ޔޫޓިލިޓީ ހިދުމަތްތައް ދޭ ސަރުކާރުގެ ހަތަރު ކުންފުނީގެ ވެސް މާލީ ހާލަތު ރަނގަޅު ނޫން ކަމަށާއި އެ ކުންފުނިތަކުގެ ޖުމްލަ ދަރަނީގެ އަދަދު ނުވަ ބިލިއަން ރުފިޔާ އަށް އަރާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ހާމަކޮށްފި އެވެ.
ނަމަވެސް މި 9 ބިލިއަން ރުފިޔާއަކީ ރައީސް ޔާމީނުގެ ވެރިކަމުގައިވެސް ހުރި ދަރަނިތައް ހިމަނައިގެން އަރާފައިވާ މިންވަރަކެވެ.
މީގެ ތެރޭގައި އެއް މިލިއަން ޑޮލަރު ގަންނަން އަމިއްލަ ކުންފުންޏަކަށް ފެނައިކައިން 2017 ގައި ދިން 17 މިލިއަން ރުފިޔާ ވެސް ހިމެނެއެވެ.
ޔުޓިލިޓީ ހިދުމަތްތައް ދެނީ ސަރުކާރުގެ ހަތަރު ކުންފުންޏެއް ކަމަށްވާ ސްޓެލްކޯ، ފެނަކަ، އެމްޑަބްލިއުއެސްސީ އަދި ވެމްކޯ މެދުވެރިކޮށެވެ..
ސްޓެލްކޯ
ސްޓެލްކޯގެ ޖުމްލަ ދަރަނީގެ ގޮތުގައި 3.7 ބިލިއަން ރުފިޔާ އެބަހުއްޓެވެ. ނަމަވެސް އެކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށްވާތީ، މާލީ ހާލަތު އެހާ ގޯސް ނޫން ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
ޢެމްޑަބްލިއުއެސްސީ
ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ ދަރަނި 1.4 ބިލިއަން ރުފިޔާ އަށް އަރައެވެ. އެއީ ސަޕްލަޔަރުންނަށް ދައްކަން ޖެހޭ 137 މިލިއަން ރުފިޔާ އާއި ކްރެޑިޓުންނަށް ދޭން ޖެހޭ 822 މިލިއަން ރުފިޔާ އަދި ލޯނުތަކަށް ނަގާފައިވާ 493 މިލިއަން ރުފިޔާ އެވެ.
އެމްޑަބްލިއުއެސްސީން ކޮށް ނިންމައި ބިލްކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން 375 މިލިއަން ރުފިޔާ ނުލިބިހުރި ރުފިޔާ ލިބުމުން ލޯނު ދެއްކުމުގެ ބުރައަށް ލުއި ލިބިގެން ދާނެކަމަށް ބެލެވެއެވެ.
ވެމްކޯ
ދަރަނީގެ ޖުމްލަ އަދަދަކީ 226 މިލިއަން ރުފިޔާ އެވެ.
ފެނަކަ
- ޖުމްލަ ދަރަނި: 4.1 ބިލިއަން ރުފިޔާ
- އެކިއެކި ސަޕްލަޔަރުންނަށް: 3.2 ބިލިއަން ރުފިޔާ
- ލޯނުތަކަށް: 901 މިލިއަން ރުފިޔާ
ހައްލެއް ނުދެވުން
ފިރުޒުލް ވިދާޅުވީ ޔުޓިލިޓީ ނިޒާމްގެ އޮނިގަނޑު ބަދަލު ކުރަން ވިސްނަމުންދާ ކަމަށާއި އެކަން ކުރާނީ ހިދުމަތްތައް ރައްޔިތުންނަށް އެންމެ ރަނގަޅަށް ފޯރުކޮށްދެވޭނެ ގޮތެއް ހޯދައި، ދައުލަތަށް ބުރައަކަށް ނުވާނެ ގޮތަށް ކަމަށެވެ.
ނަމަވެސް، އޭގެ ތަފްސީލެއް ނުދެއްވިއެވެ. ކުންފުނީގެ އޮނިގަނޑު ބަދަލު ކުރުމަކީ ކުންފުނީގެ ދަރަނި އަދާކުރެވޭނެ މަގެއް ނޫނެވެ. އެކަމަށް ބޭނުންވަނީ ރާއްޖެއިން ބޭރުގެ އެހީތަކާއި، އިޤްތިސާދީ ނިޒާމުގެ ތެރެއަށް ފެތިގެން ނޫނީ ކަންތައްތައް ނުކުރެވޭނެ ޕޮލިސީތަކެވެ. "އޮނިގަނޑު ބަދަލުކުުރުން" ކަހަލަ މަތިއޮމާން ކުރާ ބަސްކޮށާރުން ހޮވާ ދެތިން ބަހެއް ނޫނެވެ.