ބޭރުގެ އެއްވެސް ފަރާތަކުން ބީއެމްއެލްގެ ސީއީއޯ މަޤާމަށް ކުރިމަތި ނުލުމުން، އެމްއެމްޕީއާރުސީގެ ވައްކަމުގެ ބައިވެރިޔަކު އެ މަޤާމަށް ހަމަ ޖައްސައިފިއެވެ.
ބޭރުގެ އެއްވެސް ފަރާތަކުން މި މަޤާމަށް ކުރިމަތި ލާފައި ނުވަނީ، ބީއެމްއެލް އަށް ބަޣާވާތް ކުރުމުގެ ތުހުމަތު ކޮށްފައިވާތީއެވެ. އަދި ސީއީއޯ އަކަށް އަންނަ މީހާއަށް ބޭންކުގެ ފައިދާއަށްޓަކައި މަސައްކަތް ކުރެވޭނެ މާހައުލެއް ނެތި، ރައީސް މުއިއްޒު ބޭންކް އޮފް މޯލްޑިވްސް ހައިޖެކް ކޮށްފައިވާތީ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގެ ތުހުމަތު ތަކެއްވެސް ޝަރީފަށް ކުރެވުނެވެ. އެ މައްސަލަ ބެލި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ޝަރީފު ދޮގު މައުލޫމާތު ދިން ކަމަށް ބުނެ މަޖިލީހުން އެ މައްސަލަ ފުލުހުންނަށް ވެސް ފޮނުވި އެވެ. ނަމަވެސް ސިޔާސީ ނުފޫޒުން އެކަމުން ޝަރީފް ވަނީ ބޯ ދަމާގަނެފައެވެ.
މުއިއްޒު ވަނީ ބީއެމްއެލް ބޯޑަށް ރާއްޖޭގެ ތާރީޚުގައި ދުވަހަކު ސިޔާސީ މީހުން ނެތް ވަރަށް ލައި، ހުރިހާ ބާރުތައް ނަގާފައެވެ.
މުއިއްޒު ދަނީ ބޭންކުގައި ޑޮލަރު ބެހެއްޓުމަށް މަޖުބޫރު ކުރުވުމަށް ރިސޯޓްތަކާއި ދެކޮޅަށް ޤަވާއިދުތައް ނެރެފައެވެ. މި ނެރެފައިވާ ޤަވާއިދު ތަކުން ރިސޯޓްތަކުން ބީއެމްއެލް ފަދަ ބޭންކަކަށް ޑޮލަރު ވައްދައިފިނަމަ، އެފައިސާ އަނބުރައި ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް މިއަދަކު ނެތެވެ.
ރާއްޖޭގެ އެހެން އެސްއޯއީތައް ވައްކަން ކުރުމަށް މުއިއްޒު ބޭނުން ކުރާ ބީދައިން، ބީއެމްއެލް ސިޔާސީ ކޮށް ވައްކަން ކުރުމަށް ބޭނުން ކުރުމަށް މުއިއްޒު ދަނީ މަސައްކަތް ކުރަމުންނެވެ.