މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ އިސް މަޤާމުތަކަށް އައު އައްޔަންތަކެއް ގެނެސްފިއެވެ. މިގޮތުން، ޑެޕިއުޓީ މިނިސްޓަރަކާއި ޕޮލިޓިކަލް ޑިރެކްޓަރެއް މިދިޔަ ހަފްތާގައި އެ މިނިސްޓްރީއަށް އައްޔަންކޮށްފައިވެއެވެ.
ޑެޕިއުޓީ މިނިސްޓަރުގެ މަޤާމަށް އައްޔަންކޮށްފައިވަނީ ށ. ފޯކައިދޫ، ދޫވެހި އިބްރާހިމް ރަޝީދު އިދުރީސްއެވެ. އޭނާއަކީ ކުރިން ތަޢުލީމީ ދާއިރާގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތެކެވެ. އަދި ޕޮލިޓިކަލް ޑިރެކްޓަރުގެ މަޤާމަށް އައްޔަންކޮށްފައިވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ދަފްތަރު ނަންބަރު ރސ 7771، މާލޭގެ މުމްތާޒް މޫސާއެވެ.
މި އައްޔަންތައް ކޮށްފައިވަނީ ސަރުކާރުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ. ސަރުކާރުން ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމަށާއި، އެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް ނިންމާފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސިޔާސީ މަޤާމުތަކުން 228 މުވައްޒަފުން އަވަހަށް ވަކިކުރައްވާނެކަމަށް އިޢުލާންކުރައްވާފައެވެ. މިހާރުގެ ސަރުކާރު އައީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރުނުކުރާނެ ކަމުގެ ވަޢުދާއެކުގައެވެ. ނަމަވެސް، އެކި މަޞްދަރުތަކުން ލިބޭ މަޢުލޫމާތުން ދައްކާގޮތުގައި މިހާރު ސިޔާސީ މުވައްޒަފުންގެ އަދަދު 2,500 އާ ގާތްކުރެއެވެ.
ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން މި މަޤާމުތަކަށް މުވައްޒަފުން އައްޔަންކުރެވިފައިވާއިރު، މަޢުލޫމާތު ލިބޭގޮތުގައި އައްޔަންކުރެވުނު ދެ ފަރާތުންވެސް މިހާރު ވަނީ މަސައްކަތް ފަށާފައެވެ.