދި އަންނަ ޓޫރިސްޓުންގެ ތެރެއިން ދެ އަހަރުން ދަށުގެ ކުދިންގެ އަތުން ގްރީން ޓެކްސް އެއް ނުނަގާނެ އެވެ. އެއަށް އަމަލު ކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުން ފެށިގެންނެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައި ވަނީ ޖީއެސްޓީގެ ޓެކްސް ބޭސް ފުޅާ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި އެހެން ނަމަވެސް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ނުކުރާނެ ކަމަށެވެ. އެހެންނަމަވެސް ފާހަގަކޮށްލާންޖެހޭ ކަމަކީ ޖީއެސްޓީގެ ޓެކްސް ބޭސް ފުޅާ ކުރެވިގެންދާއިރު, މީގެ ކުރިން %0 ގައި ޖީއެސްޓީގައި ހުރި, އާންމު ރައްޔިތުން އާންމުކޮށް ބޭނުންކުރާ އެތަކެއް އައިޓަމްތަކެއް ޓެކްސް ބްރެކެޓް ތެރެއަށް ވަދެގެން ދާނެއެވެ.

އޭގެ މާނައަކީ, ކުރިން ޓެކްސް ދައްކާ ނުޖެހިދިޔަ އެތައް އައިޓަމަކަށް މިހާރު ޓެކްސް ދައްކާން ޖެހި, އާންމު ބޭނުންތަކަށް ބޭނުންކުރާ އެތައް އައިޓަމެއްގެ އަގު ބޮޑުތަނުން އުުފުލިގެންދާނެއެވެ.

އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައިކަމަށް ބުނެ, ފަސް ކަމެއް ބަދަލު ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި؛

1. އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް އާއި ފީގެ ރޭޓް މުރާޖައާ ކުރުން.

2. ސިއްހަތަށް ގެއްލުން ހުރި ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުން.

3. ޖީއެސްޓީގެ އިދާރީ ގާނޫނު މުރާޖައާކޮށް ޓެކްސް ބޭސް ފުޅާކުރުން.

4. ގްރީން ޓެކްސްގެ ރޭޓްތައް މުރާޖައާ ކުރުން.

5. އިގްތިސާދަށް ތަފާތު ހަރަކާތްތައް އިތުރު ކުރުން.

ސަރުކާރުން ވަނީ އެއާޕޯޓް ޑިވަލޮޕްމަންޓް ޗާޖާއި ގްރީން ޓެކްސް ވެސް ބޮޑު ކުރުމަށް މަޖިލީހަށް ހުށަހަޅައިފަ އެވެ.

މި ތިން ބިލުގެ މަސައްކަތް ވެސް މާދަމާގެ އެޖެންޑާގައި ވަނީ ހިމަނައިފަ އެވެ.