ޚަބަރު

މުއިއްޒުއަށް ފާޑުކިޔާ މީޑިއާތަކަށް ފިޔަވަޅުއަޅަން ބަޖުބޫރު ކުރުވަން, މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން މަޖިލިސް ކޮމިޓީއަށް ހާޒިރު ކުރަނީ, ބޭނުމަކީ ސަރުކާރަށް ފާޑުކިޔާ މީޑިއާތަކުގަ ކަސްތޮޅު އަޅުވާ, ޑިމޮކްރަސީގެ ހުޅުކޮޅު އަބަދައްޓަކާ ނިއްވާލުން!

ދިޔަވަރު
މުއިއްޒުއަށް ފާޑުކިޔާ މީޑިއާތަކަށް ފިޔަވަޅުއަޅަން ބަޖުބޫރު ކުރުވަން, މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން މަޖިލިސް ކޮމިޓީއަށް ހާޒިރު ކުރަނީ, ބޭނުމަކީ ސަރުކާރަށް ފާޑުކިޔާ މީޑިއާތަކުގަ ކަސްތޮޅު އަޅުވާ, ޑިމޮކްރަސީގެ ހުޅުކޮޅު އަބަދައްޓަކާ ނިއްވާލުން!

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި ބްރޯޑްކާސްޓިން ކޮމިޝަން ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ. މި ކޮމިޝަންތައް ކޮމިޓީއަށް ހާޒިރު ކުރަނީ ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސް ވެރިންނާއި ސަރުކާރުގެ އިދާރާތަކާ ގުޅޭގޮތުން ދޮގު ޚަބަރު ފަތުރާ މީޑިއާތަކަށް ފިޔަވަޅު ނާޅާ މައްސަލައާ ގުޅިގެންކަމަށް ބުނެއެވެ.

މި ނިންމުން ނިންމީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު މައްސަލަ ބަލައިދިނުމަށް އެދި ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ. ހަލީލްގެ ސިޓީގައި ބަޔާންކޮށްފައިވަނީ ރައީސް މުޙައްމަދު މުޢިއްޒު އަދި ސަރުކާރުގެ ތަޞައްވުރަށް އަސަރުކުރާ ގޮތަށް ސޯޝަލް މީޑިއާގައި ދޮގު ޚަބަރުތައް ފަތުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ މި ކަންކަން މީޑިއާ ކައުންސިލަށް ރިޕޯޓުކުރަމުން ގެންދިޔަ ނަމަވެސް، އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.

ހަލީލް ފާހަގަކޮށްފައިވަނީ މިދިޔަ ޖަނަވަރީ މަހުން ފެށިގެން 78 މައްސަލައެއް އެމްއެމްސީއަށް ހުށަހަޅާފައިވާ ކަމަށާއި، މި މައްސަލަތައް ބެލުމަށް އެދި އެމްއެމްސީގެ މެންބަރުންނާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ. އޭނާ އެދިފައިވަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެމްއެމްސީން ފިޔަވަޅު ނާޅާ ސަބަބު އޮޅުންފިލުވައިދިނުމަށެވެ.

ސިޓީގައި ދިޔަވަރު ޑޮޓްކޮމް، ކުރުސީ ޑޮޓް ކޮމް އަދި ދޮން އަމާ ޑޮޓްކޮމް ފަދަ މީޑިއާތައް ވަނީ ފާހަގަކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސުވާލުކުރުމަށް އެމްއެމްސީ އާއި ބްރޯޑްކާސްޓިން ކޮމިޝަން ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފައެވެ.

މީގެ ކުރިންވެސް މި ސަރުކާރުން ވަނީ މުއިއްޒުއަށް ފާޑު ކިޔައިގެން 3 އޮންލައިން ނޫހެއް ބްލޮކް ކޮށްފައެވެ. އޭގެ ތެރޭގައި "ދިޔަވަރު އޮންލައިން"ވެސް ހިމެނެއެވެ. އެހެންނަމަވެސް "ދިޔަވަރު އޮންލައިން"އިން ބުނެފައިވަނީ އެނޫހުން ގެންނަ ހުރިހާ ޚަބަރެއްވެސް ގެންނަމުންދަނީ ޚަބަރުގެ ދެތު ދޮގު ކަށަވަރު ކުރުމަށްފަހުގައި ކަމުގައެވެ. އަދި ޚަބަރެއް ޝާއިއު ކުރިނަމަވެސް, ދޮގު ޚަބަރެއްކަން ސާބިތު ވެއްޖެނަމަ, އޮންނަ އުސޫލުގެ ތެރެއިން އެމައުލޫމާތެ އިސްލާހުކުރާކަމަށްވެސް އެނޫހުން ބުނެފައި ވެއެވެ.

"ދިޔަވަރު އޮންލައިން"އިން އިތުރަށް ބުނެފައިވަނީ އެނޫހުން ޝާއިއުކުރި އެއްވެސް ޚަބަރަކާއި ގުޅިގެން މިހާތަނަށް އެއްވެސް ފަރާތަކުން ޝަކުވާއެއް ކޮށްފައި ނުވާކަމަށާއި, ސަރުކާރުން އެނޫހަށް ފިޔަވަޅު އެޅުމަށް މަޖުބޫރު ކުރަމުންދަނީ މި ސަރުކާރު ޒިންމާދާރު ކުރުމަށް އެނޫހުންް ކުރަމުން އަންނަ މަސައްކަތް ހުއްޓުވާލުމުގެ މަގުސަދުގައި ކަމުގައެވެ.

އަދި އެއީ މި ވެރިކަމުގައި ނިއްވާ ނުލެވި އޮތް, ޑިމޮކްރަސީގެ ހަމައެކަނި ހުޅުކޮޅު ނިއްވާލުމުގެ ނުބައި މަގުސަދުގައި މުއިއްޒު އަޑީގައި ހުންނަވައިގެން މިނިވަން މީޑިއާއާއި ދެކޮޅަށް ހިންގަމުންދާ ޖަރީމާއެއްގެ ގޮތުގައިވެސް ސަރުކާރުގެ މި އަމަލު އެނޫހުން ސިފަ ކޮށްފައި ވެއެވެ.

މުއިއްޒު ފާހަގަ ކުރެވެނީ, މީޑިއާތަކުން ކިޔާ ފާޑު ކިޔުންތައް ހަޖަމު ނުވާ, އަދި މީޑިއާތަކާ ބީރައްޓެހި ރައީސެއްގެ ގޮތުގައެވެ.