ޚަބަރު

މިޔަންމާގައި ހުރި، ޗައިނާގެ ކޮންސިއުލޭޓަށް ހަމަލާ ދީފި، މިޔަންމާގެ މިލިޓަރީ ދައުލަތަށް ވާގިވެރި ވަނީ ޗައިނާއިން

ދިޔަވަރު
މިޔަންމާގައި ހުރި، ޗައިނާގެ ކޮންސިއުލޭޓަށް ހަމަލާ ދީފި، މިޔަންމާގެ މިލިޓަރީ ދައުލަތަށް ވާގިވެރި ވަނީ ޗައިނާއިން

ހޮނިހިރު ދުވަހު (މިއަދު) މިޔަންމާގެ ލޯކަލް މީޑިއާއިން ބުނެފައިވާ ގޮތުގައި، މިޔަންމާގެ މަންޑަލޭ ސިޓީގައި ހުރި ޗައިނާގެ ކޮންސިއުލޭޓަށް ގޮވާ އެއްޗަކުން ހަމަލާއެއް ދީފައިވެއެވެ. ނަމަވެސް މި ހަމަލާގައި އެއްވެސް މީހަކު މަރުވެފައި ނުވަތަ ޒަޚަމްވެފައި ނުވާކަމަށް ވެސް ވަނީ ބުނެފައެވެ.

މި ގޮވުން ހިނގާފައިވަނީ ހުކުރު ދުވަހުގެ ރޭ 7:00 ގައި (ގްރީންވިޗް މީން ޓައިމްގެ 12:30 ގައި) މަންޑަލޭގެ މެދުތެރޭގައި ހުންނަ ކޮންސިއުލޭޓް އޮފީހުގައެވެ. މިތަނަކީ ރޯޔަލް ޕެލެސްގެ ދެކުނުގައި އޮންނަ ތަނެކެވެ.

ޗައިނާއަކީ މިޔަންމާގެ ޖަންޓާގެ މައިގަނޑު އެއް ބައިވެރިޔާއެވެ. އަދި އެމީހުންނަށް ހަތިޔާރު ސަޕްލައިކޮށްދޭ ފަރާތެވެ. ނަމަވެސް، އެނަލިސްޓުން ބުނާގޮތުގައި، ޗައިނާއިން މިޔަންމާގެ އުތުރުގައި އޮންނަ ޝަން ސްޓޭޓްގައި މިލިޓަރީއާ ދެކޮޅަށް ހަނގުރާމަ ކުރާ އެތްނިކް ގްރޫޕްތަކާވެސް ގުޅުން ބާއްވައެވެ.

2021 ގައި އޯންގް ސަން ސޫ ޗީގެ ސަރުކާރު މިލިޓަރީ ބޭނުންކޮށްގެން ވައްޓާލި ފަހުން، މިޔަންމާ ވަނީ ހަމަނުޖެހުމުގެ ތެރެއަށް ވެއްޓިފައެވެ.

މަންޑަލޭގެ މިޔަންމާ އޮފިޝަލަކު މި ހާދިސާ ހިނގިކަން ކަށަވަރުކޮށްދެމުން ބުނެފައިވަނީ "އިއްޔެ ރޭގެ ވަގުތެއްގައި މަންޑަލޭގައި ހުރި ޗައިނާގެ ކޮންސިއުލޭޓް އޮފީސް ކޮމްޕައުންޑްގައި ހާދިސާއެއް ހިނގާފައިވާ" ކަމަށެވެ. "އެއްވެސް މީހަކު ޒަޚަމްވެފައެއް ނުވޭ،" އޭނާ އިތުރަށް ހާމަ ކުރިއެވެ. ނަމަވެސް، މި ހާދިސާގެ ބާވަތް އޭނާ ސާފުކޮށްދީފައެއް ނުވެއެވެ.

އިރަވަދީ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ކޮންސިއުލޭޓު ހުރި ގޯތި ތެރެއަށް ގްރެނޭޑެއް އެއްލާލާފައިވެއެވެ. އާންމު ގޮތެއްގައި މިޔަންމާގެ ސެކިއުރިޓީ ބާރުތަކުގެ މެންބަރުން މި ތަން ބަލަހައްޓަމުން ގެންދެއެވެ.

ވޮއިސް އޮފް މިޔަންމާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޮންސިއުލޭޓަށް ނޭނގި "ގޮވާއެއްޗަކުން" ހަމަލާ ދީފައިވެއެވެ. ނަމަވެސް އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

ޔަންގޯންގައި ހުރި ޗައިނާގެ އެމްބަސީން މި މައްސަލައާ ގުޅޭގޮތުން ކޮމެންޓަކަށް އެދުމުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. އަދި ޖަންޓާގެ ސްޕޯކްސްޕަރސަނަކާ ވެސް ގުޅޭގޮތެއް ނުވިއެވެ.

މި ހާދިސާއަކީ މިޔަންމާގެ އެތެރޭގެ ހަމަނުޖެހުންތަކުގެ އިތުރު ހެއްކެކެވެ. އަދި މި ކަމަކީ ޗައިނާއާއި މިޔަންމާގެ ގުޅުމަށް ވެސް އަސަރުކުރާނެ ކަމެކެވެ. މިފަދަ ހާދިސާތަކުން ދައްކުވައިދެނީ ޗައިނާއިން މިޔަންމާގައި އަދާ ކުރާ މިލިޓަރީ ދައުރާއި މެދު އެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ހިތްހަމަ ނުޖެހުމެވެ.