ރައީސް މުއިއްޒުގެ އެންގުމަށް، މީޑިއާ ކައުންސިލުން ދިޔަވަރު ނޫހާއި ދެކޮޅަށް ނެރުނު އެޑްވައިޒަރީ، އެކައުންސިލުގެ ޤަވާއިދާއި ޚިލާފަށް ނެރެފައިވާތީ އަނބުރާ ގެންދިޔުމަށް އެނޫހުން ގޮވާލައިފިއެވެ.
ރޭ މީޑިއާ ކައުންސިލުން, ދިޔަވަރު އޮންލައިންއިން ދޮގު މައުލޫމާތު ފަތުރަމުންދާކަމަށް ތުހުމަތުކޮށް ނެދުނު އެޑްވައިޒަރީއާއި ގުޅޭގޮތުން އެނޫހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, މީޑިއާ ކައުންސިލުން ދިޔަވަރު ނޫހާއި ދެކޮޅަށް ނެރެފައިވާ އެޑްވައިޒަރީ އަކީ ޑިމޮކްރަސީއެއްގެ 4 ވަނަ ބާރު ކަމުގައިވާ މިނިވަން މީޑިއާގެ ބާރާއި، ޑިމޮކްރަސީ ވެރިކަމެއްގެ އެންމެ އިސް އަސާސް ކަމުގައިވާ ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ސަރުކާރުގެ ނުފޫޒުން ނެރެފައިވާ އެޑްވައިޒަރީއެއް ކަމުގައެވެ.
އަދި މީޑިއާ ކައުންސިލުގެ ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) ގައި ’ރާއްޖޭގައި މީޑިއާގެ މިނިވަންކަން ދެމެހެއްޓުމާއި އެ މިނިވަންކަމަށް އުނިކަން އަންނަ ކަންކަން ބަލައި، އެ ކަންކަމުގައި ފިޔަވަޅުއެޅުން‘ މީޑިއާ ކައުންސިލުގެ މައިގަނޑު މަޤްޞަދުކަމުގައި ބަޔާންކޮށްފައިވާއިރު، އިއްޔެ މީޑިއާ ކައުންސިލުން ވަނީ އެ މަޤްޞަދާ ޚިލާފަށް، މީޑިއާގެ މިނިވަންކަން ހަނިކުރުމުގެ މަސައްކަތުގައި ބައިވެރިވެފައިކަމަށްވެސް އެނޫހުން ބުނެފައި ވެއެވ.
ދިޔަވަރު ނޫހުން އިތުރަށް ބުނެފައިވަނީ މީޑިއާ ކައުންސިލުގެ ގަވާއިދުގެ 5 ވަނަ މާއްދާގެ (ނ) ގައި ސާފުކޮށް ބަޔާންކޮށްފައިވާ ގޮތުގައި، މީޑިއާއެއްގެ ވަސީލަތެއްގައި ޝާއިޢުކޮށްފައިވާ އެއްޗަކާމެދު ހިތްހަމަނުޖެހޭ ނުވަތަ އިޢުތިރާޟުކުރާ ފަރާތަކުން އެކަމެއްގެ ޝަކުވާ ކައުންސިލަށް ހުށަހަޅަންވާނީ، ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެ ވަސީލަތެއް ޝާއިޢުކުރި އެޑިޓަރަށް ނުވަތަ ފަރާތަށް ހުށަހަޅައިގެން އެކަމަށް ޙައްލެއް ނުހޯދިއްޖެ ޙާލަތުގައި ކަމުގައެވެ. ނަމަވެސް ރައީސް އޮފީހުން މީޑިއާ ކައުންސިލަށް ހުށަހަޅާފައިވާ 63 ޝަކުވާގެ ތެރެއިން އެއްވެސް ޝަކުވާއެއް ދިޔަވަރު ނޫހަށް ހުށަހަޅާފައިނުވާތީ، މީޑިއާ ކައުންސިލުން އެ ޝަކުވާތައް ބަލައިގަނެ މައްސަލަ ނިންމާފައިވަނީ ކައުންސިލުގެ ގަވާއިދާ ޚިލާފަށް، ޤާނޫނީ ހަމަތަކުގެ ބޭރުންކަން އެ ނޫހުން ފާހަގަ ކޮށްފައި ވެއެވެ.
އެހެންކަމުން މީޑިޔާ ކައުންސިލުގެ ގަވާއިދުގެ 5 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް މީޑިޔާ ކައުންސިލުން ބަލާފައިވާ ދިޔަވަރު ނޫހުގެ މައްސަލައަކީ ޤާނޫނީ ގޮތުން ބެލޭނެ މައްސަލައެއް ނޫންކަން ފާހަގަކޮށް، އެ ޣައިރު ޤާނޫނީ ނިންމުމަށް ބިނާކޮށް ދިޔަވަރު ނޫހާއި ދެކޮޅަށް ނެރެފައިވާ އެޑްވައިޒަރީ ވަގުތުން އަނބުރާ ގެންދިޔުމަށް މީޑިޔާ ކައުންސިލަށް ޤާނޫނީ ގޮތުން ގޮވާލަމެވެ.
ދިޔަވަރު ނޫހުގެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.
ދިޔަވަރު ނޫހުން އިތުރަށް ބުނެފައިވަނީ މީޑިޔާ ކައުންސިލްގެ އަޚްލާޤީ މިންގަނޑުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ”ޚަބަރުގެ ޞައްޙަކަން ކަށަވަރުކުރުމުގެ“ ފުރުޞަތު ދިޔަވަރު ނޫހަށް ނުދީ އަދި ރައީސް އޮފީހުން ކޮށްފައިވާ ޝަކުވާތަކަށް ޖަވާބު ދިނުމުގެ ހައްޤު މީޑިޔާ ކައުންސިލުން ދިޔަވަރު ނޫހަށް ނުދީ ”އެޑްވައިޒަރީ“ ފިޔަވަޅު އަޅާފައިވާކަން ފާހަގަކޮށް އެކަން ކުށްވެރި ކުރާކަމުގައެވެ.
އަދި ނޫހުން ގެނެސްދީފައިވާ އެންމެހާ ޚަބަރުތަކާއި، ޝާއިއުކޮށްފައިވާ ރިޕޯޓުތަކަކީވެސް ތެދު މައުލޫމާތުގެ މައްޗަށް ބިނާކޮށް ގެނެސްދީފައިވާ ޚަބަރާއި މައުލޫމާތު ކަން ޔަގީން ކޮށްދެމުން އެ ނޫހުން ބުނެފައިވަނީ މިހާތަނަށް، މައުލޫމާތުގެ ސައްޙަކަމާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އެއްވެސް ފަރާތަކުން މިނޫހަށް ފޮނުވާފައި ނުވާކަމުގައެވެ.
އެގޮތުން މިނިވަން މުއައްސަސާ އެއް ކަމުގައިވާ މީޑިޔާ ކައުންސިލްގެ ކޮންޓްރޯލް ސަރުކާރުގެ އަތްމައްޗަށް ނަގައި، މީޑިޔާ ކައުންސިލްގެ މިނިވަންކަން ކަނޑުވާލައި، ނުފޫޒު ބޭނުންކޮށްގެން ނޫސްތައް ހުއްޓުވުމަށް ރައީސް މުއިއްޒު ކުރަމުންދާ މަސައްކަތަކީ ޤާނޫނު އަސާސީއާއި އަދި ދިވެހިރާއްޖޭގެ ހެދިފައިވާ ޤާނޫނުތަކުގެ ރޫޚާއި ޚިލާފަށް އޭނާ ހިންގާ އަމަލެއް ކަމުގައިވެސް އެނޫހުން ބުނެފައި ވެއެވެ.
އަދި މިއީ މީޑިޔާ ކައުންސިލަށް މަޖުބޫރުކޮށްގެން ނޫސްތައް ބްލޮކްކޮށް، އެ ކައުންސިލްގެ ބޮލުގައި އެކަން އަޅުވައި، ބޭރުގެ މުއައްސަސާތަކުގެ ކުރިމަތީ ކައުންސިލުގެ އަގު ވައްޓާލައި، އެކަމުގެ ޒިންމާއިން ރައީސް މުއިއްޒު ރެކުމަށް ހިންގާ މަކަރުވެރި ފިނޑިއަމަލެއްކަން ފާހަގަ ކުރަމުން ދިޔަވަރު ނޫހުން ބުނެފައިވަނީ, މިއީ ޤާނޫނުއަސާސީގެ 27, 28 އަދި 29 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކަށް އަރައިގަތުމުގެ އިތުރުން، ބައިނަލްއަޤްވާމީ މުޢާހަދާތަކުން ރައްކާތެރިކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމަށް ސީދާ ރައީސް މުއިއްޒު ދެއްވާ ހަމަލާއެއް ކަމުގައެވެ.
އަދި ދިޔަވަރު ނޫހާއި ގުޅުވައި، މީޑިއާ ކައުންސިލަށް ހުށައަޅާފައިވާ ޝަކުވާތަކަކީ، ހަމައެކަނި ރައީސް އޮފީހުން ހުށަހަޅާފައިވާ ޝަކުވާތަކެއް ކަމަށްވެފައި، އާންމު ރައްޔިތުންގެ އެއްވެސް ޝަކުވާއެއް މިނޫހާ ގުޅޭގޮތުން މީޑިއާ ކައުންސިލަށް ލިބިފައިނުވާއިރު، މީޑިއާ ކައުންސިލުން މިނޫހާއި ދެކޮޅަށް ނެރެފައިވާ އެޑްވައިޒަރީއަކީ، ހަމައެކަނި ރައީސް މުއިއްޒުގެ މަޞްލަޙަތު ޙިމާޔަތްކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ވާތީ، މިއީ މީޑިއާ ކައުންސިލުގެ ޤާނޫނީ މަސްއޫލިއްޔަތާ ޚިލާފަށް ދީފައިވާ އިންޒާރެއް ކަމުގައި އެނޫހުން ދެކޭކަމަށްވެސް ދިޔަވަރު އޮންލައިން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.
މީޑިއާ ކައުންސިލުން އެކުލަވާލާފައިވާ އަޚްލާޤީ މިންގަނޑުގައި ވެސް މީޑިއާތަކުން ޝާއިޢުކުރާ މަޢުލޫމާތުގެ ސައްޙަކަން ވަޒަންކުރާނެ ހަރުދަނާ އުސޫލުތަކެއް ބަޔާންކޮށްފައި ނުވާއިރު، ވަކި ފަރާތެއްގެ ޝަކުވާއަށް ބިނާކޮށް މިފަދަ ފިޔަވަޅެއް އެޅުމަކީ މީޑިޔާ ކައުންސިލްގެ އަޚްލާޤީ މިންގަނޑުގެ ރޫހާއި ޚިލާފު ކަމެކެވެ.
ދިޔަވަރު ނޫހުގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެ ނޫހުން ބުނެފައިވަނީ، މިނިވަން ނޫސްވެރިކަމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށްވެސް އެނޫހުން ކުރާ އިލްތިމާސަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަތުމުގެ ފުރުސަތު ރައީސް މުއިއްޒުއަށް ނުދެއްވުން ކަމަށެވެ. އަދި މީޑިއާ ކައުންސިލްގައި މިއަދު ތިއްބެވި މެމްބަރުންވެސް، އަދި މާދަމާ އަންނާން ތިއްބެވި މެމްބަރުންވެސް އެކައުންސިލްގެ ދައުރު ހަމަކޮށްފައި އެނބުރިގޮސް ގަލަމުގެ ތުނޑުން ތިމާމެންގެގެ ޚިޔާލާތާއި ފިކުރު ހާމަކޮށްނުލެވޭވަރު މިއަދު ނުކުރުމަށްވެސް އެނޫހުން ގޮވާލާފައި ވެއެވެ.