ޔޫތް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ޝިއުނާއަށް ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި, މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް) އިން ވަޒީފާ ދިން ވާހަކަ ވަނީ އާންމު ވެފައެވެ.
ޝިއުނާގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު ގެއްލުމުގެ ސަބަބުން ގިނަ ބަޔަކަށް ޑޮލަރު ލިބުން ވަނީ ދަތިވެފައެވެ.
ޝިއުނާއަށް 3000 ޑޮލަރާއި ގާތް ކުރާ އަދަދެއް މުސާރައިގެ ގޮތުގައި ލިބޭއިރު، މި ލިބޭ ޑޮލަރު 20ރ ރޭޓުން ދަނީ ބްލެކް މާކެޓްގައި ވިއްކަމުންނެވެ.
ދިވެހި އާންމު އެއްވެސް ރައްޔިތަކަށް 15.45 ގެ ރޭޓުން މިހާރު އެއްވެސް ތަނަކުން ޑޮލަރު ނުލިބެއެވެ. އަދި 20ރ ގެ ރޭޓުންވެސް ޑޮލަރު ގަންނަން ލިބެނީ ވަރަށް މަދު ފަހަރަކު އެވެ. މިކަމުގެ ސަބަބުން ގިނަބަޔަކު ބޭރަށް ޑޮކްޓަރަށް ދައްކަން ދިޔުމަށް ވަނީ ނުކުޅެދިފައެވެ.
ޝިއުނާއަކީ ރާއްޖެ އާއި އިންޑިއާއަށައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފާޑުކިޔައި މަލާމާތްކޮށް ސޯޝަލް މީޑިއާގައި ވާހަކަތަކެއް ދެއްކި މައްސަލާއަކާ ގުޅިގެން މުސާރަ ލިބޭ ގޮތަށް ސަސްޕެންޑް ކުރި މީހެކެވެ. ސަސްޕެންޝަންގައި ހުރި އިރުވެސް އޭނާ އިންޑިއާއަށް ފުރައްސާރަކޮށް ހެދި އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ޝިއުނާއަށް ދީފައިވަނީ އެމްއޭސީއެލްގެ މީޑިއާ ޑިޕާޓްމަންޓުގެ މަގާމެކެވެ.
ޝިއުނާއަށް އެމްއޭސީއެލް އިން ބޮޑު މުސާރަ ލިބޭ މަގާމެއް ދިން އިރު, މޯދީއަށް މަލާމާތްކުރުމުން ޝިއުނާ އާއެކު ސަސްޕެންޑް ކުރި މަލްޝާ ޝަރީފަށް ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބޮޑު މުސާރައިގައި މަގާމެއް ދީފަ އެވެ.
މި ދެމީހުންގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ވަނީ 3.8 ބިލިއަން ރުފިޔާގެ ގެއްލުން ލިބިފައި ކަމަށް ފަތުރުވެރި ކަމުގެ ދާއިރާގެ ފަރާތްތަކުން ހާމަ ކުރެއެވެ.