ޚަބަރު

އެތައް މިލިއަން ރުފިޔާއެއް ޚަރަދު ކޮށްގެން ފެށި ބަންކަރިންގެ ޚިދުމަތަށް މަހެއްވެސް ނުވަނީސް, ޚިދުމަތް ހޯދާނެ ބޯޓު ފަހަރު ނެތުމުން ހުއްޓުމަކަށް އައިސްފި! ދައުލަތުގެ މާލިއްޔަތަށް ފޫ ނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް!

ދިޔަވަރު
އެތައް މިލިއަން ރުފިޔާއެއް ޚަރަދު ކޮށްގެން ފެށި ބަންކަރިންގެ ޚިދުމަތަށް މަހެއްވެސް ނުވަނީސް, ޚިދުމަތް ހޯދާނެ ބޯޓު ފަހަރު ނެތުމުން ހުއްޓުމަކަށް އައިސްފި! ދައުލަތުގެ މާލިއްޔަތަށް ފޫ ނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް!

މި ސަރުކާރުން އެތައް މިލިއަން ރުފިޔާއެއް ޚަރަދު ކޮށްގެން "ބަންކަރިންގެ" ނަމުގައި ޚިދުމަތް ދިނުމަށް ފެށި މަސައްކަތްތަށް, މަހެއްވެސް ނުވަނީސް, ޚިދުމަތް ހޯދާނެ ބޯޓު ފަހަރު ނެތުމުން ހުއްޓުމަކަށް އައިސްފަައިވާކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ބަންކަރިންގެ ޚިދުމަތުގެ ގޮތުގައި ޚިދުމަތެއް ފަށާފައިވަނީ ވަރަށްވެސް ބޮޑަށް އަވަސް އަރުވާލައިގެން ކަމަށާއި, އެއީ މުއިއްޒު ވީ ވައުދެއް ފުއްދުމުގެ ނަމުގައި ފަށާފައިވާ, ދަށް ފެންވަރުގެ ޚިދުމަތްތަކެއް ކަމުގައެވެ.

އެގޮތުން އޭނާ ވިދާޅުވީ ބަންކަރިންގެ ނަމުގައި ދެމުންދަނީ, މީގެކުރިންވެސް ރާއްޖެއިން ބޭރުގެ ބޯޓުފަހަރުތަކަށް ތެޔޮއެޅުމުގެ ގޮތުން ފޯރުކޮށްދެމުން އައި ޚިދުމަތެއް ކަމުގައެވެ. އޮފިޝަލް ވިދާޅުވީ ރާއްޖެއަށް ބަނދަރުކުރާ ބޯޓު ފަހަރުތަކަށް ތެޔޮ އަޅާ ދިނުމަކީ މީގެކުރިންވެސް ފޯރުކޮށް ދެވެމުން އައި ޚިދުމަތެއް ކަމުގައެވެ.

އޭގެ އިތުރުން "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވި ގޮތުގައި ބަންކަރިންގެ ނަމުގައި ޚިދުމަތް ދޭން ފެށިފަހުން ރާއްޖެއަށް ބަދަނރުކުރި ބޯޓަކަށް ފެން ފޯރުކޮށް ދީފައިވާ ކަމަށާއި, އެހެންނަމަވެސް, ބޮޑެތި ކަޅު ހަންތަކަށް ފެން އަޅައިގެން އަނގަމަތި ދޯންޏެއްގައި ބޯޓު ދޮށަށް ގޮސް ބޯޓަށް ފެންއަޅަން ފެށުމުން އެއީ ރާއްޖެއަށް ބަނދަރުކުރާ ބޯޓު ފަހަރަތަކުން ބަލައިގަންނަ ޚިދުމަތަކަށް ނުވާތާނގަ, އެއީ މިޚިދުމަތް އަމަލީ ގޮތުން ފޯރުކޮށްދެވޭނެ ގޮތެއް ނޫންކަންވެސް މިހާރު ގަބޫލުކުރަން މަޖުބޫރު ވެފައިވާ ކަމުގައެވެ.

އޮފިޝަލް ވިދާޅުވީ މި ޚިދުމަތް އިތުރަށް ޕްރޮމޯޓް ކުރެވޭނެ ގޮތެއްވެސް މިހާރު ނެތްކަމުގައެވެ. އެއީ ބޮޑެތި ކަޅު ހަންތަކުގައި އަނގަމަތި މަސްދޯންޏެއްގައި ފެންއުފުލާ އުފުލުން އެއީ އިސްތިހާރު ކުރެވޭ ބަންކަރިންގެ ޚިދުމަތަކަށް ނުވާތީކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. އަދި ބަންކަރިންގެ ޚިދުމަތަކީ,އާގު ބޯޓިފަހަރުތަކަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފޯރުކޮށްދޭން ޖެހޭ ޚިދުމަތަކަށް ވާއިރު, އަދި ބަނދަރުކުރާ ބޯޓު ފަހަރުތަކުގެ އޮފިޝަލުންނަށާއި މުވައްޒަފުންނަށް ކެއިންބުއިމާއި އެންޓަރޓައިންމަންޓުގެ އެއްވެސް ވަސީލަތެއް ނެތި, ކަޅު ހަންތަކުގައި އުފުލާ ފެން އެޅުމަށް ބޯޓު ފަހަރުތައް ރާއްޖެއަށް ބަނދަރު ނުކުރާނެ ކަމަށްވެސް ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން އެމްޕީއެލްގެ އޮފިޝަލް ވިދާޅުވިއެވެ.

ފާއިތުވި ސެޕްޓެމްބަރު މަހު ބަންކަރިން ޚިދުމަތުގެ ނަމުގައި, އާގު ބޯޓުތަކަށް ތެޔޮ އަޅައިދިނުމަށް އެކަނި ޚާއްސަ ކޮށްގެން ފެށި ”ބިޔަ“ މަޝްރޫޢު އިފްތިތާހު ކޮށްދެއްވަން މުޢިއްޒު ވަޑައިގެންފައެއް ނުވެއެވެ.

”ދިޔަވަރު އޮންލައިން“އާއި މައުލޫމާތު ހިއްސާކުރި ރައީސް އޮފީހުގެ އިސް އޮފިޝަލަކު ކުރިން ވިދާޅުވެފައިވާ ގޮތުގައި, ރާއްޖޭގެ ޓީވީ ތަކުގައި, މުއިއްޒުގެ ރިޔާސީ ވައުދެއްގެ ގޮތުގައި އެތައް ދުވަހަކު އިސްތިހާރު ކުރުމަށްފަހު ފެށި މިމަޝްރޫޢު އިފްތިތާހު ކޮށްދިނުމަށް މުއިއްޒު ވަޑައިގަންނާވެކަމަށް ބަލާ, އެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތަށް މީޑިއާތައް ގެންދިއުމަށް ރައީސް އޮފީހުން މަސައްކަތްވެސް ކޮށްފައިވާ ކަމުގައެވެ.

އެހެންނަމަވެސް އެރަސްމިއްޔާތު ޝަރަފްވެރި ކޮށްދޭން ވަޑައި ނުގަންނަވާނެކަން މުއިއްޒު އަންގަވާފައިވަނީ އެންމެ ފަހު ވަގުތުކަމަށްވެސް އޮފިޝަލް މައުލޫމާތު ދީފައިވެއެވެ. މިމަޝްރޫޢު އިފްތިތާހު ކޮށްދިނުމަށް މުއިއްޒު ވަޑައި ނުގެންނެވުމުން މަޝްްރޫއު އިފްތިތާހު ކޮށްފައިވަނީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު (ފިނިފެންމާ ސައީދު) އާއި އެމްޕީއެލްގެ ސީއީއޯ ވަޖީހު (ޖުހާ) އާއި އޭގެ އިތުރުން ބައެއް މަޖިލިސް މެމްބަރުން ހާޒިރުވެ ތިބެގެންނެވެ.

”ދިޔަވަރު އޮންލައިން“އަށް އެނގިފައިވާ ގޮތުގައި ބަންކަރިން މަޝްރޫއު އިފްތިތާހު ކޮށްދިނުމަށް މުއިއްޒު ވަޑައި ނުގެންނެވީ, ދައުލަތަށް އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމުގެ ހުވަފެން ދައްކަމުން ފެށި އެޚިދުމަތް ފަނުފުލުން ދާއިރު, ބަދުނާމް ބޮލުގައި އަޅަން ބޭނުން ނުވާތީ ކަމުގައެވެ.

އެގޮތުން, އެތައް ނަނާ ހުވަފެންތަކެއް ރައްޔިތުންނަށް ދެއްކުމަށްފަހު ފެށި ސީޕްލޭން އެމްބިއުލާންސް މަޝްރޫއެކޭ މިމަޝްރޫއެކޭ މާބޮޑު ތަފާތެއް ނޯންނާނެކަމަށް މުއިއްޒު ގަބޫކުރައްވާކަމަށްވެސް ”ދިޔަވަރު އޮންލައިން“އާއި މައުލޫމާތު ހިއްސާކުރި އޮފިޝަލް ވިދާޅުވެފައި ވެއެވެ.

ބަންކަރިންގެ ޚިދުމަތް ރާއްޖެއިން ދިނުމަށްކަމަށް ވިދާޅުވެ ފެށި މި މަޝްރޫގައި ގެންގުޅެމުން ދަނީ އިހަވަންދިއްޕޮޅުގައި ބަނދަރު ކުރާ އާގު ބޯޓު ފަހަރަށް ތެޔޮ އަޅައިދިނުމަށް ބޭނުންކުރާ ދެ ތެޔޮ ބާޖު އެކަންޏެވެ. މި ޚިދުމަތުގައި މައިގަޑުކޮށް ކުރާ ކަމަކީ, އާގު ބޯޑުފަރަހަށް މި ބާޖުތަކުން ތެޔޮ ސަޕްލައި ކޮށްދިނުމެވެ.

އެހެންނަމަވެސް ބަންކަރިންއަކީ އެއަށްވުރެ މާބޮޑަށްވެސް ފުޅާކަން ބޮޑު ޚިދުމަތެކެވެ. އޭގެ ތެރޭގައި ރާއްޖެ އޮންނަ ލޮކޭޝަން ހުރަސްކޮށް ދަތުރު ކުރާ އުޅަނދުތަކަށް ބޭނުންވާ ކާނާ ފޯރުކޮށް ދިނުމާއި, ބަނދަރު ކޮށްފައި އޮންނަ އުޅަނދުގެ ސްޓާފުންނަށް ބޭނުންވާ ތަފާތު އެކި ޚިދުމަތްތައްވެސް ހިމެނެއެވެ.

އެހެންނަމަވެސް މި އިން އެއްވެސް ފުރުސަތެއް ފަހިކޮށް ނުދީ, އިހަވަންދިއްޕޮޅުގައި ބަނދަރުކުރާ އާގު ބޯޓު ފަހަރުތަކަށް ޔެތޮ ސަޕްލައި ކުރުން އެއީ ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދިނުންކަމަށް ރައްޔިތުންނަށް ދައްކާ, ފެށި މި ޚިދުމަތް ދާނީ ފަނުފުލުން ކަމުގައި ޝިޕިން ދާއިރާގެ ތަޖުރިބާކާރުުންވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.

މިސަރުކާރުން ދަނީ މިފަދަ ކޮންމެ ޚިދުމަތެއްގެވެސް އަސްލު ހަގީގަތް އޮޅުވާލާ, ރައްޔިތުންނަށް ދޮގާއި މަކަރާއި ހީލަތް ހަދަމުންނެވެ.