މާދަމާ ގޭސް ޝިޕްމެންޓެއް އަންނާނެ ކަމަށާއި، ނެތީ 45 ކިލޯގެ ގޭސް ފުޅި އެކަނި ކަމަށް ބުނެ ބޯފަން އަބްދުލޯ "މިހާރު" ނޫހަށް ދޮގު މައުލޫމާތު ދީފިއެވެ.
"އިއްޔެ އާއި މިއަދު 45 ކިލޯގެ ފުޅި ޑެލިވަރީ ކޮށްނުދެވޭ. އެއީ ނެތީމާ. އެކަމަކު މިއަދު ބޯޓު ވަދެ، މާދަމާ އިން ފެށިގެން 45 ކިލޯގެ ފުޅި ވެސް ބަރާބަރަށް ދޫކުރަމުން ދާނެ. މާނައަކީ ކުރިމަތިވެފައިވާ މައްސަލަ މާދަމާ ހައްލު ވާނެއޭ،"
އަބްދުﷲ މިހާރު ނޫހަށް ދޮގު މައުލޫމާތު ދެމުން ވިދާޅުވި އެވެ. މިހާރު ނޫހުން މި ދޮގު ޚަބަރު ޝާއިޢު ކޮށްފައިވަނީ އެމްޕީއެލްއިން އަދި ކަސްޓަމުންވެސް މި މައުލޫމާތު ސައްޙަކަން ސާފު ނުކޮށެވެ. ރާއްޖޭގެ ވެރިއަކު މިއަދު ދައްކާ ވާހަކަ އެއީ ތެދުވާހަކަ ކަމަށް ބަލައި ނޫސްތަކުގައި ޖެހުމަކީ ރައްޔިތުންނަށް އެއިން ދޮގު މައުލޫމާތު ލިބުން ނޫން އިތުރުކަމެއް ވާނެ ކަމެއް ނޫނެވެ.
ދިޔަވަރު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މޯލްޑިވްސް ގޭސް އިން އެއްކޮށް ގޭސް ހުސްވެގެން، މި މަހު (އޮކްޓޮބަރ) 10 އިން ފެށިގެން ގޭސް ގަންނަމުންދަނީ ބޮޑު އަގުގައި ވިލާ ގޭހުންނެވެ. ހުރިހާ ސައިޒެއްގެ ގޭހެއްވެސް ގަންނަމުން ދަނީ ވިލާ އިންނެވެ.
މިހާތަނަށް ގޭސް ބޯޓު އަންނާނެ ދުވަހެއް ނޭނގޭއިރު، މާދަމާ ގޭސް އެޅުމަށް ރާއްޖެއަށް ބޯޓެއް އަންނަން ޝެޑިއުލް ކޮށްފައި ނެތްކަން އެމްޕީއެލް އިން ވަނީ ދިޔަވަރު ނޫހަށް ކަށަވަރު ކޮށްދީފައެވެ. އެމްޕީއެލް އިން މައުލޫމާތު ދިން ގޮތުގައި، ބޯޓެއް އަންނަ ނަމަ، އޭގެ އެއް ދުވަސް ކުރިން ގޭސް ބޭލުމަށް ތައްޔާރީ ހާލަތަކަށް އަންނަން ޖެހޭ ކަމަށެވެ. މާދަމާ ރާއްޖެއަށް ބޯޓެއް އަންނަ ނަމަ، މިއަދު އަންލޯޑް ކުރުމަށް ތައްޔާރީ ހާލަތަށް އަންނާނެ ކަމަށާއި، އެފަދަ ތައްޔާރީ ހާލަތަކަށް އައިސްފައި ނުވާ ކަން އޭނާ ކަށަވަރު ކޮށްދިނެވެ.
އެންމެ ފަހުން ރާއްޖެއަށް ގޭސް ހިފައިގެން ބޯޓެއް އައިސްފައިވަނީ މިއަހަރު އޮގަސްޓް 28 ގައެވެ.
ޤައުމީ ސަލާމް ކިޔައި، ޤައުމީ ދިދަ ނަގައި، ޤުރުއާނުގެ ބަރަކާތުން އޮފީސް ފެށުމަށްފަހު، އޮފީހުގައި ހިންގަނީ ބޮޑެތި ވައްކަމާއި ކޮރަޕްޝަނެވެ. ނޫސްތަކަށް ދެމުން ދަނީ ރޯ ބުހުތާނު ދޮގެވެ. މުއިއްޒުގެ ސަރުކާރުގައި ތިބީ މިފަދަ ނާގާބިލު މަކަރުވެރި ދޮގުވެރިންނެވެ.