ރާއްޖޭގައި ޗައިނާގެ ޕްރޮޕަގަންޑާ ފެތުރުމަށް ބްރިޖުގެ މޮނިއުމެންޓެއް ހަދައިފިއެވެ. މިއީ، ކިޔާ ކުޑަކުދިންނަށް ޗައިނާގެ މޮޅުކަން ދެއްކުމުގެ ބޭނުމުގައި ތައްޔާރު ކޮށްފައިވާ މޮނިޔުމެންޓެކެއެވެ. މިތަނަކީ މިއުޒިއަމެއް ގޮތުގައި ސިފަކޮށް، މިތަނުގެ މުހިންމު ކަމުގެ މައްޗަށް އަލި އަޅުވާލައި، ކޮންސްޓްރަކްޝަން މިނިސްޓަރ މުއްތަލިބު ވަނީ ޕީއެސްއެމް އަށް އިންޓަވިއުވެސް ދެއްވާފައެވެ.
ނަމަވެސް، ރާއްޖެއަށް މިވަގުތު ބޭނުންވަނީ ޗައިނީސް ޕްރޮޕަގަންޑާއެއް ނޫނެވެ. ފައިސާގެ އެހީތެރިކަމެވެ. ރާއްޖޭގެ ވެރިކަމުގައު ހުރީ ޗައިނާއިން ތާޢީދު ކޮށްގެން ގެނައި ފަރާތަކަށްވެފައި، ރާއްޖެއިން ޑޮލަރު ހުސްވެ، ދިވެހިން ކާބޯތަކެއްޗަށް ޖެހެމުންދާއިރު. ރާއްޖެއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށް ނުލައި، ތިމަންނަމެން ބްރިޖު އެޅިކަން ތަކުރާރުކޮށް ދިވެހިންނަށް ހަދާންކޮށްދީ އެ ރިލެވެންސް ބެހެއްޓުމަށް މިފަދަ ޑްރާމާތައް ޗައިނާއިން ކުޅުން ހުއްޓާލަން ޖެހެއެވެ.
މުއިއްޒަށް ބާކީ އޮތީ އެންމެ 4 އަހަރެވެ. މުއިއްޒުގެ ވެރިކަން ނިމިގެންދާނެއެވެ. ނަމަވެސް ޗައިނާއިން ތާޢީދުކޮށްގެން ގެނައި ވެރިކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ ހާލަތު މިހާ ދަށު ދަރަޖައަކަށް ވެއްޓުމުގައި ޗައިނާގެ ޒިންމާއެއްވެއެވެ. އެހެން ނޫނީ ރާއްޖޭގެ އެތެރޭގެ ސިޔާސީ ކަންކަމުގެ ތެރެއަށް ނުވަދެ ޗައިނާ ހުންނާށެވެ.
ޚާރިޖީ ގުޅުންތައް ވަކި ގޮތަކަށް ބައްޓަން ކުރަން، ޗައިނާގެ ކެންޑިޑޭޓުން މި ސަރަހައްދުގެ ކޮންމެ ޤައުމެއްގައި ތިބޭ ތިބުން ނިމުމަމަކަށް އަންނަން ޖެހެއެވެ. މިއީ ޗައިނާ އާއި ވަރަށް ދުރު ހިސާބެކެވެ. ރާއްޖޭގެ ސިޔާސީ ކަންކަމަށް ޗައިނާ ވަނުމަކީ ރަނގަޅު ކަމެއް ނޫނެވެ.