ޚަބަރު

އަންދަލުސްގައި އިސްލާމް ދީން ފުހެލަން ކުރި އަނިޔާވެރި މަސައްކަތް މިއަދު ކުރަމުން ދަނީ ޗައިނާގައި! މުއިއްޒުގެ ސަރުކާރުން ދަނީ އެކަން ފޮރުވުމަށް ކުރާ މަސައްކަތަށް ޗައިިނާއަށް އެހީވަމުން!

ދިޔަވަރު
އަންދަލުސްގައި އިސްލާމް ދީން ފުހެލަން ކުރި އަނިޔާވެރި މަސައްކަތް މިއަދު ކުރަމުން ދަނީ ޗައިނާގައި! މުއިއްޒުގެ ސަރުކާރުން ދަނީ އެކަން ފޮރުވުމަށް ކުރާ މަސައްކަތަށް ޗައިިނާއަށް އެހީވަމުން!

އިސްލާމީ ތާރީޚުގައި އެންމެ ހިތާމަވެރި ހާދިސާތަކުގެ ތެރޭގައި ހިމެނެނީ ސްޕެއިންގެ މުސްލިމުންނަށް ދިމާވި އަނިޔާވެރި ހާދިސާތަކެވެ. 1492 ވަނަ އަހަރު ގްރެނަޑާ ހިފުމަށްފަހު، ފަރދިނަންޑް އަދި އިސަބެލާގެ ވެރިކަމުގެ ދަށުން މުސްލިމުންނަށް ކުރިމަތިވި އަނިޔާވެރިކަމަކީ އިންސާނިއްޔަތުގެ ތާރީޚުގައި ހަނދާން ބަހައްޓަންޖެހޭ ކަންތައްތަކެކެވެ.

މުސްލިމުންގެ ބާރުގެ ދަށުން ގްރެނަޑާ ދިޔައިރު އޭރު އެތާގައި އިސްލާމީ ވެރިއަކަށް ހުރި ފަރާތް ވަނީ މުސްލިމުން ހިމާޔަތް ކުރުމަށް ޝަރުތުކޮށް ފަރދިނަންޑް އަދި އިސަބެލާގެ ވެރިކަމުގެ ކިބައިން ބައިއަތު ހިފާފައެވެ. ނަމަވެސް ބާރުތައް ލިބުމާއި އެކު އެމީހުންގެ އަނިޔާވެރިކަން މުސްލިމުންގެ މައްޗަށް އާންމު ވެގެން ދިޔައެވެ.

މަޖުބޫރުން ކްރިސްޓިއަން ދީނަށް ބަދަލުކުރުން

ސްޕެއިންގެ ކްރިސްޓިއަން ވެރިންގެ އެންމެ ބޮޑު އެއް މަޤްޞަދަކަށްވީ މުސްލިމުން މަޖުބޫރުން ކްރިސްޓިއަން ދީނަށް ބަދަލުކުރުމެވެ. މިކަން ކުރުމަށް އެމީހުން ގެންގުޅުނު ވަސީލަތްތަކުގެ ތެރޭގައި:

  • މުސްލިމުންގެ މިސްކިތްތައް ތަޅާލުމުން ފެށިގެން ގަބުރުސްތާނުތައް ނައްތާލުން ހިމެނޭ
  • ޤުރުއާން ކިޔެވުން މަނާކުރުން އަދި ޤުރުއާން ކޮޕީތައް އަންދާލުން
  • އަރަބި ބަހުން ވާހަކަދެއްކުން މަނާކުރުން
  • އިސްލާމީ ސަގާފަތް ރަމްޒުކޮށްދޭ ހެދުން ލުން މަނާކުރުން
  • މުސްލިމުންގެ ނަންތައް ބަދަލުކުރަން މަޖުބޫރުކުރުން ހިމެނެއެވެ.

އިޤްތިޞާދީ އަދި އިޖްތިމާޢީ ފިއްތުންތައް

ދީނީ އަނިޔާވެރިކަމުގެ އިތުރުން، މުސްލިމުންނަށް ކުރިމަތިވި އިޤްތިޞާދީ އަދި އިޖްތިމާޢީ ފިއްތުންތަކުގެ ތެރޭގައި:

  • މުސްލިމުންގެ މުދާތައް އަތުލުން
  • ވަޒީފާތަކުން ވަކިކުރުން
  • ވިޔަފާރި ކުރުން މަނާކުރުން
  • ޚާއްޞަ ޓެކްސްތައް ނެގުން
  • އިޖްތިމާޢީ ގޮތުން އެކަހެރިކުރުން ހިމެނެއެވެ.

ޖަމާޢީ އަނިޔާވެރިކަން

1499 ވަނަ އަހަރު ގްރެނާޑާގައި ހިނގި އެންމެ ބޮޑު އަނިޔާވެރި ހާދިސާތަކުގެ ތެރޭގައި:

  • އާންމު މުސްލިމުންނަށް މަރުގެ އަދަބު ދިނުން
  • އިސްލާމީ ފޮތްތައް އެއްކޮށް އަންދާލުން
  • މުސްލިމުންގެ ގޭގެއަށް ވަދެ ލޫޓުވައި ފާސްކުރުން
  • ކުޑަކުދިން މައިންބަފައިންގެ ކިބައިން ވަކިކުރުން

މިޒަމާނުގެ މިސާލެއް: ޝިންޖިއާންގ

ތާރީޚުން އަޅުގަނޑުމެންނަށް ފެންނަ މިފަދަ ހާދިސާތަކުގެ އަލީގައި، މިއަދު ޗައިނާގެ ޝިންޖިއާންގ ސަރަޙައްދުގައި އުއިގަރު މުސްލިމުންނާމެދު ޢަމަލުކުރެވޭ ގޮތްތަކަށް ބަލައިލުން މުހިންމެވެ. ޗައިނާއިން އިސްލާމުން ނައްތާލުމަށް ކުރާ މަސައްކަތްތަކަކީ އޭރު ސްޕެއިން އިން އިސްލާމް ދީން ފުހެލުމަށް ކުރި މަސައްކަތާއި ދާދި އެއްގޮތް މަސައްކަތްތަކެވެ. އަދި ސްޕެއިން ވަނީ އެކަމުން ކާމިޔާބު ހޯދާފައެވެ. އަދި ޗައިނާ މިކަމުގައި ކާމިޔާބު ހޯދައި އިސްލާމް ދީން ޝިންޖިއާންގ އިން ނައްތާލުމަކީ އެކަށީގެންވާ ކަމެކެވެ. މި އަނިޔާވެރިކަމަށް ތާޢީދުކޮށް، މިއީ ނުހިނގާ ކަމެއް ކަމަށް ދެއްކުމަށް ޗައިނާ އިން ކުރާ މަސައްކަތުގައި މިހާރު ރާއްޖޭގައި އޮތް ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ފުޅާ ދާއިރާއެއްގައި ބައިވެރި ވަމުންނެވެ. މިގޮތުން ފާހަގަކުރެވޭ ކަންތައްތަކުގެ ތެރޭގައި:

ޘަޤާފީ ފިއްތުންތައް

  • އިސްލާމީ އަޅުކަންތައް މަނާކުރުން
  • އުއިގަރު ބަހުން ވާހަކަދެއްކުން ހުއްޓުވުން
  • ސަގާފީ އާދަކާދަތައް ދޫކޮށްލުމަށް މަޖުބޫރުކުރުން

ކުޑަކުދިންނާމެދު ޢަމަލުކުރާ ގޮތް

  • ކުޑަކުދިން މައިންބަފައިންގެ ކިބައިން ވަކިކުރުން
  • ޚާއްޞަ ތަޢުލީމީ މަރުކަޒުތަކުގައި ބޭތިއްބުން
  • ޘަޤާފީ އަދި ދީނީ މަޢުލޫމާތު ދިނުން ހުއްޓުވުން
  • ދައުލަތުގެ އައިޑިއޮލޮޖީއާ އެއްގޮތަށް ތަރުބިއްޔަތުކުރުން

ފާހަގަ ކޮށްލެވޭ އެއްގޮތް ކަންކަން

ސްޕެއިންގައި 15 ވަނަ ޤަރުނުގައި ހިނގި ހާދިސާތަކާއި މިއަދު ޝިންޖިއާންގގައި ހިނގާ ކަންތައްތަކުގައި ވަރަށް ގިނަ އެއްގޮތްތަކެއް ހުރިކަން ފާހަގަކުރެވެއެވެ:

  1. ކުޑަކުދިން ވަކިކުރުން: ދެތަނުގައިވެސް ކުޑަކުދިން މައިންބަފައިންގެ ކިބައިން ވަކިކޮށް، އެހެން ގޮތަކަށް ތަރުބިއްޔަތުކުރުމަށް މަސައްކަތްކުރެވުން
  2. ބަސް މަނާކުރުން: ދެތަނުގައިވެސް މައިބަހުން ވާހަކަދެއްކުން ހުއްޓުވުން
  3. ދީނީ ހުރަސްތައް: އިސްލާމީ އަޅުކަންތަކަށް ހުރަސްއެޅުން
  4. ޘަޤާފީ ފިއްތުން: ދެތަނުގައިވެސް އިސްލާމީ ޘަޤާފަތް ފޮހެލުމަށް މަސައްކަތްކުރުން

މިއަދުގެ ދުނިޔޭގައިވެސް މިފަދަ އަނިޔާވެރިކަން ތަކުރާރުވިޔަ ނުދިނުމަށް އަޅުގަނޑުމެން މުސްލިމް ޤައުމެއް ގޮތުގައި މަސައްކަތް ކުރަންޖެހެއެވެ. ޗައިނާއާއި ރާއްޖެއާއި ދެމެދު އޮތް ގާތްކަމުގެ ބޭނުން ހިފައި، މުސްލިމުންގެ މައްޗަށް އޮތް އަނިޔާވެރިކަން ހުއްޓާލުމަށް އެދެން ޖެހެއެވެ.

އެހެން ނަމަވެސް، ފެންނަމުންދަނީ ޗައިނާއިން ކަމުގެ ހަޤީގަތް އޮޅުވާލުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖޭގެ ވެރިން ބައިވެރި ވަމުންދާ ތަނެވެ. ޗައިނާއަށް ގޮސް، މުސްލިމުންނަށް ދޭ އަނިޔާގެ ޙަޤީގަތް އޮޅުވާލުމަށް ރާވާ ހަފްލާތަކަށާއި، ސަރަހައްދުތަކަށް ގޮސް، މުސްލިމުންނަށް ދީނީ އަޅުކަން ކުރުމަށް މިނިވަންކަން އޮތް ކަމަށް ޗައިނާއިން ދައްކައި ފަތުރާ ޕްރޮޕެގަންޑާ ފެތުރުމަށް އިސްލާމިކް މިނިސްޓަރާއި، އޭނާއާއި ގުޅިފައިވާ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިފަދަ އެއް ސަރަހައްދަކީ، މުސްލިމުން ނަށާ މިއުޒިކް ކުޅޭ ތަން ދައްކާ ސަރަހައްދެކެވެ. މުސްލިމުންނަކީ ހުއްޓުމެއް ނެތި، ނަށާ މިއުޒިކު ކުޅެ އުޅޭ ބައެއް ނޫނެވެ. ނަމަވެސް ކޮންމެ ބަޔަކު ޗައިނާއިން މި ތަނަށް ގެންދިޔައަސް "މުސްލިމުން" ކަމަށް އެމީހުން ބުނާ ބަޔަކު ތިބެނޭ އެ ސަރަހައްދު މަގުމަތީ މިއުޒިކް ކުޅެ ނަށާ އުފާ ފާޅުކުރުމުގައެވެ. އެއްވެސް މުނާސަބަތެއް އީދެއް އޮވެގެނެއް ނޫނެވެ. މުސްލިމުންނަކީ "އުފަލުފައި" ތިބި ބައެއް ކަމުގެ މަންޒަރު ދެއްކުމަށް ޗައިނާއިން މިފަދަ ފޭކް އެކްޓްތައް ސްޓޭޖްކޮށްގެން ބޭރުގެ ޤައުމުތަކުގެ ފަރާތްތަކަށް ދަނީ ދައްކަމުންނެވެ. ބައެއް ދިވެހިންނަށްވެސް ވަނީ މި މަންޒަރު ދެއްކުމަށް ގެންގޮސްފައެވެ.

ޗައިނާއިން މުސްލިމުންނަށް އަނިޔާ ކުރަމުންދާ ކަމުގެ ރިޕޯޓްތައް އދ. އައްޔަން ކުރާ މިނިވަން އިންވެސްޓިގޭޓަރުން ވަނީ އެކި ފަހަރު މަތިން ގެނެސް ދީފައެވެ. މިއަދުގެ ސަރުކާރު ގެނެސްފައި ވަނީ އަންދަލުސްގެ ވާހަކަ އެންމެ ގިނައިން ދެއްކި ސަލަފުގެ ބައިވެރި ވުމާއި އެކީއެވެ. ސަލަފުން ސަރުކާރުން ޗައިނާއާއި ގުޅިގެން މުސްލިމުންނަށް ދޭ އަނިޔާތައް ފޮރުވުމަށް ކުރާ މަސައްކަތަށް ފާޑު ކިޔާފައި ނުވެއެވެ.