ރިޕޯޓު

ކެނެޑާ-އިންޑިއާ ޑިޕްލޮމެޓިކް ހަނގުރާމަ: ޓުރޫޑޯގެ ސިޔާސީ މަކަރު

ދިޔަވަރު
ކެނެޑާ-އިންޑިއާ ޑިޕްލޮމެޓިކް ހަނގުރާމަ: ޓުރޫޑޯގެ ސިޔާސީ މަކަރު

އިންޑިއާ އާއި ކެނެޑާގެ ދެމެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުން މިހާރު ވަނީ ނާޒުކު ހާލަތަކަށް ގޮސްފައެވެ. މިއީ ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓުރޫޑޯގެ އެގައުމުގައި ތިބި އިންޑިޔާ ދަރިކޮޅުގެ ސިކުންގެ ވޯޓު ހޯދުމަށް ކުރިއަށް ގެންދާ ނުރައްކާތެރި ސިޔާސީ އެޖެންޑާއެއްގެ ސަބަބުން ދިމާވެފައިވާ ހިތާމަވެރި ހާލަތެކެވެ. އިންޑިއާގެ ކުރީގެ ހައި ކޮމިޝަނަރު ސަންޖޭ ވަރމާ، އެންޑީޓީވީއަށް ދެއްވި ޚާއްޞަ ބަސްތީގަތުމެއްގައި ވިދާޅުވި ގޮތުގައި، ކެނެޑާއިން ތުހުމަތު ކުރާ ކަންކަމާއި ގުޅޭ އެއްވެސް ހެއްކެއް އެއްވެސް މިންވަރަކަށް ކެނަޑައިން ދައްކާފައި ނުވެއެވެ.

ހައި ކޮމިޝަނަރ ވަރމާ ފާހަގަކުރެއްވި ގޮތުގައި، އޭނާގެ މުޅި ޚިދުމަތުގެ މުއްދަތުގައި ކެނެޑާގެ ހުރިހާ މިނިސްޓްރީތަކަކާއެކު ވަރަށް ރަނގަޅު ގުޅުމެއް ބާއްވާފައި ވެއެވެ. ނަމަވެސް، އޮކްޓޯބަރު 12 ވަނަ ދުވަހު ކެނެޑާގެ ފޮރިން މިނިސްޓްރީއާއެކު ބޭއްވުނު ބައްދަލުވުމެއްގައި ކުއްލިއަކަށް އެމަނިކުފާނަށް އެންގުނީ އެމަނިކުފާނާއި އިތުރު 5 ޑިޕްލޮމެޓުން ވަނީ މަރުގެ ތަޙްޤީޤަކާ ގުޅިފައި ކަމެވެ. އަދި މި މައްސަލަ ތަޙްޤީޤު ކުރުމަށްޓަކައި އެ ޑިޕްލޮމެޓުންގެ ޑިޕްލޮމެޓިކް އިމިއުނިޓީ ނަގަން ޖެހޭ ކަމަށް ކެނެޑާއިން ބުނަމުންދާ ކަމެވެ.

މިއީ އިންޑިއާގެ ޑިޕްލޮމެޓިކް ތާރީޚުގައި ފުރަތަމަ ފަހަރަށް އެ ޤައުމުގެ ޑިޕްލޮމެޓަކު 'ޕަރސޯނާ ނޮން ގްރާޓާ' އަކަށް ހެދި ހާދިސާއެވެ. މީގެ މާނައަކީ އެ ޑިޕްލޮމެޓަކީ އެ ޤައުމަކަށް މަރުހަބާ ކިޔާ މީހެއް ނޫން ކަމަށް ކަނޑައެޅި ކަނޑައެޅުމެވެ. މިއީ އިންޑިއާއާ އެތައް އަހަރެއްގެ ދުޝްމަނުކަން އޮތް ޕާކިސްތާނާއެކުވެސް ދިމާވެފައިނުވާ ކަމެކެވެ. ޕާކިސްތާނުގައި ހުންނެވި އެންމެ ފަހުގެ ހައި ކޮމިޝަނަރު އަޖައި ބިސާރިއާއަށްވެސް މިފަދަ ކަމެއް ދިމާވެފައެއް ނުވެއެވެ.

ހެކި ނެތް ހުސް ތުހުމަތުތަކެއް

"މިއީ ވަރަށް ހާސްކުރުވަނިވި ކަމެއް" ވަރމާ ވިދާޅުވިއެވެ. "އެމީހުން ހެކި ކަމަށް ބުނާ އެއްޗަކީ ހަމައެކަނި އިންޓެލިޖެންސް މަޢުލޫމާތު. މިފަދަ މަޢުލޫމާތު ޝަރީޢަތުގެ މަޖިލީހެއްގައި ބަލައެއް ނުގަނެވޭނެ - އެމީހުންގެ ޤައުމުގައިވެސް އަދި އަހަރެމެންގެ ޤައުމުގައިވެސް." ރޯޔަލް ކެނޭޑިއަން މައުންޓެޑް ޕޮލިސް އަދި ޓުރޫޑޯ އަމިއްލައަށްވެސް ވިދާޅުވެފައިވަނީ އެމީހުންގެ އަތުގައި އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

އިންޑިއާގެ މަސައްކަތްތައް

އެހެންނަމަވެސް، އިންޑިއާއިން ކެނެޑާގެ ބިމުގައި ހިންގާ ހަރުކަށި އަދި ގޭންގު ޙަރަކާތްތަކާ ބެހޭ ތަފްސީލީ ހެކިތައް ކެނެޑާގެ ސަރުކާރާ ހިއްސާކޮށްފައިވެއެވެ. އޭގެ އިތުރުން، 26 ހަރުކަށި ފިކުރުގެ މީހުންނާއި ގޭންގު މެންބަރުން އަނބުރާ ރައްދުކުރުމަށްވެސް އިންޑިޔާއިން އެދިފައިވެއެވެ. ނަމަވެސް، މިއިން އެއްވެސް ކަމަކާމެދު ކެނެޑާގެ ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ކެނަޑާ ސަރުކާރު ވެފައިވަނީ، އިންޑިޔާގެ ބޮޑެތި ގޭންގްތަކަށް ނިސްބަތްވާ ކުށްވެރިންނަށް ހިމާޔަތްދޭ އައްސޭރިއަކަށެވެ.

ޓުރޫޑޯގެ ސިޔާސީ މަކަރު

މި ހުރިހާ ކަމެއްގެ ފަހަތުގައި އޮތީ ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓުރޫޑޯގެ ސިޔާސީ މަސްލަހަތެވެ. ވަރމާ ފާހަގަކުރެއްވި ގޮތުގައި، ޓުރޫޑޯއަކީ ޚަލިސްތާނީ ހަރުކަށި ފިކުރުގެ މީހުންނާ ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. އޭނާގެ ކެބިނެޓާއި ޕާލިމަންޓުގައި ތިބި ބައެއް ގާތް އެކުވެރިންނަކީ އިންޑިއާ-ކެނެޑާ ގުޅުން ރަނގަޅުވުމަށް ބޭނުންނުވާ ބައެކެވެ. އެއީ އިންޑިޔާ ނަސްލަށް ނިސްބަތްވާ ބައެއް ފަރާތްތަކެވެ.

މިހާރު ކެނެޑާގެ ރައްޔިތުންގެ މެދުގައި ޓުރޫޑޯގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އޮޕީނިއަން ޕޯލްތަކުން ދައްކާ ގޮތުގައި އޭނާގެ ޕާޓީއަށް ރައްޔިތުންގެ ތާއީދު ވަނީ ގެއްލިފައެވެ. އަދި އެންމެ ނުރައްކާތެރި ކަމަކީ، އޭނާގެ ޕާޓީގެ ތެރޭގައިވެސް އޭނާގެ ލީޑަރޝިޕްއަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވުމެވެ.

ޚަލިސްތާނީ ހަރުކަށި ފިކުރަކީ ވިޔަފާރިއެއް

ޚަލިސްތާނުގެ ޚަރުކަށި ފިކުރަކީ އެ ޤައުމުގެ ބައެއް ސިކުން ގެންގުޅޭ ފިކުރެކެވެ. މި ފިކުރަކީ ހައްދުފަހަނައެޅި އަމަލުތަކާއި، އަނިޔާވެރި އަމަލުތައް ކުރިއަށް ނެރެ، އިންޑިޔާއާއި ދެކޮޅަށް އިންޑިޔާގައި ވަކި ޤައުމެއް ޚަލިސްތާނުގެ ނަމުގައި އުފެއްދުމަށް ސިކު ދީނުގެ ހައްދުފަހަނަ އެޅި ބަޔަކު ކުރާ މަސައްކަތެކެވެ. ވަރމާ ހާމަކުރެއްވި ގޮތުގައި، ޚަލިސްތާނީ ހަރުކަށި ފިކުރަކީ ވިޔަފާރިއެކެވެ. މި ހަރުކަށި ފިކުރުގެ މީހުން ނާޖާއިޒު ގޮތުގައި ހޯދާ ފައިސާ ބޭނުންކުރަނީ އިންޑިއާއަށް ގެއްލުން ދިނުމަށާއި އެމީހުންގެ މުއްސަނދި ދިރިއުޅުމަށެވެ. އެހެންކަމުން، އެމީހުންގެ މި ނާޖާއިޒު ވިޔަފާރި ހުއްޓުވަން މަސައްކަތް ކުރާ އިންޑިޔާގެ ކޮންމެ ސަރުކާރަކަށް އަމާޒުކޮށް އެ ސަރުކާރާއި ދެކޮޅަށް ހައްދުފަހަނައެޅި އަމަލުތައް ހިންގައެވެ.

މި ގޮތުން، އިންޑިއާގެ ބޮޑުވަޒީރާއި އެހެން އިސް ވެރިންނަށް މި ހަރުކަށި ފިކުރުގެ މީހުން ހަމަލާދިނުމުގެ އިންޒާރު ދެއެވެ. ޑިޕްލޮމެޓުންނަށް އަމާޒުކޮށް އެތައް ނުރައްކާތެރި ހާލަތެއް މި މީހުން ވަނީ އުފައްދާފައެވެ. މީގެ ތެރޭގައި:

  • ޑިޕްލޮމެޓުންގެ ހަށިގަނޑު ކުރަހައި، ނުވަތަ ފޮޓޯތަކުގައި އަލިފާން ޖެހުން
  • ޑިޕްލޮމެޓުންގެ މޫނުގެ ފޮޓޯ، ބަޑި ޖެހުމުގެ ތަމްރީނުތަކުގައި އަމާޒު ކުރާ ޓާރގެޓުގެ ގޮތުގައި ބޭނުންކުރުން
  • އަދި އެހެނިހެން ގިނަ އަނިޔާވެރި އަމަލުތައް ހިމެނެއެވެ.

މިފަދަ ޢަމަލުތައް އެއްވެސް މުޖުތަމަޢުއެއްގައި މިހާ ހާމަކަން ބޮޑު ގޮތެއްގައި ހިންގާ ތަނެއް ނުފެނެއެވެ. އަދި ޚާއްޞަކޮށް ސަރުކާރުގެ އެއްބާރުލުމާއެކު މިފަދަ ކަންކަން ހިނގަމުންދާ ތަނެއް ނުފެނެއެވެ. ނަމަވެސް މިހުރިހާ ކަމެއް ހިނގަމުން ދަނީ ކެނަޑާ ސަރުާކާރުގެ އެއްބާރުލުމާއި އެކުގައެވެ.

ވަރމާ ފާހަގަކުރެއްވި ގޮތުގައި މިއީ ކެނެޑާގެ ސަރުކާރުން ގެންގުޅޭ ދެ މިންގަނޑުގެ ސިޔާސަތުގެ ނަތީޖާއެވެ. "އެއް ޤާނޫނެއް ތިމަންނާއަށް އަދި އަނެއް ޤާނޫނެއް އެހެން މީހުންނަށް - މިގޮތަށް ދުނިޔެ އިތުރަކަށް ނުހިނގާނެ" އޭނާ ވިދާޅުވިއެވެ. "ކުރީގައި ދެކުނުގެ ޤައުމުތަކުން ކުރިއަރާފައިވާ ހުޅަނގުގެ ޤައުމުތަކުން ބުނާހާ ކަމެއް ކުރަމުން ދިޔަ ދުވަސްވަރު މިހާރު ވަނީ ނިމުމަކަށް އައިސްފައި." ހައިކޮމިޝަނަރ އިންޓަވިއުގައި ހާމަ ކުރެއްވިއެވެ.

ވަރމާ ހާމަކުރެއްވި ގޮތުގައި، ޑިޕްލޮމެޓުންގެ މައިގަނޑު މަސައްކަތަކީ މަޢުލޫމާތު އެއްކުރުމެވެ. މި މަޢުލޫމާތު އެއްކުރެވެނީ ދެ ގޮތަކަށެވެ: ހާމަކަން ބޮޑު ގޮތެއްގައި އަދި ސިއްރު ގޮތެއްގައެވެ. އިންޑިއާގެ ޑިޕްލޮމެޓުން ބޭނުންކުރީ ހާމަކަން ބޮޑު ގޮތްތަކެވެ. ނޫސްތަކާއި، ސޯޝަލް މީޑިއާ އަދި އެހެނިހެން ހާމަ ވަސީލަތްތަކުން މަޢުލޫމާތު އެއްކުރެވުނެވެ.

މި މަޢުލޫމާތުތަކުގެ ތަޙުލީލުތަކުން ދައްކާ ގޮތުގައި ހަރުކަށި ފިކުރުގެ މީހުންގެ މަޤްޞަދަކީ:

  • އިންޑިއާ އާއި ކެނެޑާގެ ގުޅުން ހަލާކުކުރުން
  • ބައިނަލްއަޤްވާމީ މައިދާނުގައި އިންޑިއާގެ އަބުރަށް ހުތުރުކުރުން
  • އިންޑިއާގެ ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާ ކުރުން

އިންޑިއާއިން މި ހުރިހާ މަޢުލޫމާތެއް ކެނެޑާގެ ސަރުކާރާ ހިއްސާކުރި ނަމަވެސް، އެއްވެސް ފިޔަވަޅެއް އެޅިފައެއް ކެނަޑާއިން އަޅާފައި ނުވެއެވެ. މީގެ ބަދަލުގައި، ކެނެޑާގެ ސަރުކާރުން އިޚްތިޔާރު ކުރީ ހަރުކަށި ފިކުރުގެ މީހުންނަށް ހިމާޔަތް ދިނުމުގެ މަގެވެ.

ޓުރޫޑޯގެ ނާކާމިޔާބު ލީޑަރޝިޕް

މި ހުރިހާ ކަމެއްގެ އަސްލަކީ ޓުރޫޑޯގެ ނާކާމިޔާބު ލީޑަރޝިޕެވެ. އޭނާގެ ޕާޓީގެ ތެރޭގައި އޭނާގެ ލީޑަރޝިޕްއަށް އޮތް ގޮންޖެހުމާއި، ރައްޔިތުންގެ މެދުގައި އޭނާގެ މަގުބޫލުކަން ދަށްވެފައިވުމާއެކު، އޭނާ މިހާރު މަސައްކަތް ކުރަމުންދަނީ ޚަލިސްތާނީ ހަރުކަށި ފިކުރުގެ މީހުންގެ ވޯޓުތައް ހޯދުމަށެވެ. މިއީ ބޮޑު ސިޔާސީ މަކަރެކެވެ.

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ކުރީގެ ބޮޑުވަޒީރެއްގެ މަރުގެ މަންޒަރުތައް ދައްކައި އުފާކުރާ މީހުންނަށް ހިމާޔަތް ދިނުމަކީ، ޓުރޫޑޯގެ އަމިއްލަ ސިޔާސީ މަސްލަހަތު ކުރިއެރުވުމަށް ކުރާ ވަރަށް ނުރައްކާތެރި މަސައްކަތެކެވެ. މި މަސައްކަތުގެ ނަތީޖާއަކަށް ވެގެން ދާނީ ދެ ޤައުމުގެ ގުޅުން އިތުރަށް ގޯސްވެ، އަދި ކެނެޑާގެ އަމަން އަމާންކަމަށް ނުރައްކާވުމެވެ.

މިއަދު ކެނެޑާގެ ސަރުކާރުން ގެންގުޅޭ މި ދެފުށް ދެގޮތް ސިޔާސަތަކީ އެ ޤައުމުގެ ޑިމޮކްރެޓިކް ހަމަތަކާއި މުޅިން ޚިލާފު ކަމެކެވެ. އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އަދި ކެނެޑާގެ އެކުވެރި ޤައުމެއްގެ ގޮތުގައި އޮތް ޤައުމެކެވެ. ނަމަވެސް، ޓުރޫޑޯގެ އަމިއްލަ ސިޔާސީ މަސްލަހަތަށްޓަކައި، މި ދެ ޤައުމުގެ ގުޅުން މިހާރު ވަނީ ނުރައްކާތެރި ހާލަތަކަށް ގޮސްފައެވެ. ޓުރޫޑޯގެ މި އަމަލުތަކަކީ އޭނާގެ ސިޔާސީ މުސްތަޤުބަލަށް ނުރައްކާވެފައިވާ ދަނޑިވަޅެއްގައި، ވޯޓު ހޯދުމަށްޓަކައި ކުޅޭ ނުރައްކާތެރި ކުޅިވަރެކެވެ. މިއީ ކެނެޑާގެ ފަދަ ތަހުޒީބު ޤައުމަކަށް އެކަށީގެންވާ ކަމެއް ނޫނެވެ.