ޚަބަރު

ލޯނު ނުދައްކައިގެން ރީކޯ މޫސަގެ ތިން ރިސޯޓެއް ވިއްކާލަން ބީއެމްއެލް އިން އިއުލާނުކޮށްފި

ދިޔަވަރު
ލޯނު ނުދައްކައިގެން ރީކޯ މޫސަގެ ތިން ރިސޯޓެއް ވިއްކާލަން ބީއެމްއެލް އިން އިއުލާނުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއުލާނު ކޮށްފި؛ ކުރީގެ ފިލްމުސްޓާރު ރީކޯ މޫސާ މަނިކުގެ ހެވީ ލޯޑް ކުންފުނީގެ ތިން ޓޫރިސްޓު ރިސޯޓު ވިއްކާލުމަށް ނީލަމުގައި ލާން ނިންމައިފި އެވެ. މި ރިސޯޓުތައް ވިއްކާލަން ނިންމީ ހެވީ ލޯޑުން ނަގާފައިވާ ލޯނުތަކެއް ދެއްކުމުގައި ޑިފޯލްޓްވެފައިވާތީ އެވެ.

ނީލަމުގައި ވިއްކާލަން ނިންމާފައިވާ ތިން ރިސޯޓަކީ:

  • ފަރެސް އައިލެންޑް
  • ކުޑަ ފަރެސް އައިލެންޑް
  • ބޮޑު ހުރާ އައިލެންޑް

ފަރެސް އައިލެންޑާއި ކުޑަ ފަރެސް އައިލެންޑަކީ ލ. އަތޮޅުގައި "ރަހާ ރިސޯޓް" ގެ ނަމުގައި ގުޅުވައިގެން ހިންގަމުންދާ ދެ ރަށެވެ. އަދި ށ. އަތޮޅުގެ ބޮޑުހުރާ އަކީ އަދިވެސް ތަރައްޤީކުރުމުގެ މަސައްކަތް ނުނިމި އޮތް ރިސޯޓެކެވެ.

ބީއެމްއެލްއިން ވަނީ މި ރިސޯޓުތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް ދެ އޮޕްޝަނެއް ހުޅުވާލާފައެވެ.

ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 2024 ނޮވެމްބަރު 28 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ.

މީގެ އިތުރުން، ރީކޯ މޫސަގެ އަނެއް ކުންފުނި، އީސްޓް މޯލްޑިވްސްގެ ނަމުގައި އޮތް ކޮޅުވެއްޓިއެއްވެސް ވިއްކާލުމަށް ބީއެމްއެލްއިން ވަނީ ފަހުން އިއުލާނުކޮށްފައެވެ. އީސްޓް މޯލްޑިވްސްއަކީ މިހާރު ރީކޯ މޫސަގެ ދެ ދަރިން ކަމަށްވާ މުދުރިކަތު މޫސަ އާއި މިގްދާހް މޫސަގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. މި ކުންފުނިން 2016 ވަނަ އަހަރު ނަގާފައިވާ 8.9 މިލިއަން ރުފިޔާގެ ލޯނުން މިހާރު ނުދައްކާ އޮތް އަދަދު 7 މިލިއަން ރުފިޔާއަށްވުރެ މަތިވެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ރީކޯ މޫސަގެ ކުންފުނިތަކުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން މީގެ ކުރިންވެސް ކޯޓުތަކުން ވަނީ ގިނަ އަދަދެއްގެ ހުކުމްތައް ކޮށްފައިވުމެވެ.