ކޮރަޝަޕްޝަންގެ އަމަލުތައް ގިނަވެ، އާންމުގެ ނުރުހުން އިތުރުވެފައި ވަނިކޮށް، ރައްޔިތުންނަށް ގޮންޖަހައި، ޕާޓީއަށް މެމްބަރުން ވެއްދުމަށް ދައުލަތުގެ މުދަލާއި ވަސީލަތްތައް ފާޅުކޮށް ބޭނުންކޮށްފިއެވެ.
ދިޔަވަރު ނޫހަށް އެކި ފަރާތްތަކުން ފޮނުވާފައިވާ މައުލޫމާތު ތަކާއި، އަދި ސޯޝަލް މީޑިޔާގައި އާންމުވެފައިވާ ފޮޓޯ ތަކުން، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ޕީއެންސީއިން ޕާޓީއަށް މީހުން ވެއްދުމަށް ބޭނުން ކޮށްފައިވާކަން ހާމަވެއެވެ.
ފެނަކައާއި، ސަރުކާރުގެ އެކި ކުންފުނިތަކުން އެތައް މިލިއަން ރުފިޔާއެއް ކޮރަޕްޝަންގެ ގޮތުގައި ނަގަމުން ދާކަމަށް، އެކި ފަރާތްތަކުން ތުހުމަތުކޮށް، އެކަމަށް ސަޕޯޓްދޭ އެތައް ލިޔެކިޔުމެއް ސޯޝަލް މީޑިޔާގައި އާއި ނޫސްތަކުން އާންމުކޮށްފައިވާއިރު، އެކަމާއި ގުޅިގެން ރައްޔިތުންގެ މެދުގައި އިންތިހާއަށް ވަނީ ނުރުހުން އިތުރުވެފައެވެ.

ސަރުކާރުން 50 ބިލިއަން ރުފިޔާގެ ބަޖެޓެއް އަހަރު ނުނިމެނީސް ހުސްވެފައި ވާއިރު، އަދި އިތުރު 5.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓަކަށް އެދިފައިވާއިރު، 50 ބިލިއަން ރުފިޔާ ހުސްވެފައިވާ ސަބަބެއް ނުވަތަ ގޮތެއް ސަރުކާރަށް ހާމަ ކުރެވިފައި ނުވެއެވެ. ރާއްޖޭގެ ގިނަ ރަށްތަކުގައި %99 ޕްރޮޖެކްޓްތައް ހުއްޓިފައިވާތަން ރައްޔިތުންނަށް ފެންނަން ހުރުމާއި އެކު މިފައިސާއަށް ވީ ގޮތެއް ދެނެގަތުމަށް ރައްޔިތުން ދަނީ ސަރުކާރަށް ސުވާލު ކުރިމަތި ކުރަމުންނެވެ. ނަމަވެސް ސަރުކާރުން ދަނީ އެކަން ވަންހަނާ ކުރަމުންނެވެ. މިފަދަ ބޮޑު ބަޖެޓެއް އަހަރު ނުނިމެނީސް އާ ޕްރޮޖެކްޓެއް ނުފަށައި ހުސްވުމުގައި އިންތިހާއަށް ކޮރަޕްޝަން އެކުލެވިގެން ވާކަމަށް އާންމު ރައްޔިތުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި މި ތުހުމަތުތައް ދޮގުކޮށް، ހެކި ދެއްކުމަށް ރައީސް މުއިއްޒުގެ ސަރުކާރު ވަނީ ނުކުޅެދިފައެވެ.

ކޮރަޕްޝަންގެ ސަބަބުން ރައްޔިތުންގެ އަސާސީ ޚިދުމަތްތަކަށް ބުރޫ އަރައި، ރައްޔިތުންނަށް އޭގެ އަސަރު ފޯރައި، ކަންބޮޑުވުންތައް އިންތިހާއަށް ގޮސްފައިވާ މި ދަނޑިވަޅުގައި ރައްޔިތުންގެ ޝުޢޫރަށް ބެލުމެއް ނެތި، ސަރުކާރުން ވަނީ ދައުލަތުގެ ވަސީލަތްތައް ޕީއެންސީގެ މެމްބަރުން އިތުރު ކުރުމަށް ބޭނުން ކޮށްފައެވެ. މިއީ ޤާނޫނީ ގޮތުން މަނާކޮށްފައިވާ ކަމެކެވެ. އަދި މިއީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާ މި ފަރާތްތަކުގެ މައްޗަށް ކުރެވޭނެ ކަންކަމެވެ.
މި ގޮތުން ސަރުކާރު އޮފީސްތަކުގައި މި މަސައްކަތް ކުރުމާއި، އައިޑީކާޑު ޑޭޓާ ބޭސް ބޭނުންކޮށްގެން މީހުންގެ މައުލޫމާތު ނަގައި ވަގު ފޯމު ފުރުމުގެ ތުހުމަތުވެސް ޕީއެންސީއަށް ވަނީ އަމާޒު ކުރެވިފައެވެ. ކޮރަޕްޝަން މިފަދައިން އާންމުކޮށް، މުޖުތަމައުގެ ބައެއްގެ ގޮތުގައި ހެދުމަށް ކުރާ މަސައްކަތަކީ ރާއްޖޭގެ އިޖުތިމާޢީ އިޤްތިޞާދީ ހާލަތު އިންތިހާއަށް ނިކަމެތިވެ އޭގެ ގެއްލުން އެތައް ޖީލަކަށް ދެމިގެންދާނެ ކަމެކެވެ.