ޚަބަރު

މުއިއްޒުގެ ސަރުކާރުގެ މޫނުމަތި ރީތި ކުރަން، ރައްޔިތުންގެ ފައިސާއިން 4 މިލިއަނަށް ވުރެ ގިނައިން ކޮންމެ މަހަކު ޚަރަދު ކުރާއިރުވެސް ވެއްޓެނީ އަގު

ދިޔަވަރު
މުއިއްޒުގެ ސަރުކާރުގެ މޫނުމަތި ރީތި ކުރަން، ރައްޔިތުންގެ ފައިސާއިން 4 މިލިއަނަށް ވުރެ ގިނައިން ކޮންމެ މަހަކު ޚަރަދު ކުރާއިރުވެސް ވެއްޓެނީ އަގު

މުއިއްޒުގެ ސަރުކާރުގެ މޫނުމަތި ރީތި ކުރުމަށް މަހަކަށް ގާތްގަނޑަކަށް ދައުލަތުން 4 މިލިއަން ވަރު ޚަރަދު ކުރެއެވެ. ރައީސް އޮފީހުގައި ވަޒީފާ ދީފައިވާ ފަރާތްތަކަށް މަހަކަށް 1.5 މިލިއަން ވަރު ޚަރަދުވާކަން އާރުޓީއައި ގެ ދަށުން ހޯދާފައިވާ ލިޔެކިޔުންތަކުން ހާމަވެއެވެ. މީގެ ތެރޭގައި "ކޮންޓެންޓް މާކެޓިން ޕީއާރު އެގްޒެކިޔުޓިވް" އާއި، އެތައް "ކޮންޓެންޓް ކްރިއޭޓަރސް" އަކާއި "މަލްޓިމީޑިޔާ ޑިޒައިނާސް" ތިބި އިރު ވެސް ވެއްޓެނީ މުއިއްޒުގެ އަގެވެ.

ޓީވީ އާއި ނޫސްތަކަށް އިސްތިހާރުގެ ގޮތުގައި 2.5 މިލިއަނެއްހާ ރުފިޔާ މަހެއްގެ މައްޗަށް ސަރުކާރުގެ ދޮގުތައް ރީތިކޮށް، ސަރުކާރުގެ ކޮރަޕްޝަން ނުގެނެސް މުއިއްޒުއަށް ހުޝާމަތު ކުރޭތޯ ދަނީ ހޭދަ ކުރަމުންނެވެ. ރައްޔިތުންގެ ފައިސާއިންނެވެ. މުއިއްޒަށް ސަނާ ނުކިޔާ އަދި، ރައީސް އޮފީހުން ދައްކާހާ ވާހަކަ އަކަށް ޚަބަރު ނަހަދާ ބަޔަކަށް މިފައިސާ ދުލެއް ނުކުރެއެވެ. ނަމަވެސް އެވަރުންވެސް ވެއްޓެނީ މުއިއްޒުގެ އަގެވެ.

އެ ހަމަވީ ހަތަރު މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ހާއްސަ ހަފްލާތަކަށާއި، ދަތުރުތަކަށް މީޑިޔާ ގެންދިޔުމަށާއި، ކޮންޓެންޓް ކުރިއޭޓަރސް އަށް ޚަރަދު ކުރުމަށާއި، ބޭރުގެ ނޫސްތަކަށް ފައިސާ ދިނުމަށް އެތައް ލައްކަ ރުފިޔާ އެއް ދަނީ އިސްރާފު ކުރަމުންނެވެ. ނަމަވެސް ވެއްޓެނީ ހަމަ މުއިއްޒުގެ އަގެވެ.

ސަރުކާރަށް ނަގާފައި ތިބި އެތައް ސިޔާސީ ވަޒީފާތަކަކީ ޓްވީޓް ކުރާނެ ކަމަށް ބަލައި ނަގާފައިތިބި ވަޒީފާތަކެވެ. 7000 ސިޔާސީ ވަޒީފާ ހުރި އިރު، އެއިން މީހަކަށް މުއިއްޒުގެ ދިފާޢުގައި ތެދުވާން ނުކެރިގެން އުޅެނީ މުއިއްޒު އާއި އެކު އެމީހުންގެ އަގު ވެއްޓިދާނެތީއެވެ.

މިފަހަރު އދ.އަށް ކުރި ދަތުރުގައި އެތައް ހާސް ޑޮލަރެއް އަލްޖަޒީރާއަށް ވަނީ ޚަރަދު ކޮށްފައެވެ. ރާއްޖޭގައި ޓިކްޓޮކް ކުޅޭ ކުދިންނަށް އެތައް ހާސް ރުފިޔާއެއް ވަނީ ޚަރަދު ކޮށްފައެވެ. ނަމަވެސް މުއިއްޒު ޔޫއެންގައި ދިން ތަގުރީރުގައި ހެދި ބުހުތާނު ދޮގުތަކާއި އެކު ވެއްޓުނީ މުއިއްޒުގެ އަގެވެ.

30 މިލިއަން ރުފިޔާގެ އަގުބޮޑެތި އިކިއުޕްމެންޓް ތައް ބޭރުން ގެނެސް މުޅި ސައުތު އޭޝިޔާގެ ނެތް ފަދަ ޓީވީ ސްޓޭޝަނެއް މުއިއްޒު ދާދި ފަހުން ހަދައިފިއެވެ. ނަމަވެސް ޕޯޑިއަމަކަށް އަރާ ހުއްޓުނަސް މުއިއްޒަށް ހެދެނީ ދޮގެވެ. ވެއްޓެނީ އަގެވެ.

އަސްލު ޓީވީ އަށް މުއިއްޒުގެ އަމިއްލަ ޖީބުން ކޮންމެ މަހަކު 1 މިލިއަން ރުފިޔާ ދީގެން ހިންގީ ކިތައް މަސް ދުވަސް ވަންދެން ކަމެއްވެސް ނޭނގެއެވެ. ނަމަވެސް ރައްޔިތުންނަށް އަޑު އިވެނީ މުއިއްޒުގެ ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކައެވެ. ވެއްޓެނީ އަގެވެ.

ޔޫތް މިނިސްޓަރ އަކީ ހުންނެވިގޮތަށް ހުރި ޓީވީއެކެވެ. ޔޫތު މިނިސްޓްރީގެ އެއް ސްޓޭޓް މިނިސްޓަރަކީ ހުންނެވިގޮތަށް ހުރި ރާއްޖޭގެ މަޝްހޫރު ނޫހެކެވެ. ނަމަވެސް މުއިއްޒުގެ ބަހާއި އަމަލާއި ދިމާ ނުވެ، ވެއްޓެނީ އަގެވެ.

އެތައް މިލިއަން ރުފިޔާއެއް ޕީއެސްއެމް އިން ޚަރަދު ކުރަމުން ދަނީވެސް މުއިއްޒުގެ އިއްޒަތް ހިފެހެއްޓުމަށެވެ. މުއިއްޒުގެ ބުރަސޫރަ ރީތި ކުރާށެވެ. ނަމަވެސް އެކަމެއް ނުވެއެވެ. ވެއްޓެނީ ހަމަ އަގެވެ.

ސަރުކާރު ޒިންމާދާރު ކުރުވުމުގައި ހިލޭ ސާބަހަށް އުޅޭ ރަޖިސްޓްރީ ނުކުރާ ދެ ނޫހަކާއި، ދައުރާއި، އަދަދަކީ މައްސަލަ ކަމަށް މުއިއްޒަށް ފެނި، އެ ނޫސްތަކުގައި ހުރި ވާހަކަތަކުން މުއިއްޒުގެ އަގު ވެއްޓޭކަމަށް މުއިއްޒަށް ހީވާ ކުށްހީވުން ބެހެއްޓުމަށް ފަހު، ލޯގަނޑު ކުރިމަތީ ހުއްޓިލާފައި ހަޤީގީ ސަބަބު ވަޒަންކޮށް، އިސްތިއުފާ ދެއްވުން މާރަނގަޅުވާނެއެވެ. ނޫނީ ދެންވެސް ހަމަ ވެއްޓޭނީ އަގެވެ.