ޚަބަރު

50 ބިލިއަން ރުފިޔާގެ ބަޖެޓް ޚަރަދު ކުރިގޮތް، މަޖިލީހުގެ ބަޖެޓް ކޮމިޓީއަށް ހާމަ ކުރުމަށް އަޒާން ދޮކޮޅު ހަދައިފި

ދިޔަވަރު
50 ބިލިއަން ރުފިޔާގެ ބަޖެޓް ޚަރަދު ކުރިގޮތް، މަޖިލީހުގެ ބަޖެޓް ކޮމިޓީއަށް ހާމަ ކުރުމަށް އަޒާން ދޮކޮޅު ހަދައިފި

މި އަހަރު ދައުލަތުގެ ބަޖެޓުން ކުރެވުނު ޚަރަދުތަކުގެ ތަފްސީލް ސިއްރުކުރުމަށް މަޖިލީހުގެ ބަޖެޓު ކޮމިޓީން މިއަދު ވަނީ ނިންމާފައެވެ. މި ވޯޓުގައި ސަރުކާރަށް ނިސްބަތްވާ ގިނަ މެންބަރުން ސިއްރުކުރުމަށް ވޯޓު ދެއްވި އިރު، ކުރީގެ ސަރުކާރުގައި ދައުލަތުގެ ޚަރަދުތައް ހާމަކުރުމަށް އެންމެ ބާރަށް ގޮވާލެއްވި ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން ވަނީ ވޯޓުގައި ބައިވެރިވެ ވަޑައިނުގެން ފައެވެ. އަޒާން ވަނީ 50 ބިލިއަން ރުފިޔާ ޚަރަދު ކުރިކޮށް، ބަޖެޓު ކޮމިޓީއަށް ހާމަ ކުރުމަށް ދެކޮޅު ހަދައި ވޯޓުން ބަރީޢަ ވެގެންފައެވެ.

އަޒާން ވަނީ ދައުލަތުގެ ހިސާބުތަކާއި، ރައީސް ސޯލިހް ދަތުރުފުޅުތަކުގައި ރޫމް ސާވިސްއަށް ގެންނަ ކާއެތިކޮޅަށް އަރާފައިވާ އަދަދު ހޯދުމާއި އޭގެ ރަސީދު ހޯދުމަށް މަސައްކަތް ކޮށްފައެވެ. އަދި އެފަދަ ކަންކަމުގައި ރައިޓްޓު އިންފޮމޭޝަންގެ ދަށުން ކޯޓުގެ އަޑުއެހުންތައް ވަނީ އަޒާންގެ ހާޒިރުގައި ބާއްވާފައެވެ.

މިއަދު ރައްޔިތުންނަށް ފެނިގެން ދަނީ މިފަދަ މީހުންގެ ކިބާގައި އެއްވެސް ތެދުވެރިކަމެއް ނެތްތަނެވެ. އަދި ސަރުކާރުން އެއްވެސް ސަބަބެއް ނެތި ފޮރުވަމުން މަސައްކަތް ކުރާ 50 ބިލިއަން ރުފިޔާގެ ޚަރަދުތައް ފޮރުވުމަށް އެއްބާރުލުން ދޭ މަންޒަރެވެ.

މި އަހަރުގެ ބަޖެޓުގެ ބާކީ އޮތް ދުވަސްތަކަށް އިތުރު 5 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް ބުނެ ސަރުކާރުން ވަނީ ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅާފައެވެ. މި ބަޖެޓާ ގުޅިގެން ހާޒިރުކުރެވުނު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މާދަމާ ކޮމިޓީއަށް ހާޒިރުވާން އޮތް ނަމަވެސް، މިހާތަނަށް ކުރެވުނު ޚަރަދުތަކުގެ ތަފްސީލް ހާމަކުރުމަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި ހުށަހެޅުން ވަނީ ބަލައިނުގަނެވިފައެވެ.

މި އަހަރަށް ފާސްކުރި 49 ބިލިއަން ރުފިޔާގެ ބަޖެޓުން މިހާތަނަށް 37 ބިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި ނަމަވެސް، މި ފައިސާ ޚަރަދުކުރެވުނު ގޮތުގެ ތަފްސީލް ސަރުކާރުން ވަނީ ހާމަނުކޮށެވެ. ޖޫން 20 އިން ފެށިގެން ސަރުކާރުގެ މާލީ ހިސާބުތައް ވެސް ވަނީ އާންމުކޮށްފައި ނުވެއެވެ. އަދި ގިނަ އަދެދެއްގެ ފައިސާ ކޮރަޕްޝަނުގެ ގޮތުގައި ނަގައި، ދައުލަތުން ގެއްލިފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

އިދިކޮޅު އެމްޑީޕީގެ މެންބަރުން ބުނާ ގޮތުގައި ސަރުކާރުން ވަނީ 19 ވަނަ މަޖިލީހުން ފާސްކުރި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ކަނޑައެޅުނު ފައިސާ އެހެން ކަންކަމަށް ބޭނުންކޮށްފައެވެ. ބަޖެޓުގެ ތަފްސީލް ސިއްރުކުރަން ސަރުކާރަށް ނިސްބަތްވާ 14 މެންބަރުންނާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވޯޓު ދެއްވި އިރު، އެމްޑީޕީގެ 4 މެންބަރުންނާއި އެމްޑީއޭގެ މުޙައްމަދު އައްބާސް ވޯޓު ދެއްވީ ތަފްސީލްތައް ހާމަކުރުމަށެވެ.

އިދިކޮޅު މެންބަރުން ބުނާ ގޮތުގައި މިއީ ސަރުކާރުން ރައްޔިތުންގެ ފައިސާ ޚަރަދުކުރި ގޮތް އޮޅުވާލަން ކުރާ މަސައްކަތެކެވެ. ނަމަވެސް ސަރުކާރުން ބުނަނީ މިހާތަނަށް ބަޖެޓުން 37 ބިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށެވެ.