ޚަބަރު

އަބްދުއްރަހީމްގެ ރައްދު ޖަމީލަށް: މުއިއްޒަށް ވެރިކަން ހޯދައިދިނީ ރައްޔިތުން! ޔާމީނެއް ނޫން!

ދިޔަވަރު
އަބްދުއްރަހީމްގެ ރައްދު ޖަމީލަށް: މުއިއްޒަށް ވެރިކަން ހޯދައިދިނީ ރައްޔިތުން! ޔާމީނެއް ނޫން!

އަބްދުއްރަހީމް މިގޮތަށް ރައްދު ދެއްވީ މިދިޔަ ހޯމަ ދުވަހު ޕީޕީއެމް-ޕީއެންސީގެ އޮފީހުގައި ބޭއްވި ޖަލްސާގައި ޖަމީލް ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ. އެ ޖަލްސާގައި ޖަމީލް ވިދާޅުވީ:

  • ޕީޕީއެމް-ޕީއެންސީން މިދިޔަ ރިޔާސީ އިންތިހާބުގައި ކެމްޕޭން ޝިއާރެއްގެ ގޮތުގައި ބޭނުންކުރި 'ދިވެހީންގެ ރާއްޖެ' ހޯދުމަށް ހުރިހާ ފަރާތްތަކުން ވެސް ބުރަ މަސައްކަތް ކުރި؛ އެހެން ނަމަވެސް، އެ މަސައްކަތުގައި އެންމެ ބޮޑު ގުރުބާނީއެއްވެވަޑައިގަތީ ޔާމީން
  • އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ލިބިވަޑައިގެންނެވީ "ރައީސް ޔާމީންގެ ފޮޓޯގަނޑު ޖައްސަވައިގެން"
  • ޖަލުގައި އެތައް ދުވަހެއް ހޭދަކުރައްވައި ޔާމީން އެ ވެވަޑައިގެންނެވި ގުރުބާނީ ހަދާން ނައްތާލައިގެން ނުވާނެ

ކުރެވޭނެ އެންމެ ބޮޑު ގޯހަކީ [ނުވަތަ] ހެނދޭނެ އެންމެ ބޮޑު ގޯހަކީ އަޅުގަނޑުމެންނަށް މި ލިބުނު ކާމިޔާބީ ހަނދާން ނައްތާލުން

ޔާމީން ވެސް ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި ޖަމީލް ވިދާޅުވި އެވެ.

ޖަމީލުގެ ވާހަކާގައި ހާމަ ކުރަން ބޭނުންފުޅުވީ، މުއިއްޒުއަށް ވެރިކަމަށް އާދެވުނީ، ޔާމީނުގެ ސަބަބުން ކަމަށާއި އެކަން ހަނދާން ނައްތާލައި، ކިބުރުވެރިވެ ނުގަތުމަށެވެ. އަބްދުއްރަހީމް އެއަށް ރައްދު ދެއްވަމުން ހާމަ ކުރަން ބޭނުންވީ މުއިއްޒު ހޮވުނީ ރައްޔިތުންގެ ވޯޓުން ކަމަށާއި، ޔާމީނުގެ ސަބަބުން ނޫންކަމަށް! ދެން މަސައްކަތްކުރެއްވީ ޖަމީލު މާޒީގައި ދައްކަވާފައި ހުރި ވާހަކަތަކުން ޖަމީލުއަށް އިތުބާރު ނުކުރެވޭނޭކަމަށް މީހުންނަށް ވިސްނައި ދިނުމަށެވެ. ނަމަވެސް މިވަގުތު ޖަމީލު ހުންނެވީ ޔާމީނާއި އެކުއެވެ. އަބްދުއްރަހީމް ހުންނެވީ މުއިއްޒާއި އެކުއެވެ.

ދެ ޕާޓީގެ ލީޑާޝިޕް ބޭފުޅުންނާ އެކު އައްޑުއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ރޭ ހުޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ ޖަމީލަށް ފާޑު ވިދާޅުވެ ޖަވާބު ދެއްވާފައެވެ.

ޕީއެންސީގެ ޗެއާޕާސަންގެ މަގާމު ފުރުއްވަމުން ގެންދަވާ އަބްދުއްރަހީމް ވިދާޅުވީ، ވެރިކަމަށް އާދެވުނު ގޮތާއި އެ ކަމަށް މަސައްކަތް ކުރި މީހުން އަދި "އެކަމާ ދެކޮޅަށް ނުކުތް ފަރާތްތައް" ވެސް ވަރަށް ރަނގަޅަށް ހަނދާނުގައި އެބަހުރި ކަމަށެވެ. ހަމަ އެއާ އެކު، އެމްޑީޕީގެ ސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުން ވެސް ވަރަށް ރަނގަޅަށް ހަނދާނުގައި އެބަހުރި ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

އަބްދުއްރަހީމް އެ އިޝާރާތް ކުރެއްވީ، ޔޫކޭގައި ރައީސް ނަޝީދާއި އެކު ހުންނަވައި، ވީޑިޔޯއެއްގެ ޒަރިއްޔާއިން ރައީސް ޔާމީނަށް ފާޑު ވިދާޅުވެ ޖަމީލު ދެއްކެވި ވާހަކަ ތަކަށެވެ.

"ރިޔާސީ އިންތިހާބު އަޅުގަނޑުމެންނަށް ކާމިޔާބުކޮށްދިނުމަށްޓަކައި ދިވެހި ލޮބުވެތި ރައްޔިތުން ކޮށްދެއްވި އަގުހުރި މަސައްކަތް ވަރަށް ރަނގަޅަށް ހަނދާނުގައި އެބަހުރި. ރައްޔިތުން ހޯއްދަވައިދެއްވި ވެރިމެއް މިއީ. އަދި މި ވެރިކަން ހޯއްދަވައިދެއްވުމުގައި އަޅުގަނޑުމެންނާ އެކު މައްސައްކަތް ކުރެއްވި އަޅުގަނޑުމެންގެ ފިކުރު ނޫން ފިކުރުގެ މީހުންނަށް ޝުކުރު ދަންވަން،" އިންތިގާލީ މަރުހަލާގެ ވެރިޔާގެ މަގާމު ވެސް އަދާކުރައްވަމުން ގެންދަވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ދެ ދުވަހު ދެ ގޮތަށް ވާހަކަ ދައްކާ ބައެއް ނޫން. އަޅުގަނޑުމެން ވާހަކަދައްކާނީ، އެއްގޮތެއްގައި ސާބިތުވެ ތިބެގެން. އަޅުގަނޑުމެން ވާހަކަ ދައްކާނީ އެއް ޕޯޑިއަމެއްގައި ތިބެގެން،" އަނެއްކާވެސް ޖަމީލަށް ނުސީދާކޮށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައްޔިތުން ޕީޕީއެމް-ޕީއެންސީއަށް އިތުބާރު ކުރީ ވެސް އެ ސާބިތުކަމުގެ ސަބަބުންކަން ފާހަގަކުރައްވައި އަބްދުއްރަހީމް އަނެއްކާވެސް ސަޕޯޓަރުންގެ ކިބައިގެން އެދިވަޑައިގެންނެވީ، "ގައުމަށް ހިޔާނާތްތެރިވި މީހުންނާއި އެ ކަމުގައި ބައިވެރިވި މީހުން" ހަނދާން ނައްތާނުލުމަށެވެ.

"އެ މަސައްކަތް ފެށިގެން އައީ ކޮން ހިސާބަކުންކަން، ކޮން ދިމާއަކުންކަން. އެ މަސައްކަތް ފެށިގެން އައިރު، އެންމެ ފުރަތަމަ ޓީވީ ކުރިމައްޗަށް އަރައި ވާހަކަ ދެއްކީ ކޮން ބައެއްކަން، އެ މީހުން ދެއްކީ ކޮން ވާހަކައެއްކަން، އެ މީހުން ކުރީ ކޮން ތުހުމަތެއްކަން، އެ މީހުން އެޅުވީ ކޮން އިލްޒާމެއްކަން. އެކަންކަން ހަނދާނުގައި ބަހައްޓަންވީ،" އިނގިރޭސިވިލާތުގައި ހުންނަވައިގެން ޖަމީލް އޭރު ޔާމީންއާ ދެކޮޅަށް ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރައްވައި ޖަމީލްގެ ނަން ނުގެންނަވައި އަބްދުއްރަހީމް ވިދާޅުވި އެވެ.