ޚަބަރު

ވިލާ ގޭހުގެ ސްޓޮކު ހުސްވެ, މިއަދަށްފަހު ވިލާއިން މޯލްޑިވް ގޭސްއަށް ގޭސް ވިއްކުން ހުއްޓާލާނެ! އިތުރު ހައްލެ ނުހޯދިއްޖެނަމަ މާލެ ގޭހަށް ޖެހިދާނެ!

ދިޔަވަރު
ވިލާ ގޭހުގެ ސްޓޮކު ހުސްވެ, މިއަދަށްފަހު ވިލާއިން މޯލްޑިވް ގޭސްއަށް ގޭސް ވިއްކުން ހުއްޓާލާނެ! އިތުރު ހައްލެ ނުހޯދިއްޖެނަމަ މާލެ ގޭހަށް ޖެހިދާނެ!

މޯލްޑިވްސް ގޭސްގައި ހުރި ގޭސްހުސްވެ މާލެ ގޭހަށް ޖެހުމުން, ވިލާ ގޭސްއިން މޯލްޑިވް ގޭސްއަށް ގޭސް ފޯރުކޮށްދޭން ފެށުމާއެކު, ވިލާ ގޭހުގެ ގޭސް ސްޓޮކް ހުސްވާން ކައިރިވެ, މިއަދަށްފަހު ވިލާއިން މޯލްޑިވް ގޭސްއަށް ގޭސް ވިއްކުން ހުއްޓާލުމަށް ހަމަޖައްސާފައިވާކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ވިލާ ގޭސްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މޯލްޑިވް ގޭސްއަށް ގޭސް ވިއްކަން ފެށުމާއެކު, ވިލާގެ ގޭސް ސްޓޮކަށް އަސަރުކޮށް, ވިލާގެ ރިސޯޓުތަކަށްވެސް ގޭހުގެ ޝޯޓޭޖް ކުރިމަތިވެދާނެކަމުގެ ބިރު ހީވެފައިވާ ކަމުގައެވެ.

އެގޮތުން, ވިލާ ކުންފުނީގެ ޗެއަރމަން ގާސިމް އިބުރާހިމްގެ އަމުރަށް, މިއަދަށްފަހު ވިލާ ގޭސްއިން މޯލްޑިވް ގޭސްއަށް ގޭސް ވިއްކުން ހުޓާލުމަށް ހަމަޖެހިފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

މޯލްޑިވް ގޭސްގައި ހުރި ގޭސް ސްޓޮކް ހުސްވެ, ވިލާއިން ބޮޑު އަގުގައި ގޭސް ނަގައިގެން މާލޭ ގޭބިސީތަކަށް މިމަހު މޯލްޑިވް ގޭސްއިން ދަނީ ގޭސް ފޯރުކޮށް ދެމުންނެވެ.

މޯލްޑިވްސް ގޭސްގެ އިސް އޮފިޝަލަކު ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ގޮތުގައި އެކުންފުނީގައި ހުރި ހުރިހާ ގޭހެއް ހުސްވެ, މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން މާލޭގެ ގޭބިސީތަކަށް ގޭސް ފޯރުކޮށް ދެމުންދަނީ ވިލާ ގޭސްއިން ގޭސް ނަގައިގެން ކަމުގައެވެ.

އެހެންނަމވެސް ގޭސް ކުންފުނީގެ އެމްޑީ ބޯފަން އަބުލޯ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވި ގޮތުގައި މިހާރު ދިމާވެފައިވާ ހަމައެކަނި މައްސަލައަކީ ބޯޓު ޑިލޭވުމާ ގުޅިގެން 45 ކިލޯގެ ފުޅި ނުލިބި ހުރުން ކަމުގައެވެ. ނަމަވެސް އާންމު ގޭބިސީތަކުގައި ބޭނުންކުރާ ދެ ކިލޯ، ފަސް ކިލޯ އަދި 10 ކިލޯގެ ފުޅިތައް މިހާރުވެސް އެއްވެސް މައްސަލައެއްނެތި ފޯރުކޮށްދެމުން ގެންދާކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

އެހެންނަމަވެސް އެ ގޭސް ފޯރުކޮށްދެމުން ދަނީ ވިލާ ގޭސްއިން އަގުބޮޑުކޮށް ގޭސް ނަގައިގެން ކަމެއް ބޯފަލް އަބުލޯ ހާމަކޮށްފައެއް ނުވެއެވެ. އަދި އޭނާ ވިދާޅުވެފައިވަނީ, މިއަދު ބޯޓު ރާއްޖެ އައިސްފައިވާތީ، މާދަމާއިން ފެށިގެން 45 ކިލޯގެ ފުޅިތައްވެސް އާންމު އުސޫލުން ފޯރުކޮށްދެވޭނެ ކަމަށެވެ.

އެހެންނަމަވެސް ”ދިޔަވަރު އޮންލައިން“އަށް ކަށަވަރު ވެފައިވާ ގޮތުގައި ގޭސް ހިފައިގެން އަންނަ ބޯޓު އަދިވެސް މާލެއަށް ބަނދަރު ކޮށްފައެއް ނުވެއެވެ. މޯލްޑިވް ގޭސްގެ މުވައްޒަފުން މައުލޫމާތު ދޭގޮތުގައި ގޭސް ހިފައިގެން އަންނަ ބޯޓު މާލެ އަންނާތީ ވާންޖެހޭ އެއްވެސް ތައްޔާރީއެއް އެކުންފުނިން އަދި ވަމުން ނުދާކަމުގައެވެ. އަދި ބޯފަން އަބުލޯ ހެދީ ދޮގެއް ކަމަށްވެސް މޯލްޑިވް ގޭސްގެ މުވައްޒަފުން ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވެއެވެ.

އޭގެ ބަދަލުގައި ވިލާ ގޭސްއަށް ގޭސް ފޯރުކޮށްދޭ ފަރާތައް ބޮޑު އަގު ދައްކައިގެން, އެފަރާތުން ގޭހުގެ ކޮންމެވެސް މިންވަރެއް މިއަދު ސަޕްލައި ކޮށްދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ ކިތަށް ދުވަހަށް ފުދޭވަރުގެ ގޭހެއްކަމެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން އެކުންފުނީގެ އޮފިޝަލުން ވިދާޅުވީ މިހާރުވެސް ބޯފަން އަބުލޯ ވީ ކުންފުނީގެ ބައެއް އަންހެން މުވައްޒަފުންނާއެކީ ރާއްޖެއިން ބޭރުގައި ކަމުގައެވެ. އަދި އޭނާ ގޭހުގެ ޑީލްތައް ހެދުމަށް ރާއްޖެއިން ބޭރަށް ދަތުރު ކުރަމުން ދަނީ, ކުންފުނީގެ އޭނާ ގަޔާވާ އަންހެން މުވައްޒަފުން ގޮވައިގެން ކަމަށްވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

އަދި ގޭހުގެ ސްޓޮކް ހުސްވެ, މާލެ ގޭހަށް ޖެހުމުގެ ބިރު ހީވެފައިވަނީ, އާމުންކޮށް ގޭސް ފޯރުކޮށް ދެމުންދާ އަގަށް ބަދަލުގެނެސް, ކުންފުނީގެ އެމްޑީ ކޮމިޝަން ނެގުމަށް އާއަގުތަކެއް ހޯދުމަށް އަލުން ނެގޯޝިއޭޓް ކުރަން ފެށުމުގެ ސަބަބުން ކަމަށްވެސް ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ގޭސް ކުންފުނީގެ އޮފިޝަލް ވިދާޅުވެފައި ވެއެވެ.

ބޯފަން އަބުލޯއަކީ ކޮންމެ ދުވަހަކުވެސް ދިވެހި ދިދަ ކައިރީ ހުރެ ގުރުއާން ކިޔާވާ އަދި ގައުމީ ސަލާމުން ކުންފުނީގެ މަސައްކަތް ފަށާކަމަށް ބުނެ, އެމަންޒަރުތައް އަމިއްލައަށް މީޑިއާގައި އިސްތިހާރު ކުރަމުންދާ ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ. އަދި އޭނާއަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން, ކޮރަޕްޝަންވެސް އެންމެ ބޮޑަށް ހިންގަމުންދާ އެމްޑީކަންވެސް ފާހަގަ ކޮށްލެވެއެވެ.