ޚަބަރު

ފަލަސްތީނުގެ ޓެލެތޯން އިން ހޯދި 19 މިލިއަން ރުފިޔާ ހަވާލު ކުރިކަމުގެ އެއްވެސް ލިޔުމެއް ސަރުކާރަކަށް ނުދެއްކުނު

ދިޔަވަރު
ފަލަސްތީނުގެ ޓެލެތޯން އިން ހޯދި 19 މިލިއަން ރުފިޔާ ހަވާލު ކުރިކަމުގެ އެއްވެސް ލިޔުމެއް ސަރުކާރަކަށް ނުދެއްކުނު

ޖޫން މަހު 12 ވަނަ ދުވަހު ހެނދުނު 08:00 އިން ރޭގަނޑު 00:00 އަށް ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ޕީއެސްއެމް އާއި ރާއްޖޭގެ ގިނަ މީޑިއާތައް ގުޅިގެން "ފަލަސްތީނާއެކު ދިވެހިން"ގެ ނަމުގައި ކުރިއަށް ގެންދިޔަ ހާއްސަ ޓެލެތޯން އަށް ވަނީ 19،186،815.5 ރުފިޔާ ލިބިފައެވެ.

03 ޖުލައި 2024 ގައި މި ފައިސާ ފޮރިން މިނިސްޓްރީ އާ ހަވާލު ކުރުމަށް ޕީއެސްއެމްގައި ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސް، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު، އޭރުގެ ފޮރިންގ މިނިސްޓަރ މޫސާ ޒަމީރު އާއި މިފައިސާ ހަވާލު ކުރިއެވެ.

ސަރުކާރުން ހަދާ ދޮގުތަކާއި، ކުރާ ވައްކަން އިންތިހާއަށް އިތުރުވެފައިވާތީ، ސަރުކާރަށް އިތުބާރު ކުރަން ދަތި ވާތީ، 2024 ވަނަ އަހަރުގެ އޮގަސްޓް މަހު 14 ވަނަ ދުވަހު، އަފްރާޙް އިސްމާޢީލް ކިޔާ ދިވެހި ރައްޔިތަކު ޕީއެސްއެމް (ޕަބްލިކް ސަރވިސް މީޑިއާ) ޓެލެތޯނުން ޣައްޒާ އިމަޖެންސީ ރިލީފް ފަންޑަށް ޖަމާކުރެވުނު ފައިސާ ބެލެހެއްޓިގޮތާއި ބޭނުންކުރެވުނު ގޮތާ ބެހޭ މަޢުލޫމާތު ހޯދުމަށް އެދުނެވެ.

ހާދިސާތައް ހިނގާދިޔަ ގޮތް

  1. 14 އޮގަސްޓް 2024: އަފްރާޙް އިސްމާޢީލް، ޕީއެސްއެމް ޓެލެތޯނުން އެއްކުރެވުނު ފައިސާ ޚަރަދުކުރެވުނު ގޮތުގެ މަޢުލޫމާތު ހޯދުމަށް މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހުށައެޅިއެވެ.
  2. 20 އޮގަސްޓް 2024: ޕީއެސްއެމްއިން ޔޫއެންއާރްޑަބްލިޔޫއޭ (ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީވާ އދ. ގެ އޭޖެންސީ) އަށް ފައިސާ ޙަވާލުކުރުމަށް ލައިވް ޕްރޮގްރާމެއް ބާއްވައެވެ.
  3. އަފްރާހް އެދުނު މައުލޫމާތުގެ ޕީއެސްއެމްއިން ސިޓީއަކުން 9 ސެޕްޓެމްބަރ 2024 ތާރީޚް ޖަހައި 25 ސެޕްޓެމްބަރ 2024 ގައި ފޮނުވިއެވެ. ނަމަވެސް މި ސިޓީގައި ރަސްމީ ސިޓީއެއްގައި ހުންނަންޖެހޭ ކަންކަން ފުރިހަމަނުވާކަމަށް އޭނާ ފާހަގަ ކޮށްފައި ވެއެވެ.
  4. މި ޖަވާބު ލިބިފައިވަނީ، އެންމެ ފުރަތަމަ މައުލޫމާތަށް އެދި ހުށަހެޅި ތާރީޚުން ފެށިގެން 42 ދުވަސް ފަހުންނެވެ. ޤާނޫނުގައި ބުނާ މުއްދަތު ތެރޭ ޖަވާބެއް ނުދެއްވައެވެ. ޤަވާއިދުގައި ވަނީ 21 ދުވަސް ތެރޭ ޖަވާބު ދިނުމެވެ.
  5. ފުރިހަމަނޫން ޖަވާބެއް ލިބުމާ ގުޅިގެން، އަފްރާޙް އިސްމާޢީލް އެކަން މުރާޖަޢާ ކޮމިޓީއަށް ހުށަހަޅައި، ފުރިހަމަ ޖަވާބަކާއި އެކަމާގުޅޭ ލިޔެކިޔުންތައް ހޯދުމަށް އެދުނެވެ.
  6. ޕީއެސްއެމްއިން އެކަށީގެންވާ ގޮތެއްގައި ފުރަތަމަ ހުށަހެޅުމަށް ޖަވާބު ނުދިނުމާ ގުޅިގެން އަޑުއެހުމެއް ބޭއްވެއެވެ. މި އަޑު އެހުމުގައި، އެފައިސާ ފަލަސްތީނަށް ހަވާލު ކުރި ކަމުގެ ރިސިޕްޓު ނުވަތަ ހެކި ހުރި އެއްވެސް ލިޔުމެއް ޕީއެސްއެމް އިން ހުށައަޅާފައި ނުވެއެވެ.

ޕީއެސްއެމް އިން ހާމަ ކުރީ، ރިސިޕްޓު ހަވާލު ކުރުމާއި ގުޅޭ ގޮތުން ދައްކާނެ ވާހަކަ އެއް ނެތް ކަމަށެވެ. އަޑު އެހުމުގައި ރިސިޕްޓް ދޭން ޖެހޭނެ ކަމަށް ކޮމިޝަނުން ބުނުމުން ދެއްކީ މައުޟޫއާއި ނުގުޅޭ ބޭކާރު ވާހަކަ ތަކެކެވެ. މީގެ އިތުރުން ތަކުރާރުކޮށް ރިސިޕްޓް ދިނުމަށް ޕީއެސްއެމްއިން ވަނީ އިންކާރު ކޮށްފައެވެ.

ބޭންކު ޓްރާންސްފަރއެއް ކުރުމުން ލިބޭ ރިސިޕްޓަކީ އާންމު ލިޔުމެކެވެ. މިފަދަ ލިޔުމެއް ދެއްކުމަށް އިންކާރުކުރުމަކީ ޝައްކު އުފެދޭ ކަމެކެވެ. އޭގައި އޮތް އެކައުންޓް ނަމްބަރަކީވެސް އާންމުކޮށް ލިބެން ހުރި މައުލޫމާތެކެވެ. ފައިސާ ޖަމާ ކުރާ އެކައުންޓުގެ މައުލޫމާތަކީ ސިއްރު މައުލޫމާތެއް ކަމަށް ބުނެ ދޮގު ހަދައިގެން ޕީއެންސީ އިން ފައިސާގެ ރިސިޕްޓް ހާމަ ކުރެވެން ނެތް ކަމަށް ބުނި އިރު މި އެކައުންޓް ނަމްބަރު ތައް UNRW ވެބްސައިޓްގައި އާންމުކޮށް ފެންނަހެން ހާމަ ކޮށްފައި ވެއެވެ. ތިރީގައި މިވަނީ އެ ލިންކެވެ. ސަރުކާރުން ރައްޔިތުންނަށް މިވަރަށް ދޮގު ހަދާ އޮޅުވާލައި، ފަލަސްތީނަށް އެހީ ވުމަށް ހޯދި ފައިސާ ނުފޮނުވައި މި ކުރަނީ ހަމަ ވައްކަން ނޫން ވަކި ކޮން ކަމެއްތޯއެވެ.

https://www.unrwa.org/donate/questions-about-donations

މިއީ ރައްޔިތުންގެ ފައިސާއިން އެއްކުރެވުނު ފަންޑަކަށްވުމާއެކު، މި ފައިސާ ހަވާލު ކުރެވުނުކަން ކަށަވަރުކޮށްދިނުމުގެ ޒިންމާ އަދާ ކުރުމުގެ ބަދަލުގައި ޕީއެސް އިން ބުނީ އެ ރިސިޕްޓް ދެވެން ނެތް ކަމަށެވެ. ފައިސާ ހަވާލު ކޮށްފައިވާނަމަ އެ ރިސިޕްޓް ނުދެވެންވީ ހަމަ އެއްވެސް ސަބަބެއް ނެތެވެ.

ދައުލަތުގެ އިދާރާތަކުން މިފަދަ ޚައްސާސް މައްސަލަތަކުގައި ހާމަކަން ބޮޑު ގޮތެއްގައި އަމަލުކުރުމަކީ މުހިންމު ކަމެކެވެ. ޚާއްޞަކޮށް ޖަމާކުރެވޭ ފައިސާގެ މަޢުލޫމާތު ހާމަކުރުމަކީ، އާންމުންގެ އިތުބާރު ދެމެހެއްޓުމަށާއި، ކޮރަޕްޝަނަށް މަގުފަހިވިޔަ ނުދިނުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

މި މައްސަލައިގައި ޕީއެސްއެމްއިން ވަގުތުން ފައިސާ ޓްރާންސްފަރ ކުރިކަމުގެ ހެކި ހާމަކުރަންޖެހެއެވެ.

ރިސެޕްޓް ދިނުމަށް ކުރި އިންކާރުން ހާމަވެގެން ދަނީ މިފައިސާ ހަވާލު ކޮށްފައިވާކަމަށް ބޮޑެތި އިވެންޓްތަކެއް ބާއްވައި ރައްޔިތުންނަށް އެގޮތަށް ވިސްނައިދީފައި ވީ ނަމަވެސް، މިފައިސާ ހަވާލުކޮށްފައި ނުވާ ކަމެވެ. އަދި ސަރުކާރުން މިފައިސާއަށް ވީ ގޮތް ފޮރުވުމަށް މަސައްކަތް ކުރަމުންދާކަމެވެ.

https://twitter.com/iharfa/status/1845717244355191170
އަފްރާހް މިކަމާއި ގުޅިގެން ކޮށްފައިވާ ޓްވީޓް