ރިޕޯޓު

މަޖިލީހަށް މީޑިޔާ ކައުންސިލް ހާޒިރު ކުރަނީ މީޑިޔާ ކައުންސިލަށާއި، ނޫސްތަކަށް ބިރު ދެއްކުމުގެ ބޭނުމުގައި

ދިޔަވަރު
މަޖިލީހަށް މީޑިޔާ ކައުންސިލް ހާޒިރު ކުރަނީ މީޑިޔާ ކައުންސިލަށާއި، ނޫސްތަކަށް ބިރު ދެއްކުމުގެ ބޭނުމުގައި

ރަށްރަށުގައި ކަތީބުން، ކުދިން ރަށު އޮފީހަށް ހާޒިރު ކޮށް، އަދި ގިނަވަގުތު އޮފީސް ތެރޭ ބައިތިއްބައި، ސުވާލު ކުރުވާ ބަޔާން ނަގާ އުޅުނު ދުވަސް މާޒީވެ ގޮސްފިއެވެ. ކުށެއް ކޮށްގެން ކަމެއް ކޮށްގެން ނޫނެވެ. ރަށު ކަތީބު ނުރުހޭ އާއިލާއެއްގެ މީހަކަށް ވުމުންނެވެ. ނޫނީ އޭނާގެ ކުރާ ކޮންމެވެސް ކަމަކުން ކަތީބަށް އެކަން މާބޮޑު ނުކުސާނަކަށް ވަނީއެވެ. އެހެންވީމާ ބިރެއް ދައްކައިގެން މައިތިރި ކޮށްލަން ވެގެންނެވެ.

މިއަދު ކަތީބަކު ނެތެވެ. އެ ޒާތަށް ރަށު އޮފީހަށް މީހަކު ހާޒިރު ކޮށެއް ނޫޅެއެވެ. ދިވެހިން އެފަދަ ކަންކަމަށް ނުސިހެއެވެ. ބިރެއް ނުގަނެއެވެ. އެޒަމާނު މީހަކު ރަށު އޮފީހަށް ހާޒިރު ކޮށްގެން އޭނާ ބިރު ގަތޭ ބުންޏަސް މިއަދު އަންނާނީ އަމަށަކު ހިންޏެއް ނޫނެވެ.

ކަތީބުގެ ދައުރު މިއަދު އަދާ މިކުރަނީ ރައީސް އޮފީހުންނެވެ. ބޭނުންވަނީ މީޑިޔާ ކައުންސިލާއި މީޑިޔާތައް ބިރު ގެންނެވުމެވެ. މަޖިލީހަށް ހާޒިރުކޮށްގެން މީޑިޔާ ކައުންސިލްގައި ތިބި ބަޔަކު ބިރު ގަންނާނެ ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށް ހީވެ، ރައީސް އޮފީހުން މަޖިލީހަށް ސިޓި ފޮނުވައި، ހެދީމާ އެކަން އެވަނީ ޖޯކަކަށެވެ.

މީގެ އަހަރުތަކެއް ފަހުން، އެވާހަކަތައް ތަރީޚުން ކިޔާ މީހުންނަށް މުއިއްޒު ސިފަވާނީ މިހާރު ދިވެހިންނަށް އޭރުގެ ކަތީބުން ސިފަވި ގޮތަށެވެ. ބޮޑު ޖޯކަކަށެވެ. ޑިމޮކްރަސީގެ ހަމަތަކާއި ޤާނޫނާއި ބީރައްޓެހި މީހެއް ގޮތުގައެވެ.

ޤާނޫނުން ލިބިދޭ މިނިވަން ކަމުން ޑިމޮކްރަސީގެ އަސާސް އަކަށް ބާރު ފޮރުވުމަށް، ބިރު ދައްކަން މަޖިލީހަށް ހާޒިރުކުރާ ކުރުން ވާނީ، ޑިމޮކްރަސީއާއި ދެކޮޅަށް މުއިއްޒު ހިންގި ފިނޑި އަމަލަކަށެވެ. ތާރީޚުގައި ލިޔެވިގެން ދާނީ އެހެންނެވެ. މުއިއްޒުގެ ލެގަސީއެއް ގޮތުގައި މީގެ 100 އަހަރު ފަހުން ފެންނަން އޮންނާނީ، މަޖިލީހަށް ރައީސް އޮފީހުން ފޮނުވި އެ ސިޓީފުޅެވެ. ތާރީހުގެ ފަތްފުއްތަކަށް ލެވިގެންދާނީ އެ ލިޔުމެވެ. އެއަށް އިތުރުވެގެން ދާނީ ދޮގު ވައުދު ފޮތެވެ. ނުފުއްދުނު ވައުދުތަކެވެ. މިއީ މުއިއްޒު އަމަލުތަކުން ގާއިމު ވެގެންދާނެ ލެގަސީ ކަމާއި މެދު މިހާރު ޝައްކެއް ނެތެވެ.

މުއިއްޒުގެ އަގު ވައްޓާލަނީކީ ނޫސްވެރިންނެއް ނޫނެވެ. އެކަން ކުރަނީ ރައީސް މުއިއްޒުއެވެ. ކެންޑިޑޭޓު މުއިއްޒު އާއި ރައީސް މުއިއްޒު ދިވެހި ރައްޔިތުންނަށް ވެފައިވާ ވައުދުތަކާއި ޚިލާފަށް، ރައީސް މުއިއްޒު ދޮގު ހަދަމުންދާ މަންޒަރު ރައްޔިތުންނަށް ފޮރުވޭނެތޯއެވެ؟ ނޫސްތައް ބަންދުކޮށް ބިރުދައްކައިގެން އެކަން ފޮރުވޭނެތޯއެވެ؟

ބައްލަވާށެވެ. މިއީ ކުޑަ މިސާލެކެވެ. ޓެކްސް ބޮޑު ނުކުރާނެ ކަމަށް މުއިއްޒު ވިދާޅުވީ ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގައެވެ. އޭގެ ރިކޯޑިންގ އެހެރީއެވެ. ރައީސް މުއިއްޒުވެސް، ކެންޑިޑޭޓް މުއިއްޒު ބަހުސްގައި ދެއްކެވި ވާހަކަތައް ކަށަވަރުކޮށް، ޓެކްސް ބޮޑު ނުކުރާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، ތިމަންނާ ދޮގު ނަހަދާނެކަމަށް ވިދާޅުވެ ދެއްކެވި ވާހަކަވެސް ހަމަ އެހެރީއެވެ. އެ ހުރިހާ ވާހަކަ އެއް ދެއްކުމަށް ފަހު، އެ ނިންމެވީ ހަމަ ޓެކްސް ބޮޑު ކުރާށެވެ. ރާއްޖޭގެ ނޫސްތަކުން "މުއިއްޒުގެ އަގުވައްޓާލަން" އެވާހަކަ ލިޔުނަސް ނުލިޔުނަސް، އެކަން ދިވެހިންނަކަށް ސިއްރެއް ނުކުރެވޭނެއެވެ. އަދި މުއިއްޒު އެކަމުގައި ރައްޔިތުންނަށް ފާޅުގައި ކަނޑައެޅިގެން ދޮގު ނަހަދާ ކަމަކަށްވެސް ނުވާނެއެވެ. އެހެންކަމުން ދޮގު ހަދަނީ ނޫސްތަކުންތޯ ނުވަތަ ރައީސުލްޖުމްހޫރިއްޔާތޯ ނޭނގިގެން އޮޅިގެން ދިވެހި އެއްވެސް ރައްޔިތަކު މިހާރު ނޫޅެއެވެ.

7000 މީހުންނަށް ވަޒީފާ ދިން ކަމަށް ބުނެ އަދަދު ނޫހުން ލިޔުނު ވާހަކަ ދޮގުކޮށް، ރައީސްގެ ސްޕޯކްސް ޕާރސަން ހީނާ ވަލީދު ޕީސީބީއިން ހާމަކޮށްފައިވާ ހިސާބުތަކާއި ގުޅޭ ގޮތުންވެސް ހެއްދެވީ ދޮގެވެ. އެއީ ކޮންމެ މީހަކަށްވެސް ޕީސީބީ ވެބްސައިޓުން ފެންނަން ހުރި މައުލޫމާތެވެ. މިހާ ސާފުކޮށް ފެންނަން ހުންނަ ކަންކަމުގައިވެސް ތި ހައްދަވަނީ ދޮގެވެ. މީގެ އިތުރުން އާރުޓީއައި ފޮނުވައިގެންވެސް ސިޔާސީ މުއައްޒަފުންގެ އަދަދު ހާމަ ނުކޮށް އެކަން ވަންހާނާ ކޮށްގެން ހިފަހައްޓައިގެން އުޅެނީ ރައީސް މުއިއްޒު ނޫންތޯއެވެ؟ މިއީ ފާއިތުވި ދެދުވަސް ތެރޭ ފާޅުވި ދެ ދޮގެވެ. ނަމަވެސް އާރުޓީއައި ލާން ނުޖެހޭނެ ކަމަށާއި، ސިއްރު ކުރާނެ މައުލޫމާތެއް ނޯންނާނެ ކަމަށް ވިދާޅުވެ ދޮގު ހެއްދެވީވެސް ހަމަ ރައީސް މުއިއްޒު ނޫންތޯއެވެ؟

މަތީގައި މި ހިމަނާލީ، ފުރަތަމަ ރައީސް މުއިއްޒު ހައްދަވާފައިވާ ދޮގާކާއި، ދެވަނައަށް ރައީސްގެ ސްޕޯކްސް ޕާސަން ހަދާފައިވާ ދޮގެކެވެ. މި ގޮތަށް ދޮގު ހައްދަވަމުން ތި ވިދާޅުވަނީ ނޫސްތަކުން "ރައީސް މުއިއްޒުގެ އަގު ވައްޓާލަން ދޮގު" ހަދާ ވާހަކައެވެ. ދާދި ފަހުން އަޅުގަނޑުމެން ލިޔުނު ޚަބަރެއްގައި "”ރާއްޖޭގެ ނާއިބް ރައީސް ސެމްބެ އާއި އޭނާގެ އާއިލާ، ވަށަފަރު މުޙައްމަދު ވަޙީދުގެ ކިބައިން ސަލާމަތް ނުވެވި، ބިރުވެރި ނާމާން ކަމެއްގެ ތެރޭގައި" ކަމަށް ލިޔުނީމެވެ. ރައީސް އޮފީހުން މި ޚަބަރު ދޮގު ކޮށްފާނެއެވެ. ދެން އެވާހަކަ އެ ގޮތަށް މީޑިޔާ ކައުންސިލުންނާއި، ބްރޯޑްކޮމް އިން ޤާބޫލު ކުރަން ވީތޯއެވެ؟ އެއީ ދޮގެއްކަން ސާބިތުކުރުމަށް، ނާއިބް ރައީސްގެ ހާލަތު ޔަގީން ކޮށްދެވޭނެ ގޮތެއް ޚަލީލަށް ނުވަތަ ފިރުޒުލް އަށް އެބަ އޮތްތޯއެވެ؟ އަދި މިއީ ދޮގު ޚަބަރެއް ކަމަށް ކަނޑައެޅޭނެ ވަރުގެ ހެކި މީޑިޔާ ކައުންސިލަށް އަމިއްލައަށް ހޯދޭނެތޯއެވެ؟ އެފަދަ ގޮތެއް ނެތެވެ. އޮތީ ޚަލީލު ބަސް އެކަންޏެވެ. އަޅުގަނޑުމެންގެ ބަހަކީ މުއުތަބަރު ފަރާތަކުން ލިބުނު ސައްޙަ މައުލޫމާތެވެ.

ނަމަވެސް ކޮންމެ މީހަކުވެސް ސަބަބުވެރިކޮށް ވިސްނާލާފި ނަމަ، ނާއިބް ރައީސްގެ ޗީއޮފް ސްޓާފަކަށް ނާއިބް ރައީސް ނުދަންނަ، މުއިއްޒުގެ ގާތް ވަށަފަރު މީހަކު ލުމުން، ނާއިބް ރައީސްގެ ޒާތީ ދިރިއުޅުމަށް ހިޔަނި އެޅޭނެ މިންވަރު އެނގޭނެއެވެ.

ޚަލީލު އަކީ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށާއި، އަދި ޕީޕީއެމް އަށް ވެސް މީޑިޔާއާއި ގުޅޭ ގޮތުން ލަފާ ފޯރުކޮށްދިން ފަރާތެކެވެ. ރައީސް ސޯލިހްުގެ ކެމްޕެއިންގެ މީޑިޔާ ޓީމުގައި ހިމަނައި ދިނުމަށް މިނިސްޓަރުން ހިމެނޭހެން ތަފާތު އެކި ފަރާތްތައް މެދުވެރިކޮށް ރައީސް ސޯލިހުގެ ކިބައިން ޚަލީލު އެދިފައިވާކަން އެނގޭ އެތައް ބަޔަކު އެބަތިއްބެވެ. މިކަން މީޑިޔާ ކައުންސިލްގައި ތިބި ނޫސްވެރިންނަށް ހެއްކާއި އެކު ހޯދާލުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ. އެހެންކަމުން މިފަދަ މަކަރުވެރި ހީލަތްތެރި މީހެއްގެ ބަހަށް މީޑިޔާ ކައުންސިލް ފަދަ ތަނެއް ހެއްލޭނެ ކަމުގައި ޤަބޫލެއް ނުކުރެވެއެވެ.

ދިޔަވަރު ނޫހުން މީގެ މަސްދުވަސް ކުރިން، އެމްޑީއޭގެ ރައީސް ސަން ސިޔާމް، އޮކްޓޮމްބަރު މަހު ފުރަތަމަ ހަފްތާގައި ކައިވެނި ބައްލަވާ ގަންނާނެ ވާހަކަ ލިޔުނީމެވެ. ކަން އެގޮތަށް ހިނގިއެވެ. ހަބަރު ރިޕޯޓް ކުރުމުގައި، އަޅުގަނޑުމެން އެންމެ އިސްކަމެއް ދެނީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް ތެދު ޚަބަރު ގެނެސްދިނުމަށެވެ.

މުއިއްޒުގެ އަގު ވައްޓާލަން ނޫހަކުން ބަޔަކު ދޮގު ހަދާކަށް ނުޖެހެއެވެ. އެވަރަށް މުއިއްޒު ހަދާ ދޮގުތަކުން، އަމިއްލައަށް މުއިއްޒުގެ އަގު ދަނީ ވެއްޓެމުންނެވެ. މީޑިއާ ކައުންސިލް އަދި ބްރޯޑްކޮމް ގައި ތިބި ފަރާތްތަކަށް މިކަން އޮޅިވަޑައިގެންފައެއް ނޯންނާނެއެވެ. އަދި ދިވެހި އެއްވެސް ރައްޔިތަކަށް މިކަން އޮޅިފައެއްވެސް ނެތެވެ. މިކަންވެސް އޮޅުވާލަން މަސައްކަތް މިކުރަނީ ރައީސް އޮފީހުންނެވެ. އަގު ވެއްޓެނީ އެހެންވެއެވެ.

ނޫސްވެރިން އެމީހުންގެ ޒިންމާ އަދާ ކުރާނެއެވެ. ރައީސް މުއިއްޒު ބޮޑުކަތީބު ހެދުނަކަސް، މީޑިއާ ކައުންސިލް އެއް ނުސިހޭނެއެވެ. ތެދު ޚަބަރު ހީނާ ލައްވާ ގެނެސްދޭށެވެ. ތިވަރަށް ދޮގު ނަހަދުވާށެވެ. ރައީސްވެސް ނޫސްވެރިންނާއި ބައްދަލު ކުރައްވާށެވެ. ތެދު ބަހުން ޖަވާބު ދެއްވާށެވެ. މުއިއްޒުގެ ކޮންމެވެސް ދޮގެ ފަޅާ ނާރާ ހަފްތާއެއް އަދި ނުދެއެވެ. މިވަރަށް ދޮގު ފަޅާއަރާނީ، ކެންޑިޑޭޓު މުއިއްޒު ދެއްކި ވާހަކަތަކާއި ރައީސް މުއިއްޒުގެ އަމަލާއި ދިމާނުވެ، މި ދެމީހުން ލައްކަ ދޮގުތަކެއް ހަދާތީ ނޫންތޯއެވެ؟