ސަރުކާރު ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި އޮތް ޕީޕީއެމް ސެނެޓްގެ ބައްދަލުވުމެއް މިއަދު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ. އެނގިފައިވާ ގޮތުގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕީއެމްގެ ސެނެޓްގެ ބައްދަލުވުމަކީ, އަދިވެސް ރާއްޖޭގެ އެންމެ ބޮޑު އެއް ޕާޓީގެ ގޮތުގައި އޮތް ޕީޕީއެމް އުވާލުމުގެ ގޮތުން ބާއްވާ ސެނެޓް ބައްދަލުވުމެކެވެ.
މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މެންދުރު ފަހު 2:00 ގައި ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީ އޮފީހުގައެވެ.
މި ބައްދަލުވުމުގެ އެޖެންޑާ އަދި ހާމައެއް ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، "ދިޔަވަރު އޮންލައިން" އަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި, މި ބައްދަލުވުމުގެ އެޖެންޑާގައި އޮތީ ޕާޓީ އުވާލުމާ މެދު ގޮތެއް ނިންމުމެވެ.
ޕީޕީއެމްގެ ހިންގާ ގަވާއިދުގައި ބުނެފައިވާ ގޮތުން އެ ޕާޓީ ހިންގުމަށް ދަތިވާ ވަރަށް ޕާޓީ ގެ މާލީ ހާލަތު ދަށްވެ، ޕާޓީގެ ލީޑާޝިޕުން، ސެނެޓަށް ހުށަހަޅައި އެކަން ދިރާސާ ކުރުމަށް ފަހު ޕާޓީ އުވާލަން ޖެހޭ ކަމަށް ސެނެޓުގެ ހަތަރު ބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ ޕާޓީ އުވާލެވިދާނެއެވެ.
ޕީޕީއެމްގެ ސެނެޓުގައި މި ސަރުކާރުގެ ބައެއް ވަޒީރުން އެބަތިއްބެވިއެވެ. އޭގެ ތެރޭގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނު އާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ހިމެނިވަޑައިގަންނަވައެވެ.
ޕީޕީއެމް އުވާލުމުގެ ވާހަކަތައް ދެކެވޭ އިރު ޕީއެންސީ އަށް މެމްބަރުން އިތުރު ކުރުމުގެ ބޮޑު ހަރަކާތެއް ވަނީ ފަށައިފައެވެ. ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ކޮންމެ މެމްބަރަކު ވެސް 300 މެމްބަރުން ޕީއެންސީއަށް ވެއްދުމަށެވެ. އެހެންނަމަވެސް މިކެމްޕޭންގައި ޕީއެންސީއަށް މެމްބަރުން ވައްދަމުން އަންނަނީ ސަރުކާރުގެ އެކި ކުންފުނިތަކުގައި ތިބި މުވައްޒަފުންނަށް މަޖުބޫރު ކޮށްގެން, ވަޒީފާގެ ބިރު ދައްކައިގެންނެވެ.
މުއިއްޒު ޕީޕީއެމް އުވާލުމަށް ބޭނުންވެގެން އުޅެނީ ރައީސް ޔާމިންގެ މައްޗަށް އޮތް ޒާތީ ހަސަދައާއި, އަދި އެ ޕާޓީ ވުޖޫދުގަ އޮވެއްޖެނަމަ, މުއިއްޒުގެ އަތުގައި އޮތް ސިޔާސީ ބާރުވެރިކަން ނެތި ގެއްލިގެން ހިގައިދާނެކަމުގެ ބިރަށް ކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ޕީޕީއެމް އަދި ޕީއެންސީގެ ބައެއް އޮފިޝަލުން ވިދާޅުވެފައި ވެއެވެ.