މާލެ-ހުޅުމާލެ ހައިވޭގައި ސޯލާ ޕެނަލް ހަރުކުރަން ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓުގައި ހުންނެވި އިރުގައި ކަމަށް މި ސަރުކާރުން މިއަދު ބުނެފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހައިވޭގައި ސޯލާ ޕެނަލް ހަރުކުރަން ނިންމާފައި ވަނީ 2017 ވަނަ އަހަރު މިހާރުގެ އިންތިހާބީ ރައީސް ޑރ. މުއިއްޒު ކެބިނެޓް މިނިސްޓަރެއްގެ ގޮތުގައި ހިމެނިވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔަމީނުގެ ވެރިކަމުގައި ކަމަށެވެ.
މުއިއްޒު ވަނީ އެއީ މިސަރުކާރުގެ ޕްރޮޖެކްޓެއް ކަމަށް ބުނެ، މަލަމަތީގެ ރީތިކަން ގެއްލެނީ ކަމަށް ބުނެ އެތައް ރައްޔިތުންނެއް ކުރިމަތީ އެކަމާއި ގުޅިގެން މިސަރުކާރަށް ފާޑު ކިޔާފައެވެ. މި ނޫހަށް ކުރިން މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޕްރޮޖެކްޓް ބަދަލުކުރުމަށް މުއިއްޒު މަސައްކަތް ކުރަނީ މަޖްލިސް ކެމްޕެއިންނަށް މި ޕްރޮޖެކްޓް ހިނގާފަރާތަށް މި މަޝްރޫޢު ބޮޑު އަގުގައިދީ، ކެމްޕެއިނަށް އެފައިސާ ނެގުމަށެވެ.
މިނިސްޓްރީން ހާމަކުރީ ހައިވޭގައި ސޯލާ ނިޒާމެއް ގާއިމްކުރުމުގެ މަޝްރޫއަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން މިހާތަނަށް ކުރިއަށް ގެންދިޔަ އެންމެ ބޮޑު ޕްރައިވެޓް އެއް އިންވެސްޓްމަންޓް ކަމަށެވެ. އެއީ 2010 ވަނަ އަހަރު އެކުލަވާލި ކާބަން ނިއުޓްރަލް އިންވެސްޓްމަންޓް ޕްލޭންގެ ދަށުން ފެށި ހަރަކާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިންގި މަޝްރޫއު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.