އެއީ 2014 ވަނަ އަހަރެވެ. ރާއްޖޭގެ ވެރިކަމުގައި ހުންނެވީ ޕީޕީއެމް އިން ވަޑައިގެން ހުންނެވި ޔާމީން އަބްދުލް ގައްޔޫމެވެ. ވެރިކަމުގައި ހުންނެވީ ނުހަނު ވަރުގަދަ ކޮށް އާރާއި ބާރުގައެވެ. އޭރު ރާއްޖޭގައި އިންޑިޔާއިން ގެނައި އެއް ހެލިކޮޕްޓަރު އޮތެވެ. އެއީ 2010 ވަނަ އަހަރު އޭރުގައި ވެރިއަކަށް ހުންނެވި މުހައްމަދު ނަޝީދު ކިޔާ ބޭފުޅެއްގެ އެދިލެއްވުމަށް އިންޑިޔާއިން ހަދިޔާކޮށްދީފައިވާ ހެލިކޮޕްޓަރެކެވެ.
ރައީސް ޔާމީން ވެގެން ދިޔައީ އެ ހެލިކޮޕްޓަރުގެ އެހީގައި އެމަޖެންސީގައި ސަލާމަތް ކުރަމުން ދިޔަ ދިވެހި ރައްޔިތުންގެ ފުރާނާގެ އަގު ވަޒަން ކުރި ވެރިއަކަށެވެ. އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ ރާއްޖޭގެ ޖަޒީރާ ރަށްތައް ކުޑަކަމުގައި ވީނަމަވެސް ރާއްޖޭގެ މާކަނޑުގެ ސަރަހައްދު ބޮޑުވުމުން، އެންމެ ހެލިކޮޕްޓަރަކުން އެދެމުންދިޔަ އެމަޖެންސީ ޚިދުމަތް މުޅި ގައުމަށް ފޯރާނެ ގޮތެއް ނެތުމުން، އެމަޖެންސީގައި އެހީ ނުލިބި މީހުން މަރުވަމުން ދިޔަ ރަށްތަކަށް އެ ޚިދުމަތް ފޯރުކޮށް ދިނުމެވެ.
އެހެން ކަމުން ރާއްޖޭގެ އިތުރު ދެ ސަރަހައްދަކަށް ބޭނުންވާ ވައިގެ 2 އުޅަދެއް ދިނުމަށް އިންޑިޔާ އަރިހުން ރައީސް ޔާމީން ސަރުކާރުން އެދިވަޑައި ގެންނެވިއެވެ. ރައީސް ޔާމީން އެދިލެއްވީ، 2010 ވަނަ އަހަރުގައި ގެނައި ހެލިކޮޕްޓަރަށް ވުރެ ޚިދުމަތް ފުރިހަމަ ހެލިކޮޕްޓަރަކަށާއި، ޑޯނިޔާ މަތިންދާ ބޯޓަކަށެވެ. ޑޯނިޔާ މަތިންދާ ބޯޓެއް ދިނުމާއި މެދު އިންޑިޔާއިން ގޮތެއް ނުނިންމައިގެން އޭރުގައި އޮތް ޕީޕީއެމް ސަރުކާރުން އިންޑިޔާ އަރިހު 3 ފަހަރު މަތިން އާދޭސް ދެންނެވިއެވެ.
ރައީސް ޔާމީނުގެ އެދިލެއްވުމުގެ މަތިން 2016 ވަނަ އަހަރު އެޕްރީލް މަހު އެމަނިކުފާނު އިންޑިޔާއަށް ވަޑައިގެން ޑިފެންސް ކޯޕަރޭޝަން އެގްރިމެންޓުގައި ސޮއެ ކުރައްވާ، ޕީޕީއެމް ސަރުކާރުން އެދިލެއްވި ހެލިކޮޕްޓަރު ހަމަ އެމަހު ފަހުކޮޅު ރާއްޖެ ގެނެސްދެއްވިއެވެ. ޕީޕީއެމް ސަރުކާރުން އެދިގެން ގެނައި ހެލިކޮޕްޓަރު ގެނައުމުގެ އުފަލުގައި ސަރުކާރުގެ ވެރިން ބޭއްވި ރަސްމިއްޔާތުގައި އެ އުފާ ފާޅުކުރަން ހުންނެވި އެއްވެރިއަކީ މިއަދުގެ ރާއްޖޭގެ އިންތިހާބީ ރައީސް މުއިއްޒެވެ.
އޭރު 2015 ވަނަ އަހަރުގައި ތިންވަނަ ފަހަރަށް 2010 ގައި ގެނެސް އޮތް ހެލިކޮޕްޓަރާއި އެ ދުއްވާ ޕައިލެޓުންނާއި، މެއިންޓަނަންސް ކްރޫ ރާއްޖޭގައި ތިބުމަށް ޔާމީން ވަނީ އެގްރިމެންޓް އާކޮށްފައެވެ.
އިސާހިތަކު، ރާއްޖެ 3 ސަރަހައްދަށް ބަހާލެވި މުޅި ރާއްޖޭގައި އެމަޖެންސީގައި އެހީދެވޭނެ މަގު ރައީސް ޔާމީން ފަހިކޮށް ދެއްވިއެވެ. ނަތީޖާއަކަށްވީ އެހެންޔާ ފަރުވާ ލަސްވެގެން މަރުވަމުންދިޔަ ދިވެހިންނަށް ވަގުތުން އެމެޖެންސީގައި ފަރުވާ ދެވޭނޭ ގޮތް އިންތިޒާމު ވެގެން ދިޔުމެވެ. ދިވެހި އެތައް ބައެއްގެ ފުރާނަ ސަލާމަތް ކޮށް ދިނުމަށް އިންޑިޔާގެ ސިފައިންނާއި، އިންޑިޔާގެ ވައިގެ 3 އުޅަދެއް ހަރަކާތްތެރި ވާން ފެށުމެވެ.
ރައީސް ޔާމީން ގެންނެވި ހެލިކޮޕްޓަރާއި ޑޯނިޔާ ދުއްވައި މެއިންަޓައިނަންސް ބެލެހެއްޓުމަށް ކޮންމެ އުޅަނދަކަށް 22 ނުވަތަ 25 ސިފައިން އިންސާނީ އެހީއަށް އެމަނިކުފާނު އިންޑިޔާއިން ގެންނެވިއެވެ. އިންޑިޔާ ސިފައިން ތިއްބަވަނީ ދެ ޝިފްޓަކަށް އެމީހުންގެ ޓީމް ބަހާލައިގެން ދިވެހިންނަށް 24 ގަޑިއިރުގެ ޚިދުމަތް ދިނުމަށް ތައްޔާރުވެގެންނެވެ. ބައެއްފަހަރު ދިވެއްސެއް ކަނޑަށް ގެއްލިއްޖެ ނަމަ ހުއްޓުމެއް ނެތި ކަނޑުގެ ސަރަހައްދު 4 ނުވަތަ 5 ދުވަސް ވަންދެން ކަނޑުތައް ބަލައި އެމީހުން ހޯދުމުގައި އިންޑިޔާ ސިފައިން ބުރަކޮށް ހަރަކާތްތެރިވެއެވެ.
ރާއްޖެއިން އެދިގެން އިންޑިޔާ އިން ހެލިކޮޕްޓަރުތައް މެއިންޓައިން ކުރަން މަހެއްގެ މައްޗަށް ކޮންމެ ވައިގެ އުޅަދަކަށް ޚަރަދުވާ 20،000 އާއި 50،000 ޑޮލަރުގެ ޚަރަދު ކުރަމުން ދަނީ އިންޑިޔާއިންނެވެ. ދިވެހިން އެދިގެން ގެނައި އިންޑިޔާ ސިފައިންގެ ހުރުމުގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ ވެސް، ރާއްޖެއިން އެދުނު ގޮތަށް އިންޑިޔާ ސަރުކާރުންނެވެ.
ރައީސް ޔާމީނާއި، ނަޝީދު އެދިގެން 3 ހެލިކޮޕްޓަރު އޮޕަރޭޓްކުރަން ރާއްޖެ ގެނައި 74 އިންޑިޔާ ސިފައިންނަކީ ދާއިމީ ބައެއް ނޫނެވެ. ކޮންމެ ބަޔަކުވެސް ވަކި މުއްދަތަކަށް ތިބުމަށްފަހު، އެނބުރި އިންޑިޔާއަށް ގޮސް، އާބަޔަކު ރާއްޖެ ފޮނުވައެވެ. 2010 އިން ފެށިގެން 2018 އަށް އެ ދެބޭފުޅުން އެދި އާދޭސް ކޮށްގެން ރާއްޖެ ގެނައި އިންޑިޔާގެ މިލިޓަރީ ހެލިކޮޕްޓަރާއި އެ ބަލަހައްޓަން އެ ދެ ރައީސުން އެދިގެން ގެނައި އިންޑިޔާ ސިފައިން ރާއްޖޭގައި ތިބެގެން އެއްވެސް މައްސަލައަކަށް ނުވިއެވެ. އޭރު ރައީސް ޔާމީން ވިދާޅުވީ އެ ބޭފުޅުން ތިއްބެވީ އިންސާނީ މަސައްކަތެއް ކޮށް ދިނުމަށް ކަމަށްކަމަށެވެ. ރައީސް ޔާމީނުގު ރާގު ބަދަލުވީ، ސިޔާސީ ބޭނުމަށް ގުރުބާން ކޮށް ކަތިލަނެ ކަންބަޅިއަކަށް އިންޑިޔާ ހަދަން ބޭނުންވެގެންނެވެ.
އެއްކަމަކަށް ވީ ޔާމީނުގެ 2018 ވަނަ އިންތިހާބަށް ޔާމީން އެދުނު ބްލޭންކް ޗެކު އިންޑިޔާއިން ނުދިނުމެވެ. އިންޑިޔާއިން އެދުނީ ފައިސާ ބޭނުން ކުރަނީ ތަރައްޤީގެ ކޮން މަޝްރޫޢުތަކަކަށްކަން އެނގެން ޖެހޭ ކަމަށެވެ. އެފައިސާ އެންމެ ފަހުން ހޯދީ ޗައިނާއިންނެވެ. އެހެންކަމުން ޗައިނާގެ ނުފޫޒު ޔާމީނުގެ މައްޗަށް ހިނގަން ފެށީ ވަކި މިންވަރަކަށް ނޫނެވެ.
ދެވަނަ ކަމަށްވީ ޔާމީނުގެ އަނިޔާވެރިކަމެވެ. އަނިޔާވެރިކަން ރައްޔިތުންގެ މައްޗަށް އިންތިހާއަށް އިސްކޮށް އެތައް ހާސްް ބައެއް ޖަލުތަކަށް ލުމުން، އެކަން ނުކުރަން އަވަށްޓެރި ޤައުމުތަކުންނާއި، ކޮމަންވެލްތުން އެދުނެވެ. އަވަށްޓެރި ގައުމުތަކާއި މެދު ހިތްހަމަ ނުޖެހި، އިންޑިޔާ ދުރުކޮށް، ކޮމަންވެލްތުން ރާއްޖެ ވަކިވެ މުޅި ދުނިޔެއިން ރާއްޖެ އެކަހެރިކޮށްލީ، ރައްޔިތުންނަށް އަނިޔާވެރި ނުވުމަށް އެ ޤައުމުތަކުން އެދުމުންމެވެ.
ޕައިލެޓުން ޓްރެއިން ނުކުރެވުމަކީ އިންޑިޔާއިން ޒިންމާވާން ޖެހޭ ކަމެއް ނޫން!
ޕައިލެޓުން ޓްރެއިން ކުރަންޖެހޭނީ ދިވެހި ސަރުކާރުންނެވެ. އިންޑިޔާއަށް އޮތްކަމަކީ ދިވެހި ޕައިލެޓުން ޑޮނިޔާއާއި ހެލިކޮޕްޓަރު ދުއްވަން އަހުލުވެރި ކޮށް ދިނުމެވެ. ރާއްޖެއިން ދެއްކި ޕައިލެޓުންނަށް އިންޑިޔާއިން ހެލިކޮޕްޓަރާއި، ޑޯނިޔާ ދުއްވުމަށް އަހުލުވެރިކޮށްދިނެވެ. ދިވެހި ޕައިލެޓުންނަށް ޑޯނިޔާ ދުއްވުމަށް ވުރެ، ފައިދާ ބޮޑީ ކޮމަރޝަލް ފްލައިޓް ދުއްވުންކަމަށް ވުމުން، އެ ބޭފުޅުން އެމްއެންޑީއެފް ދޫކޮށް ކޮމާޝިއަލް އެއަރލައިން ތަކަށް ދިޔުމަކީ އިންޑިޔާގެ މައްސަލައެއް ނޫނެވެ. އެއީ ޔާމީނުގެ ވެރިކަމުގެ ފަސް އަހަރާއި، ޕީޕީއެމް ހިމެނޭ ޑރ ވަހީދުގެ ވެރިކަމުގެ ދެ އަހަރުތެރޭ އެބޭފުޅުންނަށް ހައްލު ނުކުރެވުނު މައްސަލައެކެވެ. އެކަމުގައި އިންޑިޔާ ނަގަން ޖެހޭ ޒިންމާއެއް ނެތެވެ.
އިންޑިޔާ ސިފައިން ފޮނުވާލަން ވިސްނަނީ އެމީހުންގެ ކުށެއް ނެތް ކަމެއްގައި ބަދުނާމުކޮށް ފަލީހަތް ކޮށްލާފަ!
އިންޑިޔާ ފޮނުވާލަން ވިސްނަނީ އެމީހުންގެ ކުށެއް ނެތް ކަމެއްގައި ބަދުނާމުކޮށް ފަލީހަތް ކޮށްލާފައެވެ. އެމީހުން ސިފައިން މިތާގައި ތިބީ، ރައީސް ނަޝީދާއި، ޕީޕީއެމް ގެ ވެރިކަމުގައި ރައީސް ޔާމީން އެދިގެންނެވެ. އެންމެ ފަހަރަކުވެސް އިންޑިޔާއިން، ތިމަންނާމެންގެ ސިފައިން ރާއްޖޭގައި ތިބުމަށް ނޭދެއެވެ. ޑޯނިޔާއާއި އެ ދުއްވާނެ ފަރާތްތަކާއި އެކު ރާއްޖެ ގެނައުމަށް ތިން ފަހަރު މަތިން ސިޓީ ފޮނުވާ އާދޭސް ކުރީ ހަމަ ޕީޕީއެމް ސަރުކާރުންނެވެ.
މި ހުރިހާ ކަމެއް ކޮށްފައި، އިންޑިޔާގެ މޫނުގައި ޖަހައި، މުޅިދުނިޔެއަށް އިންޑިޔާ މިލިޓަރީ ރާއްޖެ އަރާތިބި ކަމަށް ބުނެ، ރާއްޖޭގެ މިނިވަންކަމަށް އެއިން އަސަރުކުރާކަމަށް ބުނެ އޮޅުވާލައި، ދޮގު ބަދުނާމަކާއި އެކު އިންޑިޔާ ފަލީހަތް ކޮށްލުމީ، ދިވެހި ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރަން ފާއިތުވި 13 އަހަރު އިންޑިޔާ ސިފައިން ކުރި މަސައްކަތަށް އަޅުގަނޑުމެން ޝުކުރު ދަންނަވަންވީ ގޮތްތޯ ސުވާލު ކޮށްލަން ޖެހެއެވެ.