ޚަބަރު

ރާއްޖޭގެ ނާއިބް ރައީސް ސެމްބެ އާއި އޭނާގެ އާއިލާ، ވަށަފަރު މުޙައްމަދު ވަޙީދުގެ ކިބައިން ސަލާމަތް ނުވެވި، ބިރުވެރި ނާމާން ކަމެއްގެ ތެރޭގައި

ދިޔަވަރު
ރާއްޖޭގެ ނާއިބް ރައީސް ސެމްބެ އާއި އޭނާގެ އާއިލާ، ވަށަފަރު މުޙައްމަދު ވަޙީދުގެ ކިބައިން ސަލާމަތް ނުވެވި، ބިރުވެރި ނާމާން ކަމެއްގެ ތެރޭގައި

ރައީސުލް ޖުމުހޫރިއްޔާގެ ނާއިބު ދިރުއުޅުއްވާ ހިލާލީގޭގެ ޗީފް އޮފް ސްޓާފްގެ މަގާމަށް މުއިއްޒު އައްޔަން ކޮށްފައިވާ ވަށަފަރު މުޙައްމަދު ވަޙީދުގެ ސަބަބުން ނާއިބް ރައީސް އަށް އޭނާ ހިލާލީގޭގައި ދިރިއުޅެން ދަތިވެ، ބިރުވެރި ކަމެއްގެ ތެރޭގައި ވަނީ އުޅެން ޖެހިކަމަށް އެތާގެ މުއައްޒަފެއް ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވައިފިއެވެ. ނާއިބް ރައީސްގެ ޒާތީ ކަންކަން ބަލައި ޖާސޫސް ކުރުމާއި، ޒާތީ ދިރިއުޅުމުގެ ތެރެއަށް ވަނުމާއި، ހިލާލީގޭގައި ސެމްބެގެ ބާރު ކަނޑުވާލައި، ބޭނުންހާ ގޮތަކަށް އޭނާ ދަނީ އަމަލު ކުރަމުންނެވެ.

މި ގޮތުން ހިލާލީ ގޭގައި މަސައްކަތް ކުރާ މުއައްޒަފު މައުލޫމާތު ދިން ގޮތުގައި، ނާއިބް ރައިސްގެ ސެކިޔުރިޓީ ޕްރޮޓަކޯލްއާއި ވަށަފަރު މުޙައްމަދު ވަޙީދު ދަނީ ތަކުރާރު ކޮށް ހިލާފު ވަމުންނެވެ. މީގެ ސަބަބުން ނާއިބް ރައީސް ނުރައްކަލަކަށް ހުށައެޅިދާނެ ފަދަ ވަގުތެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ހާމަ ކުރެއްވިއެވެ.

ގޭތެރޭގެ ކަންކަމާއި، ދިރިއުޅުމުގެ ކަންކަމުގެ ތެރެއަށް ވަދެ އިން ފަހަނަ އަޅައި ގޮސް، މުޙައްމަދު ވަޙީދު ވަނީ ނާއިބްރައީސް ފަރީއްކުޅުއްވަން ތައްޔާރު ކުރާ ކާ އެއްޗެހިވެސް އޭނާ ބޭނުންވާ ގޮތަކަށް ތައްޔާރު ކުރުމަށް އިރުޝާދު ދެމުންނެވެ. ހިލާލީ ގޭގައި މަސައްކަތް ކުރާ ފަރާތަކުން މައުލޫމާތު ދިން ގޮތުގައި ބަދިގެއަށް ވަނުމާއި، ކައްކާ ގަޑީގައި މުޙައްމަދު ވަޙީދު އުޅޭ ގޮތުން ހިލާލީގޭގެ ހުރިހާ މުއައްޒަފުންނަށްވެސް އުނދަގޫ ވެފައިވާ ކަމަށެވެ.

ވަށަފަރު މުޙައްމަދު ވަޙީދު، ނާއިބް ރައީސް އަށް ސިހުރު ހަދައި، ކާބޯތަކެއްޗަށް ސިހުރުލާ ކަމަށް ޝައްކު ކުރެވޭ ހިސާބަށް ކަންކަން ގޯސް ވެފައި ވާކަމަށާއި، ނާއިބް ރައީސް ސެމްބެއަށް ރަނގަޅަށް ނޭވާލެވޭނެ ޖާގައެއްވެސް ހިލާލީގޭގައި ނެތް ކަމަށް އޭނާ މައުލޫމާތު ދިނެވެ.

ޤައުމުގެ ނާއިބް ރައީސްގެ ކަރާމާތް ކަނޑާލައި، ޒާތީ ދިރިއުޅުމުގެ މިނިވަންކަން ގެއްލުވާލައި ބިރުވެރި ކަމެއްގެ ތެރެއަށް ވައްޓާލާފައި ވަނީ މުއިއްޒުއެވެ. ނަފްސާނީ ގޮތުން މުޅި އާއިލާ މިފަދަ ގޮތަކަށް ހައިޖެކް ކޮށްގެން މުއިއްޒު ގެންގުޅެމުން ދިޔުމަކީ އޭނާ މީހުންނަށް އިތުބާރު ނުކުރާތީ، އެންމެންނަށް ޝައްކުގެ ނަޒަރުން ބަލާތީ ކޮށްގެން އުޅޭ ނުބައި ކަމެކެވެ.

ރައީސް މުއިއްޒު ދިރިއުޅުއްވާ މުލިއާގޭގެ ޗީފް އޮފް ސްޓަރފަކަށް ހުންނަނީ އަމިއްލަ ކޮއްކޮއެވެ. މުއިއްޒު ބޭނުންވާ، މުއިއްޒަށް އިތުބާރު ކުރެވޭ މީހެއް މުއިއްޒު ކައިރީ ބަހައްޓާ ގޮތަށް، ނާއިބް ރައީސް އިތުބާރު ކުރާ ފަރާތެއް އޭނާގެ ޗީފް އޮފް ސްޓަރފަކަށް އައްޔަން ކުރެވެން ވާނެއެވެ.

އާންމު ގޮތެއްގައި ވެސް ހިލާލީގޭގެ ޗީފް އޮފް ސްޓާފަަކަށް އައްޔަން ކުރައްވަނީ އެ ގޭގައި ދިރިއުޅުއްވާ, ނާއިބު ރައީސަކު ބޭނުންވާ ބޭފުޅެކެވެ. ރައީސް ޔާމިންގެ ފުރަތަމަ ނާއިބު ރައީސް ޑރ. ޖަމީލްގެ ނާއިބު ރައީސްކަމުގައިވެސް ހިލާލީގޭގެ ޗީފް އޮފް ސްޓާފަކަށް ހުންނެވީ ޑރ. ޖަމީލްގެ އަރިސް ބޭފުޅެކެވެ.

ހަމަ އެގޮތަށް, ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމުގެ ނާއިބު ރައީސްކަމުގައިވެސް ހިލާލީގޭގެ ޗީފް އޮފް ސްޓާފަކަށް ހުންނެވީ ފައިސަލް ނަސީމު ބޭނުންފުޅުވި ބޭފުޅެކެވެ.

”ދިޔަވަރު އޮންލައިން“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސެމްބެ ހިލާލީގެއަށް ބަދަލުވެވަޑައިގަތުމުގެ މާ ކުރިން އަވަސް އަރުވާލާފައި، މުއިއްޒު ވަނީ އޭނާ ބޭނުންފުޅުވާ، މުއިއްޒުގެ އަމިއްލަ ރަށް ކަމަށްވާ ވަށަފަރަށް ނިސްބަތްވާ, ވަށަފަރު ބްލޫހައުސް މުޙައްމަދު ވަޙީދު ޙަސަން ހިލާލީގޭގެ ޗީފް އޮފް ސްޓާފަކަށް ހަމަޖެއްސާފައެވެ. މުޙައްމަދު ވަޙީދު ޙަސަންއަކީ މުއިއްޒުގެ އަރިސް, އަދި މުއިއްޒު އިތުބާރު ކުރައްވާ ބޭފުޅެކެވެ.

ނަފްސާނީ އަދި ޖިސްމާނީ ބިރުވެރި ކަމެއްގައި ރާއްޖޭގެ ނާއިބް ރައީސް އުޅެން ޖެހިފައި ވުމަކީ، ދިވެހި އެއްވެސް ރައްޔިތަކު ބަލައިގަންނަ ކަމެއް ނޫނެވެ. ސެމްބެއަށް ނާއިބް ރައީސްގެ ހައިސިއްޔަތުން އަދި ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން، ޒާތީ ދިރިއުޅުމަށް ފުރުޞަތު ލިބެން ޖެހޭނެއެވެ.