އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓް އިންޓަރފޭސް" (ޔޫ.ޕީ.އައި) ރާއްޖެއަށް ތަޢާރުފުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ.
އެގޮތުން ޔުނިފައިޑް ޕޭމަންޓް އިންޓަރފޭސް" (ޔޫ.ޕީ.އައި) ތަޢާރަފުކުރުމަށްޓަކައި، ކޮންސޯޓިއަމްއެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އަދި މި ކޮންސޯޓިއަމްގައި، ރާއްޖޭގެ ބޭންކުތަކާއި، ޓެލެކޮމް ކުންފުނިތަކާއި، ސަރުކާރުގެ ކުންފުނިތައް އަދި ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ފިންޓެކް ކުންފުނިތައް ހިމެނުމަށް އެމަނިކުފާނު ވަނީ ކަނޑައަޅުއްވާފައެވެ. އަދި މި ކޮންސޯޓިއަމް ލީޑް ކުރާނެ އޭޖެންސީއަކަށް އެމަނިކުފާނު ހަމަޖެއްސެވީ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑެވެ.
މީގެ އިތުރުން ޔޫ.ޕީ.އައި ގާއިމުކުރުމުގެ މަސައްކަތް ވިލަރެސްކުރުމަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ލީޑް ކުރާގޮތަށް، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ހިމެނޭ އިންޓަރ އޭޖެންސީ ކޯޑިނޭޝަން ޓީމެއް އެކުލަވައިލުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
ޔޫ.ޕީ.އައި ބޭނުންތެރިވެދާނެ ހާލަތްތައް:
- ފަތުރުވެރިކަމުގެ ދާއިރާ: އިންޑިއާގެ ފަތުރުވެރިންނަށް މޯބައިލް އެޕްލިކޭޝަންތައް މެދުވެރިކޮށް ސީދާ ހޮޓާ ބިލުތަކާއި، ކެއުމާއި ބުއިމުގެ ޚަރަދުތަކާއި، އެކިއެކި ހަރަކާތްތަކާއި، ޝޮޕިންގ ކުރުމަށް ފައިސާ ދެއްކޭނެއެވެ. މިގޮތުން ބޭރު ފައިސާ ބަދަލުކުރުމާއި ބައިނަލްއަޤްވާމީ ބޭންކިންގ ޗާޖުތަކަށް ކަންބޮޑުވާކަށް ނުޖެހޭނެއެވެ.
- ރާއްޖޭގެ އެތެރޭގެ މުޢާމަލާތްތައް: ދިވެހިރާއްޖޭގެ އެތެރޭގައި ކާބޯތަކެތި ގަތުމާއި، ޔުޓިލިޓީ ބިލުތައް ދެއްކުމާއި، ދަތުރުފަތުރުގެ ޚަރަދުތައް ފަދަ ދުވަހުން ދުވަހަށް ކުރަންޖެހޭ މުޢާމަލާތްތަކަށް ޔޫ.ޕީ.އައި ބޭނުންކުރެވިދާނެއެވެ. މިއީ ފައިސާ ނުވަތަ ކާޑު ބޭނުންކުރުމުގެ ބަދަލުގައި އަވަހަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާ ދެމެދު ފައިސާ ބަދަލުކުރެވޭނެ ގޮތެކެވެ.
- ސަރުކާރުގެ ޚިދުމަތްތައް: ޓެކްސް ދެއްކުމާއި، ފީތަކާއި، ޖޫރިމަނާތައް ދެއްކުމަށް ސަރުކާރުގެ ޚިދުމަތްތަކާ ޔޫ.ޕީ.އައި އެއްކޮށްލެވިދާނެއެވެ. މިއީ ސަރުކާރުގެ ޚިދުމަތްތަކާ މުޢާމަލާތްކުރުމަށް އިތުރަށް ހަރުދަނާ ގޮތެކެވެ.
- މިނިވަން މަސައްކަތްތެރިންނާއި ރިމޯޓްކޮށް މަސައްކަތްކުރާ ފަރާތްތައް: ބޭރުގެ ކްލައެންޓުންނަށް، ޚާއްޞަކޮށް އިންޑިއާގެ ކްލައެންޓުންނަށް ރިމޯޓްކޮށް މަސައްކަތްކުރާ ދިވެހިންނަށް ޔޫ.ޕީ.އައި މެދުވެރިކޮށް ފައިސާ ލިބިދާނެއެވެ. މިއީ އާންމު ބޭންކު ޓްރާންސްފަރތަކަށްވުރެ އަވަހަށް އަދި ޚަރަދު ކުޑަކޮށް ކުރެވޭނެ ކަމެކެވެ.
- ފިންޓެކް އަދި އައު އީޖާދުތައް: ޔޫ.ޕީ.އައި ތަޢާރަފުކުރުމަކީ ދިވެހިރާއްޖޭގެ ފިންޓެކް ދާއިރާގައި އިތުރު އީޖާދުތަކަށް މަގުފަހިވެގެންދާނެ ކަމެކެވެ. މިކަމުގެ ސަބަބުން އަލަށް ފައިސާ ދައްކާ އެޕްލިކޭޝަންތަކާއި، ޑިޖިޓަލް ވޮލެޓްތަކާއި، ރާއްޖޭގެ ބޭނުންތަކަށް ޚާއްޞަކުރެވިފައިވާ މާލީ ޚިދުމަތްތައް ތަރައްޤީކުރުމަށް ހިތްވަރު ލިބިގެންދާނެއެވެ.
މިކަމުގެ ސަބަބުން ޑޮލަރަށް އޮތް ބަރޯސާ ކުޑަވެ، އިންޑީޔާ ފައިސާގެ އަގު މައްޗަށް އެރުމަށް ފަސޭހަ ވާނެއެވެ.