ސިޔާސީ

14ރ މަސް ކިލޯއެއް ގަނެފައި ފައިސާ ނުދީ އެތައް އާއިލާއެއް ބިކަކޮށްފި! މުއިއްޒުގެ އަނިޔާވެރިކަމަށް ނޫނެކޭ ބުނެ، މަސްވެރިންގެ ޙައްޤުގައި، ޝިޔާމް ތެދުވާން ނުވޭތޯ؟

ދިޔަވަރު
14ރ މަސް ކިލޯއެއް ގަނެފައި ފައިސާ ނުދީ އެތައް އާއިލާއެއް ބިކަކޮށްފި! މުއިއްޒުގެ އަނިޔާވެރިކަމަށް ނޫނެކޭ ބުނެ، މަސްވެރިންގެ ޙައްޤުގައި، ޝިޔާމް ތެދުވާން ނުވޭތޯ؟

މުއިއްޒު އެނބުރި އެ ވަޑައިގަތީ ނިވްޔޯކުންނެވެ. އެތައް މިލިއަނެއް އިސްރާފު ކޮށްފައެވެ. ރާއްޖެއަށް ލިބުނު ފައިދާއެއް، ރީތި ނަމެއް ނެތެވެ. ދަތުރުން ހާސިލް ކުރެވުނު އެއްވެސް ކަމެއް ނެތެވެ. މުއިއްޒު މިހާރު ތައްޔާރު ވަމުން ދަނީ ކޮޕް 29 އަޒަރުބައިޖާނަށް ފުރުމަށެވެ. މިއީ ވެސް 10 ވަރަކަށް މިލިއަން ރުފިޔާގެ ދަތުރެކެވެ. މޫސުމާއި ބެހޭގޮތުން ދައްކާ ވާހަކަތަކަކީ ބިލާހެއް ކަމަށް ބުނެ، އަލް-ޖަޒީރާއަށް އިންޓަވިއު ދިން ޤައުމަކުން ކޮޕް 29 ގައި ބައިވެރިވުމަށް އެތައް މިލިއަން ރުފިޔާއެއް އިސްރާފުކޮށް، ދިވެހިން ނުކައި ނުބޮއެ ތިއްބާ، އާޗާ ތަޅަން ފުރައިގެން ދިޔުމަކީ ހާދަހާވާ ހުތުރު މަންޒަރެކެވެ. އެ ދަތުރުން މުއިއްޒަށް ގެނެވޭނެ އިންވެސްޓްމެންޓެއް، ޤައުމަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތް ކަމާއި މެދު ޝައްކެއް ނެތެވެ.

މަސްވެރިންގެ އާއިލާތަކަށް 9 މިލިއަން ރުފިޔާ ދައްކަން ޖެހިފައިވާތާ 3 މަސްވެގެން ދިޔައީއެވެ. މަސްކިލޯއެއް ސަރުކާރުން ގަންނަނީ 14ރ އަށެވެ. މަސްވެރިންނަށް މުއިއްޒުގެ ސަރުކާރުން ވީ ވައުދުތައް ފެއިލްވެ، 20ރ ކިލޯއެއް ނުދެވި، 48 ގަޑި އިރުތެރޭ ޑޮލަރުން ފައިސާ ނުދެވި ހާލުގައި ޖެހި، ހަދާނެ ގޮތެއް ނެތިގެން މުޒާހަރާއަށް ނުކުތުމުން، ސަރުކާރުން ދިން ހައްލަކީ 14ރ އަށް މަސް ކިލޯއެއް ގަނެ، މަސް ކިރާތާ 14 ދުވަސް ތެރޭ ފައިސާ ދޭނެ ކަމުގެ ޔަގީން ކަމެވެ. ނަމަވެސް، މި ވައުދާއި އެއްގޮތަށް 14 ދުވަސްތެރޭ މަސްވެރިންނަށް ދެވުނު އެންމެ ލޯ ލާރިއެއްވެސް ނެތެވެ.

މިއަދު 331 ދޯންޏަށް 9،155،491.79ރ ދޭން ސަރުކާރު ދަރާ އޮންނަތާ 3 މަސް ވެގެން ދިޔައީ އެވެ. ގިނަ މަސްވެރިން މަސްވެރިކަން ކުރުން މިހާރު ވަނީ ހުއްޓާލާފައެވެ. އެތައް ހާސް ރުފިޔާއަކުން ދަރާ ވިކިފަ ނެތް މަސްވެރިއަކު މިއަދު ނެތެވެ. އޭގެ ގެއްލުން ކަންމަތީ ފިހާރައިން ފެށިގެން މުޅި އިޤްތިޞާދަށް ވަނީ ފޯރާފައެވެ. ނިކަމެތި މަސްވެރިންނަށް ދަރަންޏަށް ދީފައިވާ ފިހާރަތަކަށް ބޭނުންވާ އެފައިސާ ނުލިބި، ރަށްރަށުގައި ފިހާރައަށް ބޭނުންވާ މުދާ ނުގަނެވި، ވިޔަފާރިތައް ހަލާކުވެގެން އެދަނީއެވެ. އެކަމަކު މުއިއްޒު އެދަނީ އަޒަރުބައިޖާނުގެ ބަކޫއަށެވެ. އާޗާ ތަޅާށެވެ. ދިވެހިރައްޔިތުންގެ ފައިސާއިންނެވެ. އަނިޔާވެރިކަމަކީ މިއީއެވެ.

ފައިސާ ދެވޭނެ ތާރީޚެއް ނޭނގޭ ކަމަށް ސަރުކާރުން ވަނީ މަސްވެރިން ގާތު ބުނެފައެވެ. މިވަރުގެ އަނިޔާވެރި ވެރިކަމެއް ދެކުނީމުތޯއެވެ؟

ބައެއް އޮޑިފަހަރު މަހަށް ދިޔުން ހުއްޓާލީ ކީއްވެގެން ކަން އެނގޭތޯއެވެ؟ މަހަށް ފުރަން ތެޔޮ އެޅޭނެ ގޮތެއް ނެތިގެންނެވެ. ފާއިތުވި 40 އަހަރު ކްރެޑިޓަށް ލިބުނު ތެޔޮކޮޅުވެސް މިއަދު ކްރެޑިޓަށް ނުލިބެއެވެ. ނަމަވެސް ސަރުކާރުން، ފެނަކައާއި، އެޗްޑީސީއާއި ބޮޑެތި ކުންފުނިތަކުން ކޮރަޕްޝަނަށް މަގުފަހިވާހެން ޖީބަށް އެކަނި މަހެއްގެ މައްޗަށް ކިތައް 9 މިލިއަން ނަގާތޯއެވެ؟ މުއިއްޒަށް ކޮންމެ މަހަކަށް ފެނަކައިން އެކަނި 10 މިލިއަނާއި 5 މިލިއަނާއި ދެމެދުގެ އަދަދެއް ދަނީ މަޖިލީސް މެމްބަރުންނަށް ފައިސާ ދިނުމަށް ހޯދައި ދެމުންނެވެ. ހުރިހާ ކޮރަޕްޝާނާއި ފަސާދެއްގެ މުގުލުގައި ހުރީ ސީދާ ރައީސް މުއިއްޒުއެވެ. މި ފައިސާ ހޯދަނީ 1 މިލިއަނަށް ދޭ ޖަނެރޭޓަރަށް 5 މިލިއަން ޖަހައިގެން ރިޝްވަތު ނަގައިގެންނެވެ. އެ ފައިސާ ދައުލަތުގެ ބަޖެޓުން ވަންނަނީ މުއިއްޒު އާއި ސަރުކާރުގެ މަދު ބައެއްގެ ޖީބުތަކަށެވެ. މަސްވެރިންނަށް ދޭން އޮތް ފައިސާ ފޮތި، މުއިއްޒުގެ ޖީބަށް ޚަރާން ގޮތުގައި ނުވަންނަ ނަމަ، އެ މަދު ފައިސާ ކޮޅު މަސްވެރިންނަށް ދެވޭވަރު ވާނެއެވެ. ނަމަވެސް، މަސްވެރިންނާއި ސަޕްލަޔަރުންނާއި، އަދި ކޮންޓެކްޓަރުން ނޮޅާ ކައިގެން މުއްސަނދިވާން ނިއްމާފައި އޮތް ވަގުންގެ ގޭންގަކުން އެމީހުންގެ ހައްޤުގައި ތެދުވެ ކޮށްދޭނެ ކަމެއް ނޯންނާނެއެވެ. އެކަން އޮޅިގެން އުޅެނީ މަސްވެރިންނަށެވެ.

ޝިޔާމުގެ މުޅި ސިޔާސީ ހަޔާތް މުއިއްޒު އެވަނީ ގަސްތުގައި ދުއްވާލާފައެވެ. ޝިޔާމަކަށް ބާރެއް ނެތެވެ. ހަށި ފޮޅާފައި ނުކުމެ، މަސްވެރިންނާއި އެއްކޮޅަށް މިއަދު ޝިޔާމް ހުންނަން ޖެހެއެވެ. ބަސް ނުވިކޭ އޮޑިއެއްގެ ދިރުބާކޮޅަށް އަރައި، މަސްވެރިންނަށް ޖައްސަމުން ތިދާ ނިކަމެތި ހާލު ބަލަން ތިހެން ލަނގޮޑިއަށް ކެއްކުރެވޭނީ އިންސާނިއްޔަތު ކަމުގެ ކަންފުކެއްވެސް ނެތީމައެވެ. އެމީހުންގެ ދަރިންނާއި، މައިންގެ ލޮލުން އޮހޭ ކަރުނައިގެ ހިތި ދުޢާގައި ޝިޔާމު ނުހިމެނޭ ދުވަހެއް ނުދާނެއެވެ. އެތައް ހާސް އާއިލާއެކެވެ. ބިކަކޮށް ނަގާލީ ކޮންފަދަ ހިތްދަތި ގޮތަކަށް ތޯއެވެ. ދަރަނިވެރިކޮށް ނިކަމެތި ފަގީރުންތަކަށް ހަދައި މަގުމަތިކޮށްލީއެވެ. މިއީވެސް ދިވެހި ދަރީންނެވެ. ފުދިގެން އުޅުނު އަބުރުވެރި މަސްވެރި އާއިލާތަކެވެ. ހިތެއް ފިތެއް ނެތް ސަރުކާރެއްގައި ތިހެން ނުހުންނާށެވެ. މިއީ ރާއްޖޭގެ މުޅި ތާރީޚުގައިވެސް، ދުވަހަކުވެސް މަސްވެރިން އުޅެން ޖެހުނު ހާލެއް ނޫންކަން ޝިޔާމަށް އެނގިލައްވާނެއެވެ. ވަގުތު ފާއިތުކޮށް ނުލައި ތެދުވެ ވަޑައިގަންނަވާށެވެ.