ސިޔާސީ

ޓުއަރިޒަމް އިންޑަސްޓްރީ މިދަނީ މަސްވެރިންނަށް ޖެހުނު ހާލު ޖެހެން: އިޤްތިޞާދީ މާހިރުން

ދިޔަވަރު
ޓުއަރިޒަމް އިންޑަސްޓްރީ މިދަނީ މަސްވެރިންނަށް ޖެހުނު ހާލު ޖެހެން: އިޤްތިޞާދީ މާހިރުން

ބޭނުންކުރެވޭ ރިޒާވުގައި ހުރި ޑޮލަރު ކޮޅު ވަނީ ގާތްގަނޑަކަށް ހުސްވެފައެވެ. ބޭނުން ކުރެވޭ ރިޒާވަށް ޑޮލަރު ނަގަމުން އެދަނީ ސޮވެރިންގ ޑިވެލޮޕްމެންޑް ފަންޑުގައި ހުރި ލާރިކޮޅު ނަގައިގެންނެވެ. އިޤްތިޞާދީ ގޮތުން ގައުމު އޮތް ހާލު، އިޤްތިޞާދީ އަދި މާލީ އިލްމެއް ނެތް މުއިއްޒަކަށް މިޤައުމުގެ ހާލަތު ތަސަވަރު ކުރުމުގެ ޤާބިލު ކަމެއް ލިބިފައެއް ނުވެއެވެ. އެފަދަ ޤާބިލު މީހެއް ނަމަ، ޑޮލަރުން މުސާރަދޭ އެތައް ހާސް މަގާމެއް އެމްބަސީތަކުގައި އަލަށް ނުއުފައްދާނެއެވެ. އަދި އިސްރާފުކޮށް ޑްރޯނާއި އެފަދަ އެނޫންވެސް ޚަރަދުތަކުން ބައިތުލްމާލު ދޮވެ ނުލާނެއެވެ.

ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ނާޅައި، ޓުއަރިޒަމް ދާއިރާއަށް ލިބޭހާ ޑޮލަރެއް ބޭންކުތަކަށް ވައްދައިގެން، އެފައިސާ ނުލިބި، ޓުއަރިޒަމް ސިނާއަތް ފުނޑި ހަލާކުވެގެންދާ މަންޒަރު އޮތީ ވަރަށް ކައިރިންނެވެ.

ދިވެހިންގެ ލޭނާރު ކަމުގައިވާ މަސްވެރިކަމުގެ މުޅި ސިނާއަތާއި، މަސްވެރިކަމާއި ގުޅިފައިވާ ހުރިހާ ވިޔަފާރިއެއް ފުނޑުފުނޑު ކޮށްލުމަށް މުއިއްޒަށް ބޭނުންވީ އެންމެ 4 މަސް ދުވަހެވެ. މި ނިސްބަތުން ބަލާއިރު މުޅި ފަތުރުވެރިކަމުގެ ސިނާއަތު އެއްކޮށް ފުނޑުފުނޑު ކޮށްލަން މުއިއްޒަށް ރިސޯޓުތަކުގެ ވެރިން ދެއްވަންވީ އިތުރަށް ހަމަ އެންމެ 14 މަސް ދުވަސް ކަމަށް އިޤްތިޞާދީ މާހިރުން ލަފާދެއެވެ.

  • އިންޑިޔާ ރައްޔިތުން ރުޅި އަރުވައިގެން ފަތުރުވެރިކަމުން 3 ބިލިއަން ރުފިޔާ މިއަހަރު އެކަނި ގެއްލުވާލަން ނާގާބިލު މުއިއްޒަށް ބޭނުންވީ ހަމަ 4 މަސް ދުވަހެވެ.
  • މުއިއްޒުގެ ސަރުކާރުގެ ނާގާބިލު ކަމުން ބޭރުން މާލީ އެހީ ނުވަތަ ބަޖެޓް ސަޕޯޓް ނުލިބި، ބަޖެޓް ސަޕޯޓަށާއި، ލޯނުތައް ދެއްކުމަށާއި، ފުށި ދިއްގަރުފަޅަށް ރާޖޫއަށް ޑޮލަރުން ފައިސާ ދައްކަން ބޭނުންވާ ޑޮލަރުތައް ހޯދުމަށް އުސޫލު ކަނޑައަޅާއި، ރިސޯޓްތަކަށް ލިބޭ ރެވިނިއު ރާއްޖޭގެ ބޭންކުތަކުގައި ބަހައްޓަން މަޖުބޫރު ކުރުވަން ނެގީ އެންމެ 9 މަސް ދުވަހެވެ. މީގެ އިތުރުން ވަކި ވަރެއް ދިވެހި ރުފިޔާ އަށް މާރު ކުރުމަށް މަޖުބޫރު ކުރުވަން ނެގީވެސް ހަމަ އެންމެ 9 މަސް ދުވަހެވެ.
  • ޓެކްސް ބޮޑު ކޮށްފައިވާތާ އަހަރެއް ނުވަނީސް ޓެކްސް އިތުރަށް ބޮޑުކޮށް، ގްރީން ޓެކްސް ބޮޑުކޮށް، ފްލައިޓްތައް އަގު ބޮޑުވާހެން އެއަރޕޯޓް ޓެކްސް ބޮޑު ކުރަން ނާގާބިލު މުއިއްޒަށް ބޭނުންވީ ހަމަ އެންމެ 10 މަސް ދުވަހެވެ.

ދެވަނަ ބޮނޑު-ހަނގުރާމައިގެ ކުރިން، ޖަރުމަނުގައި ހުރި ވިޔަފާރިތައް ފުނޑު ފުނޑުވެގެން ދިޔައީ، މުއިއްޒު މިގެނާފަދަ ބަދަލުތައް ހިޓްލާރ އޭރު ގެނައުމުންނެވެ. އެންމެ ފަހުން ބޭރަށް ފައިސާ ފޮނުވާނަމަ ސަރުކާރުން ވަކި ހުއްދަ އެއް ނަގަން ޖެހޭ ގޮތަށް ހިޓްލަރު ކަންކަން ބައްޓަން ކުރިއެވެ.

ފަހުގެ ތާރީޚުގައި ވެނެޒުއެލާގައި، ބޭރު ފައިސާ ބޭނުންކުރުމަށް ހަރުކަށި ގަވާއިދުތަކެއް ތަޢާރަފުކުރީ އެގައުމު ބޭންކްރަޕްޓްވެ ދިޔުމުގެ ކުރިންނެވެ. މިކަމުގެ ސަބަބުން ބޭރުގެ އިންވެސްޓަރުން ފަސްޖެހި، ބޭރު ފައިސާގެ ދަތިކަން އިތުރުވިއެވެ. ވެނިޒުއެލާ އާއި ޒިމްބާބުވޭ އިން ވެސް ހަމަ އެޅީ މުއިއްޒު އެޅި ފިޔަވަޅުތަކެވެ. މިދާ ވަރުން ދަންޏާ، ދުވަސްކޮޅަކުން ބޭރުފައިސާ ރިސޯޓުތަކުގައި ގެންގުޅުން މަނާ ކުރާ ހިސާބަށް ކަންކަން ދާނެއެވެ.

ތާރީޚު ދައްކައި ދޭ މަންޒަރުން، ފެނިގެން ދަނީ ހަމަ ކޮންމެ ޤައުމެއްގައި ވެސް މާލީ ގޮތުން ފެއިލްވެގެން ދިޔަ ލީޑަރުން ގެންގުޅުނު އުސޫލު މުއިއްޒު ވެސް ގެންގުޅޭ މަންޒަރެވެ. މާލީ އަދި އިޤްތިޞާދީ ބޮޑު ޝޮކަކަށް ދިވެހިރާއްޖެ ދާން ތައްޔާރުވާ މަންޒަރެވެ.

މޯލްޑިވްސް ގޭސް އިން ރާއްޖެއަށް ގޭސް ގެނައުން ހުއްޓާލާފިއެވެ. ޑޮލަރު ނެތިގެން ފައިސާ ނުދެއްކިގެންނެވެ. އެ ފަރާތުން ގޭސް ގަންނަނީ މިހާރު ވިލާ އިންނެވެ. ބޮޑު މިންވަރެއް ސަރުކާރުގެ އާމްދަނީއިން ތެލާއި ގޭހަށް ހޭދަކުރަން ޖެހިފައިވާ އިރު، ލަންކާގައިވެސް ރައްޔިތުންނަށް ފޯރުކޮށް ނުދެވި އެންމެ ބޮޑު ދައްޗަކަށްވީ ގޭހާއި ތެލެވެ.

ދުވަސްކޮޅަކުން، ރިސޯޓްތަކަށް ދެވެން ތެޔޮ ނެތް ކަމަށާއި، ރައްޔިތުން މާ މުހިންމު ކަމަށް މުއިއްޒު ބުނުމަކީވެސް މިފަދަ ވަގުތެއްގައި ޤައުމިއްޔަތުގެ ރޫހު ނެރުމަށް މުއިއްޒު ކޮށްފާނެ ކަމެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ މުހިންމު އެއްވެސް ވަސީލަތަކަށް މުއިއްޒުގެ ނާގާބިލު ސަރުކާރަށް ބަރޯސާވެގެން އޮވެވޭނެ ކަމަށް ޤަބޫލު ކުރުމަކީ ކުށް ހީއެކެވެ. ފަތުރުވެރިކަމުގެ ސިނާއަތުން، މިއަދު ހަމަ އިސްކޮޅަށް ތެދުވާން ޖެހެއެވެ. ތި ދަނީ ހަމަ މަސްވެރިންނަށް ޖެހުނު ހާލު ޖެހޭށެވެ.