މޯލްޑިވްސް ގޭސްގައި ހުރި ގޭސްހުސްވެ މާލެ ގޭހަށް ޖެހިދާނެ ކަމުގެ ބިރު ހީވެފައިވަނިކޮށް, މިއަދު މޯލްޑިވް ގޭސްއަށް ގޭސް ގެންނަ ބޯޓު މާލެއަށް ބަނަދަރު ކުރާނެކަމަށް, ގޭސް ކުންފުނީގެ އެމްޑީ ބޯފަލް އަބުލޯ ދޮގުހަދާ އޮޅުވާލާފައިވާކަން ހާމަ ވެއްޖެއެވެ.
މޯލްޑިވްސް ގޭސްގެ އިސް އޮފިޝަލަކު ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ގޮތުގައި އެކުންފުނީގައި ހުރި ހުރިހާ ގޭހެއް ހުސްވެ, މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން މާލޭގެ ގޭބިސީތަކަށް ގޭސް ފޯރުކޮށް ދެމުންދަނީ ވިލާ ގޭސްއިން ގޭސް ނަގައިގެން ކަމުގައެވެ.
އެހެންނަމވެސް ގޭސް ކުންފުނީގެ އެމްޑީ ބޯފަން އަބުލޯ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވި ގޮތުގައި މިހާރު ދިމާވެފައިވާ ހަމައެކަނި މައްސަލައަކީ ބޯޓު ޑިލޭވުމާ ގުޅިގެން 45 ކިލޯގެ ފުޅި ނުލިބި ހުރުން ކަމުގައެވެ. ނަމަވެސް އާންމު ގޭބިސީތަކުގައި ބޭނުންކުރާ ދެ ކިލޯ، ފަސް ކިލޯ އަދި 10 ކިލޯގެ ފުޅިތައް މިހާރުވެސް އެއްވެސް މައްސަލައެއްނެތި ފޯރުކޮށްދެމުން ގެންދާކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް އެ ގޭސް ފޯރުކޮށްދެމުން ދަނީ ވިލާ ގޭސްއިން އަގުބޮޑުކޮށް ގޭސް ނަގައިގެން ކަމެއް ބޯފަލް އަބުލޯ ހާމަކޮށްފައެއް ނުވެއެވެ. އަދި އޭނާ ވިދާޅުވެފައިވަނީ, މިއަދު ބޯޓު ރާއްޖެ އައިސްފައިވާތީ، މާދަމާއިން ފެށިގެން 45 ކިލޯގެ ފުޅިތައްވެސް އާންމު އުސޫލުން ފޯރުކޮށްދެވޭނެ ކަމަށެވެ.
އެހެންނަމަވެސް ”ދިޔަވަރު އޮންލައިން“އަށް ކަށަވަރު ވެފައިވާ ގޮތުގައި ގޭސް ހިފައިގެން އަންނަ ބޯޓު އަދިވެސް މާލެއަށް ބަނދަރު ކޮށްފައެއް ނުވެއެވެ. އަދި އެ ބޯޓު އަންނާނެ ދުވަހެއްވެސް އެނގިފައި ނުވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
މޯލްޑިވް ގޭސްގެ މުވައްޒަފުން މައުލޫމާތު ދޭގޮތުގައި ގޭސް ހިފައިގެން އަންނަ ބޯޓު މާލެ އަންނާތީ ވާންޖެހޭ އެއްވެސް ތައްޔާރީއެއް އެކުންފުނިން އަދި ވަމުން ނުދާކަމުގައެވެ. އަދި ބޯފަން އަބުލޯ ހެދީ ދޮގެއް ކަމަށްވެސް މޯލްޑިވް ގޭސްގެ މުވައްޒަފުން ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވެއެވެ.
އޭގެ ބަދަލުގައި މިއަދު މާލެއަށް ބަނދަރު ކުރުމަށް ހަމަޖެހިފައިވަނީ ވިލާއަށް ގެސް ސަޕްލައި ކޮށްދޭ ފަރާތަަށް ބޮޑު އަގުދީގެން ގެން މަދު މިންވަރެއްގެ ގޭސް ކަމަށްވެސް އޮފިޝަލް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވެއެވެ.
”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން އެކުންފުނީގެ އޮފިޝަލުން ވިދާޅުވީ މިހާރުވެސް ބޯފަން އަބުލޯ ވީ ކުންފުނީގެ ބައެއް އަންހެން މުވައްޒަފުންނާއެކީ ރާއްޖެއިން ބޭރުގައި ކަމުގައެވެ. އަދި އޭނާ ގޭހުގެ ޑީލްތައް ހެދުމަށް ރާއްޖެއިން ބޭރަށް ދަތުރު ކުރަމުން ދަނީ, ކުންފުނީގެ އޭނާ ގަޔާވާ އަންހެން މުވައްޒަފުން ގޮވައިގެން ކަމަށްވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.
ބޯފަން އަބުލޯއަކީ ކޮންމެ ދުވަހަކުވެސް ދިވެހި ދިދަ ކައިރީ ހުރެ ގުރުއާން ކިޔާވާ އަދި ގައުމީ ސަލާމުން ކުންފުނީގެ މަސައްކަތް ފަށާކަމަށް ބުނެ, އެމަންޒަރުތައް އަމިއްލައަށް މީޑިއާގައި އިސްތިހާރު ކުރަމުންދާ ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ. އަދި އޭނާއަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން, ކޮރަޕްޝަންވެސް އެންމެ ބޮޑަށް ހިންގަމުންދާ އެމްޑީކަންވެސް ފާހަގަ ކޮށްލެވެއެވެ.
މޯލްޑިވް ގޭސްއަށް މާލެއަށް ގޭސް ސަޕްލައި ނުކުރެވި, ބޮޑު އަގުގައި ވިލާއިން ގޭސް ގަންނަން ޖެހިފައިވަނީ, ކުންފުނި މެނޭޖް ނުކުރެވި, ގޭސް ސަޕްލައި ކޮށްދޭ ފަރާތްތަކުން ބޮޑެތި ކަޓުތައް ނަގާ, ކުންފުނީގެ މެނޭޖްމަންޓުގެ އިސް ބައެއް ފަރާތްތަކުން ނާޖާއިޒު މަންފާ ހާސިލް ކުރުމަށް މަސައްކަތް ކުރަމުންދާތީކަމަށްވެސް "ދިޔަަވަރު އޮންލައިން" އަށް މައުލޫމާތު ދިން ފަރާތުން ވިދާޅުވެފައި ވެއެވެ.