ދެކުނު ޗައިނާ ކަނޑަކީ އޭޝިޔާގެ ދެކުނު އިރުމަތީގައި އޮންނަ، ވަރަށް މުހިންމު ކަނޑު ސަރަހައްދެކެވެ. މި ސަރަހައްދުގައި ހިމެނޭ ގިނަ ޖަޒީރާތަކާއި ފަރުތަކުގެ މިލްކުވެރިކަމާ ގުޅޭގޮތުން ޚިލާފު އުފެދިފައިވާތާ އަހަރުތަކެއް ވެއްޖެއެވެ. މި ޚިލާފުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޗައިނާ، ވިއެޓްނާމް، ފިލިޕީންސް، މެލޭޝިއާ، ބްރޫނާއި އަދި ތައިވާނެވެ.
ޗައިނާއިން ދަޢުވާކުރަނީ މި ސަރަހައްދުގެ ބޮޑުބައެއްގެ މައްޗަށް އެ ޤައުމުގެ ތާރީޚީ ޙައްޤުތަކެއް އޮންނަ ކަމަށެވެ. މި ތާރީޚަކީ 3000 އަހަރު ކުރީގެ ތާރީޚެކެވެ. އަދި އޭރުގައި އޮތް މެޕެއްގައި އެއީ ޗައިނާގެ ތަން ކަމަށް 9 ކުދި ރޮނގުން ފާހަގަ ކޮށްފައިވާކަމަށް ބުނެއެވެ. މިފަދައިން މި ސަރަހައްދަށް ފިލިޕީންސްގެ ބާރު އޮތް ކަމަށް 3000 އަހަރު ކުރީގެ މެޕްކުން ދައްކައެވެ. މިގޮތުން، "ނައިން-ޑޭޝް ލައިން" ނަމުން މަޝްހޫރު ސަރަހައްދެއް ކަނޑައަޅައި، މި ކަނޑުގެ 90 އިންސައްތައަށްވުރެ ގިނަ ބައި އެ ޤައުމަށް ނިސްބަތްވާ ކަމަށް ބުނެއެވެ. ނަމަވެސް، އެހެން ޤައުމުތަކުން މި ދަޢުވާއާ ދެކޮޅު ހަދައެވެ.
މިކަމުގައި އިޒްރޭލާއި ޗައިނާއާއި މާކަ ބޮޑުތަފާތެއް ނެތެވެ. އިޒްރޭލުންވެސް ދައްކަނީ 3000 އެތައް އަހަރެއް ކުރިން ފަލަސްތީނަކީ އެއީ އެމީހުންގެ ބިން ކަމަށެވެ.
މި ޚިލާފު މުހިންމުވަނީ އެތައް ސަބަބަކާ ހުރެއެވެ:
- އިޤްތިޞާދީ ވަސީލަތްތައް: މި ސަރަހައްދުގައި ގިނަ އަދަދެއްގެ ތެލާއި ގޭހުގެ ރިޒާވްތައް ހުރި ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން، މަސްވެރިކަމުގެ ވަސީލަތްތައްވެސް ވަރަށް މުއްސަނދިއެވެ.
- ބައިނަލްއަޤްވާމީ ވިޔަފާރި: ދުނިޔޭގެ ތެލުގެ ތިންބައިކުޅައެއްބައި އަދި ބައިނަލްއަޤްވާމީ ކަނޑު ދަތުރުފަތުރުގެ ތިންބައިކުޅައެއްބައި މި ސަރަހައްދުން ދަތުރުކުރެއެވެ.
- ސަލާމަތީ ކަންބޮޑުވުންތައް: ޗައިނާއިން މި ސަރަހައްދުގައި އަސްކަރީ ޙަރަކާތްތައް އިތުރުކުރަމުން ދިއުމާއެކު، އެހެން ޤައުމުތަކުގެ ކަންބޮޑުވުން އިތުރުވެފައިވެއެވެ.
މި ޚިލާފު ޙައްލުކުރުމަށް އެކި ފަރާތްތަކުން މަސައްކަތްތަކެއް ކުރަމުން ދިޔަ ނަމަވެސް، މިހާތަނަށް ދެމެހެއްޓެނިވި ޙައްލެއް ލިބިފައެއް ނުވެއެވެ. 2016 ވަނަ އަހަރު، ބައިނަލްއަޤްވާމީ ކޯޓަން، ފިލިޕީންސްގެ އިޚްތިޞާސް ތެރޭގައި ހިމެނޭ ކަނޑުގެ ސަރަހައްދަށާއި، އެކަޑުގައިވާ ރަށްތަކުގެ މައްޗަށް ޗައިނާ ވެރިވެގެން އުޅޭތީ، ނިންމީ ޗައިނާގެ ދަޢުވާތަކަށް ޤާނޫނީ ހަމައެއް ނެތް ކަމަށެވެ. ނަމަވެސް، ޗައިނާއިން މި ނިންމުން ބަލައިގަތުމަށް އިންކާރުކޮށްފައިވެއެވެ.
މި ޚިލާފުގެ ސަބަބުން ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ގުޅުންތަކަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދެއެވެ. އަދި މިކަމުގެ ސަބަބުން އެމެރިކާ އާއި ޗައިނާ ދެމެދު ވާދަވެރިކަން އިތުރުވެފައިވެއެވެ. އެމެރިކާއިން ބުނަނީ ކަނޑުގެ ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމަށް މަސައްކަތްކުރާ ކަމަށެވެ. ނަމަވެސް ޗައިނާއިން ދެކޭގޮތުގައި މިއީ އެ ޤައުމުގެ ސަރަހައްދީ ސިޔާދަތަށް ނުފޫޒު ފޯރުވުމުގެ މަސައްކަތެކެވެ.
ޚުލާޞާކޮށް ބުނާނަމަ، ދެކުނު ޗައިނާ ކަނޑުގެ ޚިލާފަކީ ބައިނަލްއަޤްވާމީ ގުޅުންތަކުގެ ވަރަށް ސީރިއަސް މައްސަލައެކެވެ. މި ޚިލާފު ޙައްލުކުރުމަށް ދިގު މުއްދަތެއްގެ، ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރަން ޖެހޭނެއެވެ. އަދި މިކަމުގައި ހުރިހާ ފަރާތްތަކެއްގެ މަސްލަހަތު ހިމާޔަތްކުރެވޭނެ ގޮތަކަށް ވާހަކަދައްކައިގެން ޙައްލެއް ހޯދުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.