އެމްއެމްޕީއާރުސީ މައްސަލައިގެ ތަހުގީގީ ބަޔާނެއް ކަމަށް ބުނެ މިދިޔަ އޯގަސްޓު މަހު އެކްސްގައި ޝާއިޢުކުރި ޕޯސްޓަކާ ގުޅިގެން، ސޯޝަލް މީޑިއާ އެކްޓިވިސްޓް ތައްޔިބު ޝަހީމުގެ ބަޔާން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނަގައިފިއެވެ.
ތައްޔިބު މިއަދު އެކްސްގައި ހާމަކުރި ގޮތުގައި، އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) އެ މައްސަލަ ފުލުހުންނާ ހަވާލުކުރުމާ ގުޅިގެން، ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އެންގުމުން ހާޒިރުވެ ބަޔާން ދީފައިވެއެވެ.
"މިދިޔަ އޯގަސްޓު މަހު އެކްސް.ކޮމްގައި ކުރި ޕޯސްޓަކާ ގުޅިގެން އޭސީސީން 'މަށެއް ނޫން' [ކަމަށް] ބުނެ ފުލުހުންނަށް ހުށަހެޅުމުން، ފުލުހުން އަހުރެން ތަހުގީގަށް ހާޒިރުވުމަށް އެންގުމުން ހާޒިރުވެ ބަޔާން ދީފިން،" ތައްޔިބު މިއަދު ޕޯސްޓްކުރިއެވެ.
އޯގަސްޓު މަހު ތައްޔިބު އެކްސްގައި ހިއްސާކުރި، އޭސީސީގެ ތަހުގީގީ ރިޕޯޓެއްގެ ސަފުހާއެއް ކަމަށް ބުނާ ލިޔުމުގައި ވަނީ، މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އަށް އެމްއެމްޕީއާރުސީގެ ފައިސާ ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުން ދިޔައިރު، މައްސަލައިގެ ވީޑިއޯ އާއި ފޮޓޯ ބޭނުންކޮށްގެން މައްސަލައިގެ އަސްލު ގެއްލޭގޮތަށް ފުލުހުންގެ ބައެއް އިސްވެރިން މަސައްކަތްކޮށްފައިވާ ކަމަށްވެސް އެ ލިޔުމުގައި ބަޔާންކޮށްފައިވެއެވެ.
އިލެކްޝަންގެ އެންމެ ފަހު ދުވަސްތަކުގައި އާންމުންގެ ވޯޓަށް ނުފޫޒު ފޯރުވުމަށް އަޒާން ފަތުރާފައިވާ ދޮގު މައުލޫމާތެއްގެ ގޮތުގައި، އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރަށް ފޮނުވި ސިއްރު ސިޓީއެއް ކަމަށް ބުނާ ލިޔުމެއް ހާމަކޮށްފައިވެއެވެ. މި ލިޔުމުގައި، ދިވެހިރާއްޖެއިން އިންޑިއާއަށް ފުރިހަމަ ސިޔާދަތީ ބާރު އޮންނަ ގޮތަށް 15 ހެކްޓަރުގެ ދެ ބިން ދިނުމަށް އެދޭ ކަމަށާއި، މިކަމުގެ ބަދަލުގައި ދިވެހިރާއްޖެއިން އިންޑިއާއަށް ދައްކަންޖެހޭ ދަރަނި މާފުކޮށްދޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.
ނަމަވެސް މިކަމާއި ގުޅިގެން އަޒާން ފުލުހަށް ހާޒިރު ކޮށްފައި ނުވާއިރު، އަޒާން ފެތުރި މިފަދަ ދޮގު ވާހަކަތަކުގެ މައްޗަށް ބިނާކޮށް، ޔޫރަޕިއަން ޔޫނިއަން އިން ނެރުނު، ރިޔާސީ އިންތިހާބުގެ ރިޕޯޓުގައި ދޮގު ޚަބަރު ފެތުރި ކަން ފާހަގަ ކޮށްފައި ވެއެވެ.
އިންޑިޔާ އެމްބަސީއިން ވަނީ އަޒާނު އުފައްދާފައިވާ ލިޔުމަކީ ދޮގު ލިޔުމެއް ކަމަށް ބުނެފައެވެ. ނަމަވެސް ވޯޓަށް ފަހު ސަރުކާރު ބަދަލުވުމުން، މުއިއްޒުގެ ސަރުކާރުން މި މައްސަލާގައި އަޒާނު އާއި ސުވާލު ކުރަން ފުލުހަށް ހާޒިރު ނުކޮށް، ތޮއްޔިބު ހާޒިރު ކުރުމުން ދޭހަވަނީ އިނދިކޮޅުފަރާތްތަކާއި ދެކޮޅަށް އަނިޔާވެރިކަމާއި ބިރު ދެއްކުމުގެ ސިޔާސަތެއް ސަރުކާރުން ގެންގުޅޭ ކަމެވެ.
މިއީ ރައްޔިތުންގެ އަޑު ކަނޑުވާލުމާއި، ޚުދުމުހުތާރު ވެރިކަމެއް ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައެއް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.