ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ އަހަރެއް ފާއިތުވެގެން ދަނީއެވެ. ފާއިތުވި ރިޔާސީ ކެމްޕޭންގައި, ވޯޓު ހޯދުމަށް, ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑި ރައްޔިތުންނަށް ދައްކައިގެން, އެތަކެއް ދޮގު ވައުދުތަކާއި އަހުދުތަކެއް ރައްޔިތުންނަށްވެ, ވެރިކަމާ ހަވާލުވުމަށްފަހު މުއިއްޒުއަށް ކުރައްވަން ޖެހިވަޑައިގެންނެވި އެންމެ ބޮޑު މަސައްކަތަކަށް ވެގެން ދިޔައީ, ވެރިކަމަށް ވަޑައިގެންނެވުމަށް ހެދިހާ ދޮގުތައް ތެދަށް ހަދާ, ރައްޔިތުނަށް ދެއްކިހާ ހުވަފެންތަކުގައި ކުލަ ޖެއްސުމުގެ މަސައްކަތްތަކެވެ.
ކުރު ގޮތަކަށް ދަންނަވަނީ ނަމަ, ހެދިހާ ގޮދުތަކުން ކިލަނބުވާންފެށި މޫނުމަތި ރީތި ކުރުމުގެ މަސައްކަތަކެވެ. އަދި ކޮންމެ ދުވަހަކުހެން ތިމާގެ ޚަބަރުތައް ނޫސްތަކުގައި ގެނެވޭނެ ގޮތް ހަދާ, ނޫސް މީޑިއާތަކަށް ނުފޫޒު ފޯރުވާ, އެކަން ކާމިޔާބު ކުރުމަށްޓަކާ, މުއިއްޒުއަށް ފެނިވަޑައިގެންނެވި އެންމެ ރަގަޅު ފޯމިއުލާއަކަށް ވެގެން ދިޔައީ, ހޯރަފުށީ ޚަލީލު ނުވަތަ ގިނަބަޔަކު ދަންނަ ގޮތުގައި ޓީވީއެމް ޚަލީލުއެވެ.
އޭގެ ގިނަ ސަބަބުތަކެއް ހުއްޓެވެ.
ޚަލީލުއަކީ, މުއިއްޒު ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނެވި އިރުވެސް މުއިއްޒުއަށް މީޑިއާގެ ދާއިރާއިން ކޮރަޕްޝަންގެ ޑީލްތައް "ކަޓު" ކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިން ފަރާތެކެވެ. އެގޮތުން އޭނާއާއި, ރައީސް އޮފީހުގައި ޚަލީލުއާއެކު މިހާރުވެސް މަސައްކަތް ކުރަމުންދާ އިކުރާމްއާ (އިކްރާމްއަކީ އޭނާ މައުހަދުން ކިޔާވާ ނިމުނުގޮތަށް ވަގު ސެޓްފިކެޓެއް ހަދައިގެން އަރުވާލި މީހެއް) ދެމީހުން މުއިއްޒުގެ މޭޔަރު ކަމުގައި, ޚަބަރު ވެބްސައިޓްތަކެއް ހަދައިގެން ސިޓީ ކައުންސިލުން ދިޔައީ, މުއިއްޒުއަށް ބައި އެޅޭގޮތަށް ފައިސާ ނަގަމުންނެވެ.
އޭގެ އިތުރަށް މުއިއްޒުއަށް ހީފުޅުވީ, ހޯރަފުށީ ޚަލީލުއަށްވުރެ ވަކީން މޮޅަށް މީޑިއާގެ ކަންކަން އުގެނި ދަސްކޮށްގެން ހުރި އެހެން ވަކި ފަރުދަކު މިރާއްޖެއަކު ނެތް ކަމުގައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން, ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ކެމްޕޭނަށްވެސް އެއްފައި ލައިގެން ހުރި ޚަލީލު ދެވަނަ ބުރުގައި, ދެން އުޅެންފެށީ މުއިއްޒުގެ ކެމްޕޭނުގައެވެ.
އަދި ރިޔާސީ އިންތިޚާބު ކާމިޔާބުވެ, މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމާއެކު, މުއިއްޒުވަނީ ހޯރަފުށީ ޚަލީލު ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރުކަމަށް (ކެބިނެޓްގައި ނުހިމެނޭގޮތަށް) އައްޔަން ކޮށްފައެވެ. އެއާއެކު ދެން ޚަލީލުއަށް ފަށަން ޖެހުނީ މުއިއްޒު ޕްރޮމޯޓުކޮށް, ހުތުރުވަމުން އައި މުއިއްޒުގެ މޫނުމަތި ރިވެތި ކުރުމުގެ މަސައްކަތްތަކެވެ. އެއީ ޚަލީލު ބޭނުންވާ މީޑިއާތަކަށް ފައިސާ ދީގެންކަމަށް ވިނަމަވެސް, ނުވަތަ ފާޑުކިޔާ މީޑިއާތަކަށް ބިރު ދައްކައިގެން ކަމަށްވިނަމަވެސް, މުއިއްޒު ޕްރޮމޯޓު ކުރުމުގެނަމުގައި, ރައީސް އޮފީހުގައި މީޑިއާގެ ހުރިހާ ކަމެއް ބަލަހައްޓަން ފެށީ ޚަލީލުއާއި އިކުރާމްގެ ބެލުމުގެ ދަށުންނެވެ.
އެގޮތުން, ޚަލީލުގެ ލަފާގެ މަތިން ޝަހީބު ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމަށް އައްޔަން ކުރެވުނެވެ. އަނހާ ފޯރަމްގެ ނަމުގައި ފޯރަމެއް ބާއްވަން ފެށިއެވެ. ރައީސްގެ ޖަވާބުގެ ނަމުގައި ކޮންމެ ދުވަހަކުވެސް ވީޑިއޯކޮޅުތައް ހަދައިގެން ފޮނުވަން ފެށިއެވެ. އަދި އޭގެ އިތުރުންވެސް, މުއިއްޒުގެ ކެބިނެޓް ބައްދަލުވުންތަކުގެ ކުރިންނާއި, ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކާއި ދިމާކޮށް, މުއިއްޒު ލައްވާ ނޫސް ރިޕޯޓަރަކު މީޑިއާއަށް މައުލޫމާތު ދޭ ބީދައިން, މައުލޫމާތުދޭ ވީޑިއޯތަކެއް ބްރޯޑްކާސްޓު ކުރަންވެސް ފެށިއެވެ.
އެހެންނަމަވެސް ވެރިކަމަށް އަހަރެއް ވެގެން ދިޔައިރުވެސް މުއިއްޒުގެ ޕީއާރު ރަގަޅުކުރުމަށް ކުރެވުނު, މިއިން އެއްވެސް ކަމެއްގެ ރަގަޅު ނަތީޖާއެއް ފެންނާކަށް ނެތެވެ. ޝަހީބު އިސް ތަރުޖަމާނަކަށް އައްޔަން ކުރިކުރުން ވެގެން ދިޔައީ މުއިއްޒުގެ ބޮޑު ބިލުގެ ރިހުމަކަށެވެ. ސަރުކާރައް އެތައް ނޫސްވެރިންނެއްގެ ނަފްރަތު އަމާޒުވެގެން ދިޔައެވެ. އަނހާ ފޯރަމްގެ ނަމުގައި ފެށި ސިލްސިލާ ޕްރޮގްރާމްވެސް ހުއްޓުމަކަށް އައީއެވެ. ރައީސްގެ ޖަވާބުގެ ނަމުގައި ފެށި ސިލްސިލާވެސް ކުރިޔަށް ނުދާން ފެށީއެވެ. ޔޫއެން ދަތުރުފުޅުގައި މުއިއްޒު ލައްވާ, މީޑިއާތަކަށް މައުލޫމާތު ދިނުމަށް ހެދި ވިޑީއޯކޮޅުން މުއިއްޒުއަކީ މީޑިއާ ރިޕޯޓަރެއްގެ ގޮތުގައި ސިފަވެ, މުއިއްޒުގެ އަގު ބައިނަލްއަގުވާމީ މުޖުތަމައުގެ ކުރިމަތީގައި ވެއްޓި ދިޔައީއެވެ.
އާދޭހެވެ! މުއިއްޒު ޕްރޮމޯޓު ކުރުމަށް ފެށި މަސައްކަތަތައް ފަނުފުލުން ދިޔައީ ސްޓްރަޓެޖީއެއް ސިޔާސަތެއް ނެތުމުންނެވެ. ޓީވީ ޚަލީލަކީ ޒަމާނަށް ނުފެތޭ, ޒަމާނީ މީޑީއާގެ ވަސީލަތްތައް މަސައްކަތް ކުރާގޮތާއި, މައުލޫމާތު ނެތް މީހެއްކަން މުއިއްޒުއަށް އެނގިވަޑައި ނުގެންނެވީއެވެ. އަދި އޭގެ އިތުރަށް އޭނާއަކީ އަމިއްލައަށް ޓުވީޓެއްހާ މިންވަރުވެސް ޑްރާފްޓް ކޮށްލަން ނޭނގޭ މީހެންކަންވެސް މުއިއްޒުއަށް އޮތީ އެނގިވަޑައި ނުގެން ކަމަށް ވެދާނެއެވެ.
އެހެންނަމަވެސް މިއަދުގެ ހަގީގަތަކީ, ޒަމާނީ މީޑިއާގެ ވަސީލަތަކީ ކެމެރާ ކޮނޑަށް ލައިގެން ވީޑިއޯ ކުރަމުން, ބްރޯޑްކާސްޓު ކުރާ ޒަމާނަކަށް ނުވާކަމެވެ. މިއަދުގެ މީޑިއާއަކީ ސޯޝަލް މީޑިއާއާއި, ޓެކްނޮލިޖީއާއި ގުޅުންހުރި އޮންލައިން މީޑިއާގެ ވަސީލަތްތަކެވެ. އެވަސީލަތްތަކުގެ ހުނަރާއި އިލްމާއި ގާބިލްކަން ހުރި މީހަކަށް މެނުވީ ޓެކްނޮލޮޖީގެ މި ޒަމާނުގައި ޕީއާރު ސްޓްރަޓަޖީއެއް ނުހިންގޭނެއެވެ.
އެހުނަރު ނެތް މީހަކަށް, ނުވަތަ ނުވަދިހައިގެ އަހަރުތަކުގައި މީޑިއާގައި ޕްރޮގްރާމްތަކެއް ހުށަހަޅަން އުޅުނު މީހަކަށް އަދުގެ ތަރައްގީގެ މިޒަމާނުގެ އޮއިވަރުގައި ހިފަހައްޓައެއް ނުލެވޭނެއެވެ. ސިޔާސަތެއް, ސްޓްރަޓަޖީއެއް އެކުލަވާލާކަށް, ތަންފީޒުކުރާކަށް ނޭނގޭނެއެވެ. ފެނި, ހާމަވެ ކަށަވަރުވަމުން މިދަނީ އެހަގީގަތްތަކެވެ.
މުއިއްޒުގެ ޕީއާރު ފެއިލްވެ, ވެރިކަމަށް އަހަރެއް ވެގެންދާއިރު, މުއިއްޒުއަކީ ބޮޑު ދޮގުވެރިއެއްގެ" ގޮތުގައި ލޭބަލް ވެގެންދިޔަ ހަގީގީ ސަބަބަކީ "އައުޑް ޑޭޓް" ވެފައިވާ, އަމިއްލައަށް ޓުވީޓެއް (މިހާރުގެ އެކްސް ޕޯސްޓެއް)ހާ މިންވަރުވެސް ޑްރާފްކޮށްލަން ނޭގޭ, ޒަމާނަށް ނުފެތޭ މީހަކު މުއިއްޒު ކޮމިއުނިކޭޝަން މިނިސްޓަރުކަމަށް އައްޔަން ކުރި ކުރުމެވެ.