ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު، މުރައިދޫ ގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތަފުސީލުތައް ސިއްރުކުރަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިއަދު ނިންމި ނިންމުން ބަދަލު ކުރަން ކުއްލި ކޮމިޓީ ބައްދަލުވުމެއް މިއަދު ހަވީރު ބޭއްވުމަށް ތާވަލުކޮށްފި އެވެ.
މިކަން ކޮށްފައި ވަނީ ރައީސް މުއިއްޒު އަންގައިގެންނެވެ. ރައީސް މުއިއްޒު އާއި އަރިސް ފަރާތަކުން ދިޔަވަރަށް މައުލޫމާތު ދިން ގޮތުގައި، މިކަން މިކުރަނީ މަޖިލީހުގެ ބާރު އޮތީ މުއިއްޒު އަތުގައި ކަން ދެއްކުމަށް ކަމަށެވެ. އޭނާ އިތުރަށް ކިޔާދިން ގޮތުގައި، މަޖިލީހުގައި މުއިއްޒަށް ވުރެ، އަދުރޭގެ ބާރު އެބަ އޮތެވެ. ނަމަވެސް، އަދުރޭ އޭގެ ބޭނުން ހިފާނެ ކަމަށް ނުބެލެވޭ ކަމަށާއި، މި ފަހަރު މުއިއްޒު އަށް މިކަން އަދުރޭ ދޫކޮށްލާނެ ކަމަށް އޭނާ މައުލޫމާތު ދިނެވެ.
އެ ބައްދަލުވުން އޮތީ މިއަދު ހަވީރު 4:00 ގަ އެވެ. އެ ބައްދަލުވުން ތާވަލު ކޮށްފައިވާކަން މަޖިލީހުގެ ބައެއް މެންބަރުން ވަނީ ކަށަވަރު ކޮށްދެއްވި އެވެ.
މިކަމުގައި ރައީސް މުއިއްޒުގެ ފެކްޝަނުގެ މީހުން އުޅުނަސް، މުއިއްޒަކަށް މުއިއްޒު ކައިރީ ތިބި ބައެއް ޔަގީން ކަމާއި އެކު ސާފެއް ނުވެއެވެ.
މުރައިދޫގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު ހާމަނުކުރަން ނިންމީ މިއަދު ހެނދުނު އޮތް 241 ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި ނިންމީ މުރައިދޫ ގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދާއި މުސާރަ ހިމެނޭހެން ތަފުސީލުތައް ހާމަނުކުރުމަށެވެ.
"އަދަދު" ނޫހަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި މައުލޫމާތު ސިއްރުކުރަން ހުށަހެޅި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އެވެ. އޭނާއަކީ މަޖިލިސް ރައީސް އަބްދުއްރަހީމްއާ އެންމެ އަރިސް އެއް މެންބަރެވެ.
މިގޮތަށް ނިންމީ އެ މައުލޫމާތު އާންމުކޮށްފި ނަމަ މަޖިލީހުގެ ރައީސްގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ދެކޭތީ ކަމަށް މި ނޫހަށް މައުލޫމާތު ލިބިފައިވެ އެވެ.
ނަމަވެސް, ކޮމިޓީގެ އެ ނިންމުމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ދަނީ ސަރުކާރަށާއި މަޖިލީހަށް ފާޑު ކިޔަމުންނެވެ.
މުރައިދޫގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތަފުސީލުތައް ހޯދަން މަޖިލީހަށް ހުށަހަޅާފައި ވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ކަމަށް ބެލެވެ އެވެ. މިކަން މައްސަލައެއްގެ ގޮތުގައި ބަލަން ފެށީ އެ ހުށަހެޅުންތަކާ ގުޅިގެން މަޖިލިސް އިދާރާއިން 241 ކޮމިޓީއަށް ސިޓީއެއް ފޮނުވުމާ ގުޅިގެންނެވެ.
މަރާމާތަށް ފަހު މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ މުރައިދޫއަށް ބަދަލުވެވަޑައިގެންނެވީ ޖުލައި 26، ގަ އެވެ. އެއަށް ފަހު އެމަނިކުފާނު ވަނީ މުރައިދޫގެ އެކި މަގާމުތަކަށް ބޭފުޅުން އައްޔަންކޮށްފަ އެވެ.
އެގޮތުން، އެ ގޭގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ) އަދި ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) ހަމަޖެއްސިކަން ނޫސްތަކުގެ ސުރުހީއަށް އެރި އެވެ. ނަމަވެސް މުރައިދޫގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދާއި ލިބޭ މުސާރައިގެ ތަފުސީލެއް ނޭނގެ އެވެ.