ދުނިޔޭގެ އިގްތިސާދީ ގޮތުން އެންމެ ބާރުގަދަ ގްރޫޕްތަކުގެ ތެރެއިން އެއް ގްރޫޕް ކަމަށްވާ ބްރިކްސްއަށް އިތުރު 13 ގައުމު ޕާޓްނަރ ގައުމުތަކެއްގެ ގޮތުގައި ވައްދައިފިއެވެ. މި ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ނުހިމެނެއެވެ. ނަމަވެސް އޭޝިޔާގެ ގިނަ ގައުމުތަކެއް މީގެ ތެރޭގައި ހިމެނެއެވެ.
އަލަށް ބްރިކްސްގެ ޕާޓްނަރ ގައުމުތަކުގެ ގޮތުގައި ހިމެނުނު ގައުމުތަކުގެ ތެރޭގައި މެލޭޝިޔާ، އިންޑޮނޭޝިޔާ، ތައިލެންޑް އަދި ވިއެޓްނާމް ފަދަ އޭޝިޔާގެ ގައުމުތައް ހިމެނެއެވެ. މީގެ އިތުރުން އަލްޖީރިއާ، ބެލަރޫސް، ބޮލީވިއާ، ކިއުބާ، ކަޒަކިސްތާން، ނައިޖީރިއާ، ތުރުކީ، ޔުގަންޑާ އަދި އުޒްބެކިސްތާން ވެސް ހިމެނެއެވެ.
ރާއްޖޭގެ ޚާރިޖީ ސިޔާސަތު އިންތިހާއަށް ގޯސްވުމުގެ ސަބަބުން އެއްވެސް ޤައުމަކުން ރާއްޖެއާއި އެކު މަސައްކަތް ކުރުމުގެ ވިސްނުމެއް ނުގެންގުޅެއެވެ. މުއިއްޒުގެ ސަބަބުން ރާއްޖެއާއި ބޭރު ދުނިޔޭގެ ގުޅުންތައް ހީނަރުވެ، ރާއްޖެއަށް ބޭރުގެ އެއްވެސް އެހީ އެއް ވަނީ ނުލިބިފައެވެ. ރާއްޖެއާއި ޗައިނާ އަދި އިންޑިޔާއާއި ދެމެދު އޮތް ގާތް ގުޅުމުގެ ތެރެއިން ބްރިކްސް އަށް ވަނުމަކީ ހަގީގަތުގައި ފަސޭހަ ކަމަކަށް ވާނެއެވެ. ނަމަވެސް އެކަން ކުރެވޭނީ ޢިލްމީ އަދި ޤާބިލު ވެރިއަކު ވެރިކަމުގައި ހުރެގެންނެވެ. ޚާރިޖީ ގުޅުންތަކާއި ޑިޕްލޮމަސީ ދަންނަ ފަރާތެއް ވެރިކަމުގައި ހުރެގެން ރާއްޖެ ދުނިޔެއާއި ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް އުފައްދައިގެންނެވެ.
ބްރިކްސްއަކީ 2009 ވަނަ އަހަރު ބްރެޒިލް، ރަޝިޔާ، އިންޑިޔާ އަދި ޗައިނާ އެކުވެގެން އުފެއްދި އިގްތިސާދީ ބްލޮކެކެވެ. 2010 ގައި ސައުތު އެފްރިކާ މި ބްލޮކާ ގުޅުނެވެ. އަދި ފަހުން އީރާން، މިސުރު، އީތިއޯޕިއާ އަދި ޔޫއޭއީ ވެސް މި ބްލޮކަށް ވަނީ ގުޅިފައެވެ.
މިހާރު ބްރިކްސް އަކީ ދުނިޔޭގެ އާބާދީގެ 40 އިންސައްތަ އަދި ދުނިޔޭގެ ޖީޑީޕީގެ 26.2 އިންސައްތަ ހިއްސާކުރާ ބްލޮކެކެވެ. މި ބްލޮކުގެ ޖުމްލަ ޖީޑީޕީ އަކީ 26.6 ޓްރިލިއަން އެމެރިކާ ޑޮލަރެވެ. މިއީ ޖީ7 ގެ އިގްތިސާދީ ބާރާ އެއްވަރުގެ އަދަދެކެވެ.
މި އިތުރުކުރެވުނު ގައުމުތަކަކީ ޕާޓްނަރ ގައުމުތަކެއްގެ ގޮތުގައި އިތުރުކުރެވުނު ގައުމުތަކެކެވެ. އެހެންކަމުން، މި ގައުމުތަކަށް ފުރިހަމަ މެމްބަރޝިޕް އަދި ލިބިފައެއް ނުވެއެވެ. މިހާރު ރަޝިޔާ އަކީ މި ބްލޮކުގެ ޗެއަރ ގައުމެވެ.
ބްރިކްސް އާއި ގުޅުމަކީ ކުދި ޖަޒީރާ ގައުމުތަކަށް ވެސް ލިބިދާނެ ފުރުސަތެއް ކަމަށް ބެލެވެއެވެ. ނަމަވެސް، މި ފަހަރުގެ ޕާޓްނަރ ގައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ ނުހިމެނުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. އަވައްޓެރި ގައުމުތަކާއި ސަރަޙައްދީ ބާރުވެރި ގައުމުތައް މި ބްލޮކަށް ގުޅެމުންދާއިރު، ދިވެހިރާއްޖެއިން މިފަދަ ފުރުސަތުތައް ހޯދޭނީ ޑިޕްލޮމަސީ ދަންނަ ވެރިއަކު ހުރެގެންނެވެ.
ބްރިކްސްގެ އައުޓްރީޗް/ބްރިކްސް ޕްލަސް ސަމިޓް 2024 އޮކްޓޯބަރ 24 ވަނަ ދުވަހު ރަޝިޔާގެ ކަޒާން ސިޓީގައި ކުރިއަށް އެބަދެއެވެ. މި ސަމިޓުގައި އަލަށް ޕާޓްނަރުންގެ ގޮތުގައި ބައިވެރިވި ގައުމުތަކުގެ ވެރިންނާއި މަންދޫބުން ބައިވެރިވާނެއެވެ.