ޚަބަރު

މަގާމުން ވަކިކުރާ 228 ސިޔާސީ މުވައްޒަފުންނަށް ދައުލަތުގެ ކުންފުނިތަކާއި އެހެން އިދާރާތަކުން ހަމަ އެ މުސާރާގައި ވަޒިފާ ހަމަޖައްސަނީ, ގެނައި ބަދަލަކީ ބޭރު ދުނިޔެއަށް ދަޅަ ދެއްކުމަށް ގެނައި "ކޮސްމެޓިކް" ބަދަލެއް!

ދިޔަވަރު
މަގާމުން ވަކިކުރާ 228 ސިޔާސީ މުވައްޒަފުންނަށް ދައުލަތުގެ ކުންފުނިތަކާއި އެހެން އިދާރާތަކުން ހަމަ އެ މުސާރާގައި ވަޒިފާ ހަމަޖައްސަނީ,  ގެނައި ބަދަލަކީ ބޭރު ދުނިޔެއަށް ދަޅަ ދެއްކުމަށް ގެނައި "ކޮސްމެޓިކް" ބަދަލެއް!

ދައުލަތުގެ ހަރަދުކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ނިންމެވިކަން އެކްސްގައި އިއުލާން ކުރެއްވުމަށްފަހު, އެ މުވައްޒަފުންނަށް ހަމަ އެ މުސާރާގައި ދައުލަތުގެ ކުންފުނިތަކާއި އެހެނިހެން އިދާރާތަކުން ވަޒީފާ ހަމަޖެއްސައިދިނުމަށް މުއިއްޒު ނިންމަވައިފިއެވެ.

މުއިއްޒު މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން އެ މުވައްޒަފުން ކުރިއަށް އޮތް 15 ދުވަސް ތެރޭގައި މިހާރު ތިބި ވަޒީފާތަކުން ވަކިކުރަން އަންގާފައިވާނެ ކަަމަށެވެ.

އޭގެ ތެރޭގައި 7 ސްޓޭޓް މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި 109 ސެނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން 69 ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއޒު އިތުރަށް ވިދާޅުވީ އެ ބަދަލާއެކު ސަރުކާރުގެ ބަޖެޓުން މަހަކު 5.714 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ, 228 ސިޔާސީ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަމަށް މިއަދު އިއުލާން ކުރިނަމަވެސް, އެއީ ގެންނަ "ކޮސްމެޓިކް" ބަދަލެއް ކަމަށާއި, އެ މުވައްޒަފުންނަށް ހަމަ އެ މުސާރާގައި ނުވަތަ އެއަށްވުރެ ރަގަޅު މުސާރާގައި ވަޒީފާ ހަމަޖައްސާ ދޭނެކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމުގައެވެ.

ސަރުކާރުން ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން ވަޒިފާއިން ވަކިކުރާނެކަން އިއުލާން ކޮށްފައިވާއިރު, ރާއްޖޭގެ ރިޒާވް އާދަޔާ ޚިލާފަށް ދަށްވެ, އިގްތިސާދީ ހާލަތު ގޯސްވުމާއި ގުޅިގެން ބޭރުގެ އެއްވެސް ގައުމަކުންވެސް އަދި އިދާރާއަކުންވެސް މާލީ އެހީތެރިކަން ލިބުން ވަނީ ދަތިވެފައެވެ.

ބޭރުގެ އެހީތެރިކަން ރާއްޖެއަށް ލިބުން ދަތިވެފައިވަނީ, ދައުލަތުގެ ޚަރަދު ބޮޑުވެ އިސްރާފް ބޮޑުވުމާއި, ބޭންކު އޮފް މޯލްޑިވްސް ފަދަ މާލީ އިދާރާތަކުގެ އިތުބާރު މި ސަރުކާރުން ގެއްލުވާލުމައި ގުޅިގެންނެވެ.

މުވައްޒަފުންތަކެއް ވަޒިފާއިން ވަކިކުރާނެކަމަށް ބުނެ ސަރުކާރުން އޮޅުވާލަމުންދާއިރު, މިސަރުކާރުގެ އިސްވެރިން ބޭރުގައުމުތަކަށް ކުރަމުންދާ ދަތުރުތަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އަދި މުއިއްޒު ބޭނުންވާ ފަރާތްތައް އަދިވެސް ގެންދަނީ އެމްބަސީތަކާއި މިނިސްޓްރީތަކުގެ ސިޔާސީ މަގާމްތަކަށް އައްޔަން ކުރަމުންނެވެ.