މިއީ ޝެއިޙް ސަމީރުގެ ޝިކާރައަކަށްވެފައިވާ ޢުމަރު އަޙްމަދު ޙުސައިން، އޭނާއަށް ދިމާވެފައިވާ މި ހިތާމަވެރި ހާދިސާ އާއި ގުޅޭ ގޮތުން އެ ފަރާތުން ލިޔެފައިވާ ލިޔުމެކެވެ. މި ލިޔުމަކީ ޢުމަރު އަޙްމަދު ޙުސައިން ދިޔަވަރަށް ފޮނުވި ލިޔުމެކެވެ. ދިޔަވަރު ނޫހުން އެދެނީ ޢުމަރު އަޙްމަދު އަށް އޭނާގެ ދަރިފުޅާއި ބައްދަލުވުމުގެ ފުރުޞަތު މިކަމުގެ ސަބަބުން އަވަހަށް ފަހިވެގެން ދިޔުމެވެ. އަދި ޢުމަރު އަޙްމަދު އަށް އިންސާފު ލިބި، އަނިޔާވެރިންގެ މައްޗަށް ﷲގެ ޙަޒްރަތުން ކާމިޔާބު މިންވަރު ކުރުމެވެ. އާމީން.
އެދުވަސްވަރަކީ އަހަރެން (ޢުމަރު އަޙްމަދު ޙުސައިން) މަތީ ތަޢުލީމު ހާސިލު ކުރުމަށްޓަކައި އިނގިރޭސިވިލާތުގައި އުޅުނު ދުވަސްވަރެވެ. މަންމަ ނިޔާވުމުގެ ސަބަބުން ވަރަށް އެކަނިވެރިކަން އިޙްސާސްވިއެވެ. އުމުރުންވެސް ދުވަސްވަމުން ދާތީ، މީހަކާ އިނދެ ދިރިއުޅުމެއް ފެށުމުގެ ޝައުޤުވެރިކަންވެސް އުފެދެން ފަށައިފިއެވެ. އެގޮތުން އިނގިރޭސިވިލާތުން ވެސް އިންނާނެ ރަނގަޅު ކުއްޖަކު ލިބޭތޯވެސް ބެލީމެވެ. ނަމަވެސް އެންމެ ހިތްހަމަޖެހުނީ ހަމަ ދިވެހި ކުއްޖަކާ އިނުމަށެވެ. ރަނގަޅު ކުއްޖަކު ހޯދުމަށްޓަކައި އެކި ގޮތްގޮތުން މަސައްކަތްކުރީމެވެ. އެގޮތުން ބައްޕަ (ނާސްތާ ވަހީދު) ގާތުގައިވެސް ރަނގަޅު ކުއްޖަކު ހޯދައިދިނުމަށް އެދުނީމެވެ.
އެތައް ދުވަހެއްގެ މަސައްކަތުން އިންނާނެ ރަނގަޅު ކުއްޖެއްކަމަށް ޝައިޚް ސަމީރުގެ އެއްބަނޑު އެއްބަފާ އެންމެ ހަގު އަންހެން ކޮއްކޮ ޙައްވާ ޝިޢުރާ އިބްރާހީމް (ށ.ފޯކައިދޫ، ކަރަންކާގެ، އިބްރާހިމްގެ ދަރި) ހުށަހެޅުނެވެ. ޢާއިލާއިން އެންމެ ބޭނުންވާ ސިފަތައް މި ކުއްޖާގެ ކިބައިގައި ނެތް ކަމުގައި ވިޔަސް، ޝައިޚް ސަމީރުގެ ކޮއްކޮއަކަށް ވީތީ އެންމެން ރުހިއްޖެއެވެ. ނަމަވެސް އެހެން މީހުން މެދުވެރިކޮށް އެއީ ކޮންކަހަލަ ބައެއްތޯ އަޅުގަނޑު އިތުރަށް ބެލީމެވެ. އޭރު ބެލި ބެލުމުގައި ރަނގަޅު ކަމަށް ފެނުނެވެ. އަޅުގަނޑަށް ފުރަތަމަ ފެނުނީ ދޮންމަންމަ ދައްކާލި ފޮޓޯއެކެވެ. ފޮޓޯ ބަލާފައި އެހާ ހިތްހަމަޖެހޭ ގޮތެއް ނުވިއެވެ. ނަމަވެސް ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ ދޮންމަންމަ ގާތުގައި ބުނީމެވެ.
ކިޔެވުމުގެ ޗުއްޓީއެއްގައި ހުރި ދުވަސްވަރު ޝިޢުރާއާ ބައްދަލުކުރީމެވެ. އެއީ ޝައިޚް ސަމީރުގެ ހާޒިރުގައެވެ. ބައްދަލުވުމަށްފަހު އަހަރެންވެސް ޝިޢުރާވެސް އެކަކު އަނެކަކާމެދު ވަރަށް ހިތްހަމަޖެހިއްޖެއެވެ. އެރޭ ޝައިޚް ސަމީރު ދެއްކި ވާހަކައަކީ ޝިޢުރާ އޭލެވެލް ކިޔަވާތީ، މި ވަގުތު ކައިވެނިކުރަން އޭނާގެ ބައްޕަގެ ރުހުން ހޯދަން އުނދަގޫވެދާނެ ކަމެވެ. އެހެންކަމުން ކައިވެނި ގާތްގަނޑަކަށް އެއް އަހަރަށް ފަސްކުރަން ނިންމީމެވެ. އެއީ ޝިޢުރާ ކިޔަވައި ނިންމާލެވޭތޯއެވެ.
ނަމަވެސް ފަހުން އެނގުނު ގޮތުގައި ޝިޢުރާއަށް އެގޭގައި ހުރެގެން ކިޔެވޭގޮތެއް ނުވިއެވެ. އެއީ ގޭތެރޭގެ ކަންކަން ހުރި ގޮތުންނެވެ. ޝައިޚް ސަމީރުގެ އަނބިކަނބަލުން ދީބާ (ޝައިޚް ޢަލީ ޒާހިރުގެ ކޮއްކޮ) ގެ ޢަމަލުތައް ހުރި ގޮތުން، ރަށު ސްކޫލުން މަތީ ވަނަ ހޯދި ޝިޢުރާ، އޭލެވެލްއިން ފާހެއް ނުވިއެވެ.
ކޮންމެއަކަސް، ޝައިޚް ސަމީރު ގާތުގައި އަހަރެންގެ ޢާއިލާއިން އެދިގެން ޝިޢުރާއާއި އަހަރެން ވާހަކަ ދެއްކޭނެ ގޮތް ހަމަޖެއްސުމަށްޓަކައި ޝިޢުރާގެ ފޯނު ނަންބަރު ލިބޭގޮތް ހަމަޖެހުނެވެ. އެހިސާބުން ދެމީހުން އެކަކު އަނެކަކަށް ގުޅައި މެސެޖުކޮށް ގުޅުން ބަދަހިވާން ފެށިއެވެ. އަހަރެން އިނގިރޭސިވިލާތުގައި ހުރެގެންވެސް ޝިޢުރާއަށް ގުޅައި މެސެޖުކޮށް ހަދަމެވެ. ކައިވެނީގެ ކުރިންވެސް ވަރަށް ގާތް ގުޅުމެއް ބިނާކުރެވުނެވެ.
ފަހުން އެނގުނު ގޮތުގައި ޝިޢުރާ ހުރީ ސަމީރުމެން ގެއިން ދިއުމަށްޓަކައި ކޮންމެ މީހަކާވެސް އިންނަން ތައްޔާރަށެވެ. އެހެނީ އިންނާނެ މީހަކު ނުފެނިގެންނެވެ. ރަށުގައި މައިންބަފައިން ގާތުގައި ހުރެ އޯލެވެލްއާ ހަމައަށް ޝިޢުރާ ކިޔެވިއެވެ. ނަމަވެސް ރަށުން އޭލެވެލްއަށް ކިޔެވެން ނެތުމުން މާލެއަށް އައިސް ޝައިޚް ސަމީރު ގާތަށް އައީއެވެ.
ހިތްހަމަޖެހިގެން ކިޔެވޭނެ މާޙައުލެއް ސަމީރަކަށް ހޯދައެއް ނުދެވުނެވެ. ގޭތެރޭގެ ކަންކަން ގޯސްވެގެން، އަމިއްލައަށް މަރުވާން ޖޯޖިއާގޭގެ ދެވަނަ ފްލޯގެ ކުޑަދޮރުން ޝިޢުރާ ފުންމާލަން އުޅުނު ކަމަށް އޭނާ އަހަރެން ގާތުގައި ބުންޏެވެ. ޝިޢުރާގެ ދައްތަ، ޒަރާނާވެސް ސަމީރުމެން ގޭގައި އުޅުނެވެ. އޭނާވެސް އުޅެމުން އައީ ހިތްދަތި ދިރިއުޅުމެކެވެ. އޭނާއާ ދިމާލަށްވެސް ކިޔާ އެއްޗެހިން ރޮމުން ގޮސް ހިތް ހުއްޓޭވަރަށް ކަންކަން ދިޔައެވެ. އަހަރެންނާއި ޝިޢުރާގެ ކައިވެންޏަށްފަހު އެތައް ދުވަހެއް ވަންދެން ކިޔަވަންވެސް އަހަރެންގެ ބައްޕަމެން ގޭގައި ޒަރާނާ ހުއްޓެވެ. ސަމީރުމެން ގެއަކަށް ދާކަށް ބޭނުމެއް ނުވިއެވެ. އަބަދުވެސް ސަމީރަށް ކަންތައް ކުރެވެނީ އޭނާގެ އަނބިކަނބަލުންގެ ދިފާޢުގައެވެ.
ސަމީރުގެ މައިންބަފައިންވެސް ސަމީރުގެ ގޭގައި ހުންނަން ބޭނުމެއް ނުވެއެވެ. އެއީ މައިންބަފައިންނަށް އިހާނެތިކޮށް އޭނާގެ އަނބިކަނބަލުން އެތައް ފަހަރަކު ކަންކަން ކޮށްފައިވާތީއެވެ. ސަމީރުގެ މަންމަ ރޮއްވާލައި، ބައްޕަ ރުޅިއަރުވައެވެ. އެމީހުން މާލެ އަންނަ ނަމަ، އެމީހުންގެ ރައްޓެހިންގެ ގޭގައި އަދި އަހަރުމެންގޭގައި ހުންނަން މާ ރުހެއެވެ. ނަމަވެސް މީހުން ދައްކަފާނެ ވާހަކަތަކަށް ބިރުން ސަމީރު އެމީހުން އޭނާގެ ގެއަށް ގެންދެއެވެ.
ކައިވެނީގެ ކުރިން ޝިޢުރާއާއެކު ވާހަކަދެކެވުނު އެއް އަހަރުދުވަހުގެ ތެރޭގައި އަޅުގަނޑަށް ދޭހަވީ ޝައިޚް ސަމީރުގެ ދޯހަޅިކަމެވެ. ވަކިން ޚާއްޞަކޮށް އޭނާގެ އަނބިކަނބަލުންގެ ނުބައި ނުލަފާކަމެވެ. ދީބާއަށް ސަމީރުގެ ޢާއިލާއަކީ އެއްވެސް އަހައްމިއްޔަތުކަމެއް ދޭންޖެހޭ ބައެއް ނޫނެވެ. ސަމީރަށްވެސް އެކަން ރަނގަޅެވެ. އެންމެންވެސް އުޅެނީ ސަމީރުގެ ދިފާޢުގައެވެ. އެއީ މާ ވަރުގަދަ ޝައިޚަކަށް ވާތީއެވެ. މާ މާތް މީހަކަށް ވާތީއެވެ. މާ ވަރުގަދަ އަބުރަކާއި ޢިއްޒަތެއް ލިބިފައިވާ ޝަޚްޞިއްޔަތަކަށް ވާތީއެވެ. މައިންބަފައިންނާއި އެއްބަނޑު އެއްބަފާ މީހުންނަށް ހެޔޮކޮށް ނުހިތާކަމުގައިވިޔަސް ވަރަށް ގިނަ މީހުންނަށް އެކަން ރަނގަޅެވެ. އަހަރެންގެ ޢާއިލާގެ ގިނަ މީހުންނަށްވެސް އޭރު ވީ އެގޮތެވެ. މިހާރުވެސް ވަނީ އެގޮތަށެވެ. މިއީ އިސްލާމީ ރިވެތި އުސޫލުތޯއެވެ؟ ނިކަމެތި މީހާގެ ޙައްޤުތަކަކީ ކޮބައިތޯއެވެ؟
ކައިވެނީގެ ކަންކަންވެސް ކުރިއަށް ދިޔައީ ވަރަށް ދަތިކޮށެވެ. ސަމީރާއި އޭނާގެ އަނބިކަނބަލުންގެ ނުފޫޒު ވަރަށް ގަދައެވެ. ސަމީރު ބުނާ ގޮތުގައި މާލޭގައި ހުންނަ ޝިޢުރާގެ މަންމައާއި ބައްޕައަކީ އޭނާއާއި އޭނާގެ އަންހެނުންނެވެ. ކައިވެނި ކުރަން ހަމަޖެއްސީވެސް ސަމީރު އޭރު އުޅުނު ގެ، ޖޯޖިއާގެ ދެވަނަ ފްލޯގައެވެ. އެއީ ވަރަށް ކުޑަ ގެއެކެވެ. ނަމަވެސް ސަމީރުމެންގެ ނުފޫޒުން އެކަން އެހެން ގޮތަކަށް ބަދަލެއް ނުކުރެވުނެވެ. ކައިވެނީގެ ރަސްމިއްޔާތުގައި ދެފަރާތުގެ ޢާއިލާގެ އެންމެންނަށް ބައިވެރިވުމަކީ ދަތިކަމަކަށް ވިއެވެ. ބައެއް ފަހަރު ހީވަނީ ވަލީވެސް ދެނީ ސަމީރުހެންނެވެ.
ފަހުން އަހަރެންގެ އަމިއްލަ ދިރާސާއިންނާއި ޝިޢުރާ ދައްކާފައިވާ ވާހަކަތަކުން އެނގުނު ގޮތުގައި ސަމީރު މިހާވަރަށް މި އުޅެނީ އަހަރުމެންނަކީވެސް ފައިސާގެ ތަނަވަސްކަން ލިބިފައިވާ ބައެއް ކަމަށްވާތީއެވެ. ޝިޢުރާ ބުނީ އެމީހުން ހީކުރީ އަހަރެމެންނަކީ ވަރަށް މުއްސަނދި ބައެއް ކަމަށެވެ. މި ކައިވެނީގެ ސަބަބުން ސަމީރުވަނީ އެތައް ފައިދާއެއް ހޯދާފައެވެ. އޭގެތެރޭގައި އޭނާގެ މަންމައާއި ބައްޕަ އެތައް ފަހަރެއްގެ މަތިން ޙައްޖަށާއި ޢުމްރާއަށް ފޮނުވުން ހިމެނެއެވެ. އަދި އަހަރެންގެ ބައްޕަމެން ޙައްޖާއި ޢުމްރާގެ މަސައްކަތް ކުރާތީ، ސަމީރު ބޭނުން އެތައް ބަޔަކަށް ޙައްޖުގެ ފުރުޞަތު ދީފައިވެއެވެ. އެއީވެސް ހެދިފައިވާ ކިޔުގެ ބޭރުންނެވެ. ޝައިޚް ސަމީރަށް ވާތީއާއި އޭރު އަހަރެންގެ ޅިޔަނަށްވެސް ވާތީއެވެ.
ކައިވެންޏަށްފަހު ސަމީރު އެކި ކަންކަމުގައި އެދުނު ކަމުގައި ވިޔަސް އަހަރެން ޝިޢުރާ އެގެއަކަށް ނުފޮނުވަމެވެ. މިކަމާ އޭނާ ވަރަށް ހިތްހަމަނުޖެހެއެވެ. އޭނާގެ އަނބިކަނބަލުންގެ ނުރަނގަޅު ޢަމަލުތަކުގެ ދިފާޢުގައިވެސް ހުންނަނީ ސަމީރެވެ. އަހަރެންގެ ޢާއިލާއިން ސަމީރުގެ ޢާއިލާއާ ވަރަށް ގުޅުން ބަދަހިކުރަން ބޭނުންވެއެވެ. އަދި ޝިޢުރާއާއި އޭނާގެ މައިންބަފައިންނާމެދު ސަމީރުމެން ކަންކަން ކުރާ ގޮތުގެ ވާހަކަ ކިޔައިދިން ކަމުގައި ވިޔަސް އެވާހަކަތައް ޤަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. ސަބަބަކީ ޝައިޚް ސަމީރަކީ މާ ވަރުގަދަ ޝައިޚަކަށް ވާތީއެވެ. އޭނާ ބޮޑު ފާފައެއް ކުރިކަމުގައި ވިޔަސް އެއީ އެއްވެސް މައްސަލައެއް ނޫނެވެ. މިކަންކަން ތަކުރާރުވަމުން ދާތީ ޝިޢުރާވެސް ސަމީރުގެ އަނބިކަނބަލުންނާ ދެކޮޅަށް އެތައް ފަހަރަކު ޢާއިލާ ވައިބަރ ގްރޫޕުގައި އަޑުއުފުލާފައިވެއެވެ. އަނބިކަނބަލުންގެ ދިފާޢުގައި ދެންވެސް ނިކުންނަނީ ހަމަ ސަމީރެވެ. އެއްވެސް އިޞްލާޙެއް ވާތަނެއް ނުފެނެއެވެ.
ކަން ދިމާކުރި ގޮތުން އިނދެގެން އުޅެންޖެހުނީވެސް ބައްޕަ ކައިރީގައެވެ. ބައްޕައަކީ ސަމީރުގެ ވަރަށް ބޮޑު ފޭން އެކެވެ. ހުރިހާ ކަމެއް ލޯމަތީ ހިނގާއިރުވެސް ސަމީރުގެ އެއްވެސް މައްސަލައެއް ނެތެވެ. ބޭނުންވަނީ ބައްޕަގެ ޙައްޖާއި ޢުމްރާގެ މަސައްކަތާއި އަލްޚައިރު ޖަމްޢިއްޔާގެ މަސައްކަތްތައް ސަމީރުގެ މަޝްހޫރުކަމުން ފައިދާ ލިބިގަނެ އިތުރަށް ކުރިއަށް ދިއުމެވެ. އެކަން ސަމީރު ނުކޮށްދީ، ސަލަފީ ޖަމްޢިއްޔާގެ ކުރިއެރުވުމަށް ކުރާ މަސައްކަތަށް އިސްކަންދިނެވެ. މިހެންކަމުން ސަމީރަށް ޑެންގީ ޖެހިގެން ހިނގާބިނގާވެ ނޫޅެވުނު ދުވަހު ހޮސްޕިޓަލަށް ގޮސް ހާލުވެސް ބަލައެއް ނުލެވުނެވެ. އެވެސް ދުވަހެކެވެ. ނަމަވެސް އަދިވެސް ސަމީރުގެ ބޭނުން ހިފޭތޯ ވަރަށް މަސައްކަތް މިހާރުވެސް ކުރެއެވެ.
އަހަރެންގެ ހިތަށް ބައެއްފަހަރު އަރައެވެ، ދުނިޔޭގައި އެންމެ މުހިންމީ ފައިސާއިން ލިބޭ ފައިދާތައްބާވައެވެ؟ ނޫނީ މަޝްހޫރުކަމުން ލިބޭ ފައިދާތައްބާވައެވެ؟ މިދެމެދުގައި ދެ ޢާއިލާ ވަނީ ތާށިވެފައެވެ. ދެބައިމީހުންވެސް އެބަޔަކަށް ނުލިބިހުރި ނިޢުމަތްތައް އަނެއްބައި މީހުންގެ ކިބައިން ލިބޭތޯ ވަރަށް މަސައްކަތް ކުރެއެވެ. މިކަމުގެ އުނދަގޫ ކުރިމަތި ވަނީ އަހަރެންނަށެވެ. ޝިޢުރާގެ ޢާއިލާއިން ދެކޭ ގޮތުގައި އަހަރެންނަކީ ބޮޑު މުއްސަންޖެކެވެ. އަދި މާލޭ މީހެކެވެ. ނަމަވެސް ބުރަ މަސައްކަތް ކޮށްގެން ކުޑަ އުޖޫރައެއްގައި ބައްޕަ ގާތުގައި އެދުވަސްވަރު އަހަރެންނަށް އުޅެން މަޖުބޫރުވެފައެވެ. ޝިޢުރާއަށް ސަމީރުމެންގޭގައި ހުރެގެން ނުކިޔެވުނު އޭލެވެލްވެސް ޓިއުޝަން ނަގައިގެން ކިޔަވައިދިނީ އަހަރެންނެވެ. އޭގެ ފަހުންވެސް ޝިޢުރާގެ ޑިގްރީއާއި މާސްޓަރސްއަށް އަހަރެންގެ އަމިއްލަ އަތުން ވަރަށް ޚަރަދުކުރެވުނެވެ. އޭރަކު ހިލޭ ޑިގްރީއެއް ނޯވެއެވެ.
ޝިޢުރާ ޑިގްރީއަށް ކިޔަވަން ފެށީ ދަރިފުޅުގެ އުމުރުން 5 މަހުގައެވެ. ޝިޢުރާ މާސްޓަރސް އިން ވިލާ ކޮލެޖުން ގްރެޖުއޭޓްވީ ދަރިފުޅުގެ އުމުރުން ގާތްގަނޑަކަށް 7 އަހަރުގައެވެ. ދެމީހުންގެ ކައިވެންޏަށްވީވެސް ހަމަ އެހާކަށްވަރެވެ. މިކައިވެންޏަކީ ޝިޢުރާ މާލޭގައި ހުރެގެން ކިޔެވުމަށް ކުރި ކަމެކޭވެސް ބައެއް މީހުން ބުނެއެވެ. ކިޔެވުން ނިމުމާއެކު ކައިވެނިވެސް ޝިޢުރާ ރޫޅާލިއެވެ. މިކަމުގައި ސަމީރުގެ ހިއްސާ ވަރަށް ބޮޑެވެ. ކައިވެނި ކޮށްދިނީ ސަމީރެވެ. ކައިވެނި ރޫޅާލުމަށްޓަކައި ކޯޓުގައި ދިން ބަޔާން ދީ، މިކައިވެނި ރޫޅާލުމަށް އެދުނީވެސް ސަމީރެވެ. މައްސަލައަކަށްވީ އަހަރެން އޭރު ހުރި ބަލިހާލަތުން ސަމީރާއި ޝިޢުރާއަށް ބޭނުންވާ ވަރަށް ފައިސާ ނުލިބޭތީއެވެ. އަހަރެންގެ ޢާއިލާއިންވެސް ދެމުންދިޔަ ފައިސާގެ އެހީތެރިކަން މެދުކަނޑާލީމައެވެ.
މިކަމުގެ ސަބަބުން ޝިޢުރާ ރަށަށް ބަދަލުވާން ޖެހުނެވެ. އަދި އަހަރެން ބަލިއެނދުގައި ރާއްޖެއިން ބޭރުގައި އޮއްވައި ޝިޢުރާއާއި ސަމީރު ގުޅިގެން އަހަރެން ވަރިކޮށްލިއެވެ. ޝިޢުރާ ބުނާ ގޮތުގައި އަހަރެންގެ ޢާއިލާއިން ޝިޢުރާއާއި އަހަރެންގެ ދަރިފުޅު އެއްލައިލީ ފާފުއްސައިލާހެންނެވެ. ވަރަށް ގިނަ މީހުން ބުނަނީ، ސަމީރުގެ އެއްވެސް ޙިއްޞާއެއް މިކަމުގައި ނެތޭއެވެ. ނަމަވެސް ވަރީގެ ބައެއް ކަންކަމުގައި ކޯޓަށް ގޮސް ކުރިމަތިލާން މިޖެހެނީ ހަމަ އެއްކަލަ ޝައިޚް ސަމީރާއެވެ. ޝިޢުރާގެ ބަދަލުގައި އަންނަނީވެސް ހަމަ އޭނާއެވެ. ކުރިން އަނބިކަނބަލުން ކުރި ގޯސް ކަންކަން ދިފާޢުކުރި ފަދައިން މިހާރު ޝިޢުރާގެ ދިފާޢުގައިވެސް އޭނާ ނިކުންނަން ފަށައިފިއެވެ.
ވަރިވުމަށްފަހު މާލެ އައި ދަތުރެއްގައި ޝިޢުރާ އެންމެ ފުރަތަމަވެސް އެދުނު ކަމަކީ ދަރިފުޅު ގޮވައިގެން ކެފޭތަކާއި ރެސްޓޯރަންޓްތަކަށް ދެމީހުން އެކުގައި ދިއުމަށެވެ. އަހަރެން ބުނީ މިހާރު އެއީ މާ ރަނގަޅު ކަމެއްގެ ގޮތުގައި ނުދެކޭ ވާހަކައެވެ. ދެމީހުންވެސް ވަކިން ދަރިފުޅާއެކު ވަގުތު ހޭދަކޮށް، ލޯބިދީގެން ކުރިއަށް ދިޔުން ރަނގަޅުވާނެ ކަމަށް ފެންނަ ކަމަށް ބުނީމެވެ. ޝިޢުރާ އެއްގޮތަކަށްވެސް މިކަމަކަށް އެއްބަސްވާން ބޭނުމެއް ނުވިއެވެ. ދަރިފުޅަށް ވަރިވިކަން ވަންހަނާކުރަން ބޭނުންވާ ކަމަށް ބުންޏެވެ. އަހަރެން ބުނީ ކުރީގެ ގުޅުމެއް ދެން ބޭއްވޭކަށް ނެތް ވާހަކައެވެ. ޝިޢުރާ މިކަން ދޭހަކުރީ ދަރިފުޅު އުފާވުން އަހަރެން ބޭނުން ނުވާ ކަމުގައެވެ. އެއަށްފަހު ޝިޢުރާ އެހެން މީހަކާ އިނދެވެންދެން، ރަށުގައި ދަރިފުޅު ހުރި ކަމުގައި ވިޔަސް، ދަރިފުޅާ ވާހަކަދެއްކޭނެ އިންތިޒާމު ހަމަޖައްސައިދިނެވެ. އަހަރެން ކޮންމެ ދުވަހަކު ދަރިފުޅަށް ގުޅަމުން ގެންދިޔައީމެވެ.
ޝިޢުރާވެސް އުޅެމުން އޭރު ދިޔައީ އަހަރެން ދަރިފުޅަށް ކުރި ފައިސާގެ ޚަރަދު ބޭނުންކޮށްގެންނެވެ. ނަމަވެސް ޝިޢުރާ މާލެ ބަދަލުވެ، މީހަކާ އިނދެ، ދެން އަހަރެންގެ ފައިސާއަށް ބަރޯސާވުން ބޭނުންނުވި ހިސާބުން، ދަރިފުޅާ ގުޅައިގެން ވާހަކަދެއްކޭ މިންވަރުވެސް މަދުވާން ފަށައިފިއެވެ. ކުރިން ކޮންމެ ދުވަހަކު ގުޅުނެވެ. އަދި ވަރަށް ރަނގަޅު ގުޅުމެއްވެސް އަހަރެންނާއި ދަރިފުޅާ ދެމެދު އޮތެވެ. ފަހުން ގުޅެނީ ހަފުތާއަކު އެއްފަހަރެވެ. ދެން ދެމަހުން އެއްފަހަރެވެ. ދަރިފުޅު ހުޅުމާލޭގައި އުޅުނު ކަމުގައިވިޔަސް ބައްދަލުވެ ލޮލަށްވެސް ނުފެނެއެވެ.
އެހެންކަމުން އަހަރެން މިމައްސަލައިގައި ދަރިފުޅާ ބައްދަލުކުރުމަށް ވަގުތު ކަނޑައެޅުމަށް ފެމިލީ ކޯޓަށް ހުށަހެޅީމެވެ. މިކަމުގައިވެސް އަހަރެންގެ ޢާއިލާއިން އެހީތެރިވާނަމޭ ބުނެ، ވަކީލެއް ހަމަޖައްސައިދޭނަމޭ ކިޔައިގެން ހެދީ ހުސް ދޮގެވެ. އެންމެ ފަހުން އަމިއްލައަށް މިކަން ކުރީމެވެ. ކޯޓުގައި މައްސަލައަށް އަހަރަކަށް ވުރެ ގިނަ ދުވަހަށް ދިގުދެމިގެން ދިޔައެވެ. ވަގުތީ އަމުރަކުން ދަރިފުޅާ ބައްދަލުވާނެ ގޮތެއް ހަމަޖެހުނީވެސް އެއް އަހަރާއި އެއްމަސް ދުވަސް ފަހުންނެވެ. ނަމަވެސް ބައްޕައާ ބައްދަލުކުރަން ބޭނުން ނުވާ ކަމަށާއި، ވާހަކަދައްކަންވެސް ބޭނުން ނުވާ ކަމަށް ދަރިފުޅު ލައްވައި ކޯޓުގައި ބުނެ، އަހަރެންނާއި ދަރިފުޅާ ދެމެދު އޮތް ރަނގަޅު ގުޅުން ޝިޢުރާއާއި އޭނާގެ ޢާއިލާއިން ވަނީ ކަނޑާލާފައެވެ. މިކަމުގައި އަހަރެންނާއި ދަރިފުޅުގެ ކުށަކީ ކޮބައިތޯއެވެ؟ ކޯޓުގެ ޙުކުމާއި އެއްގޮތަށް އެއްވެސް ކަމެއް ނުކުރެއެވެ. ދަރިފުޅާ ވާހަކަވެސް ނުދެއްކޭތާ އެތައް މަހެއް ވެއްޖެއެވެ. ސަމީރު ބުނާ ގޮތުގައި ދަރިފުޅު ހުރީ ދަރިފުޅުގެ މަންމަ ގާތުގައެވެ. ބައްޕައާ އެއްވެސް ގުޅުމެއް ނެތުމަކީ އެއްވެސް މައްސަލައެއް ކަމުގައި އޭނާއެއް ނުދެކެއެވެ. ދަރިއަކު އޭނާގެ ބައްޕަގެ ލޯބިން މަހުރޫމުކޮށް، އަދި ބަފަޔަކަށް ލިބެންޖެހޭ ޙައްޤުން އޭނާ މަހުރޫމު ކޮށް ނިކަމެތި ކުރުމުގައި ސަމީރުގެ ދައުރު އިންތިހާއަށް ބޮޑެވެ. މި އަނިޔާ އަހަރަންނަށް ދިނުމުގައި ސަމީރަށް އޮތީ ކޮން ހައްޤެއް ތޯއެވެ؟ މިއީ އިސްލާމްދީނުގައި އޮތް ޢަދުލުވެރި އިންޞާފުން ބާކީ ކޮށް، ބަރީޢަކޮށްލުން ނޫން ކޮންކަމެއްތޯއެވެ؟