ޚަބަރު

މީޑިޔާ ކައުންސިލަށް ވަކި ބަޔަކު ގެނައުމަށް، މުއިއްޒު އަންގައިގެން އިންތިހާބާއި ކުޅެން އަސްވާޑު ފަށައިފި

ދިޔަވަރު
މީޑިޔާ ކައުންސިލަށް ވަކި ބަޔަކު ގެނައުމަށް، މުއިއްޒު އަންގައިގެން އިންތިހާބާއި ކުޅެން އަސްވާޑު ފަށައިފި

މޯލްޑިވްސް މީޑިއާ ކައުންސިލުގެ 10 މެންބަރެއްގެ ދައުރު ހަމަވާތީ އެ މަގާމުތަކަށް ކުރިމަތިލާން ފުރަތަމަ ހުޅުވާލި މުއްދަތު ހަމަވިތާ މަހެއްހާ ދުވަސް ފަހުން، ބައެއް މީޑިއާތަކުން އެދިގެން ކަމަށް ބުނެ ދޮގު ހަދައިގެން އަނެއްކާވެސް އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މިކަން މިކުރަނީ މީޑިޔާތަކަށް ފިޔަވަޅު އެޅުމަށް މުއިއްޒު ބޭނުންވާ ބަޔަކު މީޑިޔާ ކައުންސިލަށް ނެގުމަށް މުއިއްޒު އަންގައިގެންނެވެ.

ޔޫތު މިނިސްޓްރީމް އެމްއެމްސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާ ފުރަތަމަ އިއުލާނު ގެޒެޓުކުރީ ސެޕްޓެމްބަރު 16، ގަ އެވެ. އެ އިއުލާނުގައި ސުންގަޑިއެއްގެ ގޮތުގައި އޮތީ ސެޕްޓެމްބަރު 25، އެވެ.

ނަމަވެސް، އެ އިއުލާނު ބާތިލުކުރުމެއްނެތި އޭރު ކުރިމަތިލީ މީހުން އަލުން ކުރިމަތިލާން ނުޖެހޭ ގޮތަށް އިތުރު މީހުންނަށް ފުރުސަތު ހުޅުވާލައި، ޔޫތު މިނިސްޓްރީން އިއުލާނުކުރީ މިއަދެވެ. އިތުރު ފުރުސަތު ދިން ސަބަބެއް ކަމުގައި ބުނީ މުއްދަތު އިތުރުކޮށްދިނުމަށް މީޑިއާ ތަކުން އެދެމުން ދިޔުމެވެ. މިހާރު ސުންގަޑިއަކަށް އޮތީ އޮކްޓޯބަރު 29، އެވެ.

ނަމަވެސް ދިޔަވަރު ނޫހަށް މައުލޫމާތު ލިބޭ ގޮތުގައި މިގޮތަށް މީޑިޔާތަކަކުން އެދިފައި ނެތެވެ. އަދި އެފަދަށް އެދުނު މީޑިޔާއެއްވެސް އަސްވާޑަކަށް ނުދެއްކުނެވެ.

އެކަމާ ގުޅިގެން އިއުލާނުގައި އިތުރު ތަފުސީލު ދޭނެ ކަމަށް ބުނެފަ އިން ނަންބަރަށް ރާއްޖޭގެ ނޫހަކުން ގުޅުމުން، މުއްދަތު އިތުރުކުރަން އެދުނު މީޑިއާތަކުގެ އަދަދާއި މުއްދަތު އިތުރުކުރީ ކޮން އުސޫލެއްގެ ދަށުންކަން ހާމަކުރަން މިނިސްޓްރީގެ އޮފިޝަލުން ވަނީ ދެކޮޅު ހަދާފަ އެވެ.

ކުރިމަތިލުމުގެ އިތުރުން، މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ހުށަހެޅުމަށް އޮތް މުއްދަތު ވެސް ވަނީ ޔޫތު މިނިސްޓްރީން އިތުރުކޮށްފަ އެވެ. މިއަދާ ހަމައަށް ކުރިން އޮތް އެ ފުރުސަތު ވެސް މިހާރު ވަނީ އޮކްޓޯބަރު 30، ގެ ރަސްމީ އޮފީސް ގަޑިއާ ހަމައަށް އިތުރުކޮށްފަ އެވެ.

މީޑިއާ ކައުންސިލުގެ ދައުރަކީ މީލާދީ ގޮތުން ދެ އަހަރެވެ. އަދި, ކައުންސިލުކަމުގައި ދެ ދައުރު ޖެހިޖެހިގެން އެއް މެންބަރަކަށް އަދައެއް ނުކުރެވޭނެ އެވެ. މީޑިއާ ކައުންސިލްގެ މެމްބަރުންގެ އަދަދަކީ 15 އެވެ.

މުއިއްޒުގެ ކިބައިން ފެންނަނީ ހުދުމުހުތާރު ކަމާއި، މީޑިޔާއިން ފިލައިގެން އަބަދު ދޮގު ހެދުމުގައި އުޅޭ ހުތުރު މަންޒަރެވެ.