މި ސަރުކާރުން އިއްޔެ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓުގައި ދައުލަތުގެ ކުންފުނިތަކަށް ޚާއްސަ ކޮށްގެން 400 މިލިއަން ރުފިޔާ ހިމަނައިފިއެވެ.
"ދިޔަވަރު އޮންލައިން"އަށް އެނގިފައިވާ ގޮތުގައި މި 400 މިލިއަން ރުފިޔާއަކީ, މި ސަރުކާރުން ސިޔާސީ މަގާމްތަކުން ވަކިކޮށް, ކުންފުނިތަކަށް ބަދަލުކުރާ ސިޔާސީ މުވައްޒަފުންނަށް މުސާރަ ދިނުމަށް ހިމަނާފައިވާ 400 މިލިއަން ރުފިޔާއެވެ.
މިސަރުކާރުން ފާސްކުރާ ސަޕްލިމެންޓްރީ ބަޖެޓުގައި ކުންފުނިތަކަށް 400 މިލިއަން ރުފިޔާ ހިމަނާފައިވާއިރު, އަހަރު ނިމެން ދެން އޮތީ އެންމެ ދެ މަސްދުވަހެވެ. މިމުއްދަތުގެ ތެރޭގައި ދައުލަތުގެ ކުންފުނިތަކަަށް މިވަރުގެ ބޮޑު ބަޖެޓެއް ހިމެނުމުން ސަރުކާރަށް ވަނީ ފާޑުކިއުން އަމާޒުވެފައެވެ.
މަޖިލީހަށް ސަރުކާރުން އިއްޔެ ހުށަހަޅާފައިވަނީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެކެވެ. މި ބަޖެޓުގެ ތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.5 ބިލިޔަން ރުފިޔާ އެވެ.
ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް މި ފާސްކުރަނީ މި ސަރުކާރުން އެކުލަވާލައިގެން މިއަހަރަށް ފާސްކުރި 49 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްވެފައި ނުވަނިކޮށެވެ. ސަރުކާރުން މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓުގައި ޕީއެސްޕީއަށް ވެސް ފައިސާ ހިމަނާފައިވާއިރު، މިއަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓުގައި ޕީއެސްއައިޕީ އަށް ހިމަނާފައި އޮތް 9 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހަރަދުކުރީ ދެ ބިލިއަން ރުފިޔާއެވެ.
ސަރުކާރުން ޕީއެސްއައިޕީ އަށް އިތުރު ފައިސާތަކެއް ހޯދަން އުޅޭއިރު އަހަރުގައި ބާކީ އޮތީ ދެ މަސްދުވަހެވެ. އެ މުއްދަތުގައި ޕީއެސްއައިޕީ އަށް ދެ ބިލިއަން ރުފިޔާ ރާއްޖޭގެ އެއްވެސް ހިސާބެއްގައި ހޭދަ ނުކުރެވޭނެކަމަށް މާލީ ތަޖުރިބާކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އިއްޔެ މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓުގައި ސަރުކާރުގެ ކުންފުނިތަކަށް ހަރަދުކުރަން 400 މިލިއަން ރުފިޔާ ހިމަނާފައި އޮތްއިރު މިސަރުކާރުން ވަނީ ސިާޔސީ މަގާމްތަކުގެ ތިބި 228 މުވައްޒަފަކު މަގާމުން ވަކިކުރުމަށް ނިންމާފައެވެ.
އަދި އެ ހުރިހާ މުވައްޒަފުންވެސް ދެން ބަދަލުކުރާނީ ކުންފުނިތަކަށް ކަމަށްވެސް އެނގިފައި ވެއެވެ. އެހެންކަމުން އަހަރު ފަހުކޮޅު ކުންފުނިތަކަށް މިދޭ ސަބްސިޑީއަކީ ސިޔާސީ ވަޒީފާތަކުން ވަކިކުރާ މީހުން ކުންފުނިތަކަށް ވައްދާ އެ މީހުންނަށް މުސާރަ ދިނުމަށް ހިމަނާ ފައިސާކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ފިނޭންސް މިނިސްޓްރީގެ އިސް ބައެއް އޮފިޝަލުން ވިދާޅުވެފައި ވެއެވެ.