މިއީ ރާއްޖޭގެ މަޝްހޫރު ޝައިޚް ޝުޢައިބުގެ ފޭސްބުކް އެކައުންޓުގައި އޭނާ ޝާއިޢު ކޮށްފައިވާ ލިޔުމެކެވެ. މިލިޔުން އަމާޒު ވަނީ ދިވެހި ބައެއްނމުސްލިމް ރައްޔިތުންނަށާއި ދިވެހި ސަރުކާރަށެވެ. މިއަދު ދިވެހި ސަރުކާރަށް އުޅެނީ ފަލަސްތީނުގައި ހިނގާ ގަތުލު އާންމުގައި ތިބެންވީ ކޮން ކޮޅެއްގައިކަން ނޭނގިގެންނެވެ.
އިސްލާމީ 3 ލީޑަރަކު މި ހަނގުރާމާގައި މަރާލި އިރު ދިވެހި ސަރުކާރު އޮތީ ހަނުއެވެ. ކަށުނަމާދު ކޮށް ނުލިތާގައި އިސްލާމީ ލީޑަރުން ޝަހީދު ކޮށްލުމުން އެކަން ކުށްވެރި ކޮށް ނުލިއެވެ. އެކަމާއި ހިތާމަ ކޮށް ނުލިއެވެ.
ވަކި ކޮޅެއް ޚިޔާރު ކުރަން ޖެހެއެވެ.
ހަމަ އެކަނި މައްކާގައި އިސްލާމް ދީން އޮތް އިރު، ދުނިޔޭގައި އޮތް ބޮޑު ދެބާރު ކަމުގައިވާ، ފާރިސުންނާއި، ކުރިސްޓިއަނުން ކަމުގައިވާ ރޯމަނުންނާއި، ދެމެދު އައީ ހަނގުރާމަ ހިނގަމުންނެވެ. އެރު ހިނގި ހަނގުރާމައެއްގައި ކާމިޔާބު ހޯދީ ފާރިސީއިންނެވެ. އެވާހަކަ އެވަނީ الروم ސޫރަތުގެ ފުރަތަމަ ހަތަރު އާޔަތުގައި ގެންނަވާފައެވެ. އެކަމާއި ގުޅިގެން މައްކާގެ މުޝްރިކުން އުފާ ފާޅުކުރިއެވެ. އެ އާޔަތުގައި އައިސްފައިވާ އަނެއް ވާހަކަ އަކީ، އޭގެ ހައެއްކަ އަހަރު ފަހުން، ފާރިސީންގެ މައްޗަށް ރޯމަނުން ގަދަވާނެ ވާހަކަ އާއި، އެކަމާއި ގުޅިގެން މުސްލިމުން އުފާ ކުރާނެ ވާހަކައެވެ.
އޭގެ ހައެއްކަ އަހަރު ފަހުން، ޚިޖުރައިން ދެވަނަ އަހަރު ފާރިސީންގެ މައްޗަށް ރޯމަނުން ކާމިޔާބު ހޯދިއެވެ. މިކަމާއި ގުޅިގެން މުސްލިމުން އުފާ ފާޅު ކުރިއެވެ. އެއީ އަޤީދާގެ ގޮތުން ތިމާމެންގެ ދީނާއި ގާތް ބަޔަކަށް ކާމިޔާބު ލިބުނީތީއެވެ. އެމީހުން ބަދަލު ގެނެސްފައިވާ ރަނގަޅުވެގެންނެއް ނޫނެވެ.
ދަންނަވަން މިއުޅޭ ވާހަކަ އަކީ މެދުއިރުމަތީގައިވެސް މިހާރު މިހިނގަމުންދާ ކަންތައްތަކުގައިވެސް، އިސްލާމުން ވަކި ކޮޅެއް ޚިޔާރު ކުރަން އެބަ ޖެހެއެވެ. އެއްބަޔަކީ ޝިޢައީންނޭ ކިޔާފައި އަޅުގަނޑުމެން މުސްލިމުން ދުރަށް ޖެހުން ދީނާއި ޚިލާފު ކަމަކަށް ނުވޭބާވައޭ؟!
ދެން އެތިބީ ޤުރުއާނުގެ ބަހުރުވައިންނަމަ އަޅުގަނޑުމެންގެ އެންމެ ބޮޑު އަދާވާތްތެރިންނެވެ. ކަންކުރަމުން އެގެންދަނީވެސް ހަމަ އެގޮތަށެވެ. ޝިޢައީންނަކީ ޝަހާދަތުގެ ދެކަލިމަ، ޤަބޫލު ކުރާ ބައެއްކަން ކަށަވަރެވެ. - ޝުއައިބު
ޝުއައިބު ލިޔުއްވާފައިވެއެވެ. މިއީ އިރާނުން އިޒްރޭލަށް ހަމަލާ ދިނުމުން އެކަމުން ފަލަސްތީނުގެ ތިބި މުސްލިމުންނަށް ނަސްރު ލިބުމުންވެސް، ދިވެހި ސަރުކާރާއި މި ސަރުކާރުގެ އަޔަހޫދީ ވެރިންނާއި، ބައެއް ފަރާތްތައް ހިމޭނުން ތިބި ތިބުމަށް ޝުއައުބު ލިޔުއްވި ލިޔުމެއް ކަމަށް ބެލެވެއެވެ.
ފަަލަސްތީނުގެ ރައްޔިތުންނަކީ ސުންނީ މުސްލިމުންނެވެ. ރާއްޖޭގައި ތިބި އިސްލާމުން ފަދަ އިސްލާމުންނެވެ. ޤަތުލުއާންމުގައި ފަލަސްތީނުގެ ރައްޔިތުން މަރުވަމުންދާއިރު، އެމީހުންނަށް ދިނުމަށް އެއްކުރި 19 މިލިއަން ރުފިޔާވެސް މުއިއްޒު ފޮނުވާފައި ނުވާކަން ދާދި ފަހުން ވަނީ ހާމަވެފައެވެ.