ދައުލަތުގެ އިސްވެރިންނާއި މަޖިލިސް މެމްބަރުން ހިމެނޭހެން ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުންގެވެސް މުސާރަ ކުޑަކުރުމަށް މުއިއްޒު ނިންމެވި ނިންމެވުމާއި ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ގިނަ މެމްބަރުން ދެކޮޅު ހަދަމުންދާކަން "ދިޔަވަރު އޮންލައިން"އަށް ކަށަވަރު ކުރެވިއްޖެއެވެ.
ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ނަމުގައި 228 ސިޔާސީ މުވައްޒަފުން ސިޔާސީ މަގާމްތައް އުވާލޭކަމަށް ވިދާޅުވެ, އަދި އޭގެ އިތުރުން ސިޔާސީ މަގާމްތަކުގެ މުސާރަތައް ކުޑަކުރާނެކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މުއިއްޒު ނިންމަވާފައިވަނީ ރައީސުލްޖުމޫރިއްޔާގެ މުސާރައިގެ %50 ނުނެންގެވުމަށެވެ. އަދި އޭގެ އިތުރުން, ބޭންކުތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނާއި، މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި، ޝަރުއީ ދާއިރާގެ އިސްވެރިންނާއި، އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށްވެސް ވަނީ ނިންމާފައެވެ. އަދި ކުންފުނިތަކުގެ ވެރިންނަށް އެންމެ މަތިން ދެވޭނީ 90,000 ރުފިޔާއެވެ. މިހާރު ބައެއް ކުންފުނިތަކުގެ ވެރިންނަށް 100,000 ރުފިޔާއަށް ވުރެ މަތިން މުސާރަ ލިބެމުންދެއެވެ.
މި ބަދަލުތައް ގެންނަވާއިރު، މުސާރައިގެ ގޮތުގައި 12,000 ރުފިޔާއަށްވުރެ ދަށުން ލިބޭ މުވައްޒަފުންނަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.
ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް މުއިއްޒު އިއުލާން ކުރެއްވި ފިޔަވަޅުތަކުގެ ތެރޭގައި މަޖިލިސް މެމްބަރުންގެ މުސާރަ %10 އަށް ކުޑަކުރަން ހުށަހަޅާފައި ވިނަމަވެސް, އެ %10 ދޫކޮށްލަން ޕީއެންސީގެ ގިނަ މެމްބަރުން ބޭނުމެއް ނުވެއެވެ.
"ދިޔަވަރު އޮންލައިން" ވާހަކަ ދެއްކީ ޕީއެންސީގެ މަޖިލިސް މެމްބަރަކު ވިދާޅުވީ %10 މުސާރަ ދޫކޮށްލަން މެޖޯރިޓީ މެމްބަރުން ބޭނުން ނުވަނީ, މުލިއާގެއިން ބައެއް މެމްބަރުންނަށް ކޮންމެ މަހަކުވެސް 50,000 ރުފިޔާގެ އިނާޔަތް ފޯރުކޮށްދެމުން ދާއިރު, ޕީއެންސީގެ ޕީޖީގެ ގިނަ މެމްބަރުންނަށް އެއްވެސް އިތުރު އިނާޔަތެއް ލިބެމުން ނުދާތީ ކަމުގައެވެ.
ސިޔާސީ މުވައްޒަފުންގެ މުސާރަތައް ކުޑަކުރުމަށް މުއިއްޒު ނިނެމެވި އިރު, މުސާރަތައް ކުޑަކުރުމަށް ހަމަޖައްސަވާފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަށެވެ. އެގޮތުން މިގެނައި ބަދަލަކީ, 2026 ގައި އޮންނަ ކައުންސިލް އިންތިޚާބާ ދިމާކޮށް, މުސާރަތައް އަލުން ބޮޑު ކުރުމުގެ ވައުދުވެ, މި ގެނައި ބަދަލުގެ ސިޔާސީ މަންފާ ނެގުމަށް މުއިއްޒު ރާވާ ސިޔާސީ ޑްރާމާއެއްކަން ވަރަށްވެސް ރަގަޅަށް ހާމަވާން އެބައޮތެވެ.
އަދި މުވައްޒަފުންގެ އަދަދު މަދުކުރުމަށް އިއުލާން ކުރެއްވުމަށްފަހު މުއިއްޒު ނިންމަވާފައިވަނީ ސިޔާސީ ވަޒީފާތަކުން ވަކިކުރާ 228 މުވައްޒަފުންނަށް ކުންފުނިތަކުން ވަޒީފާ ދިނުމަށެވެ. އެގޮތުން މަޖީލަހަށް މިހާރު ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓްގައި ވަނީ ކުންފުނިޔތަކަށް ވައްދާ މުވައްޒަފުންނަށް މުސާރަ ދިނުމަށް 400 މިލިއަން ރުފިޔާ ކުންފުނިތަކަށް ދޭ ސަބްސިޑީގެ ގޮތުގައި ހިމަނާފައެވެ.
މުއިއްޒު އަކީ ގައުމުގެ އިގްތިސާދީ ހާލަތުގެ ނާޖާއިޒު ފާއިދާނަގާ, ދޮގާއި މަކަރާއި ހީލަތުން ވެރިކަން ކުރަމުންދާ ރައީސެއްކަމަށް ގިނަބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.