ޚަބަރު

ޕަލަސްތީނަށް އެހީވުމަށް ޓެލެތޯނުން ލިބުނު 19 މިލިއަން ރުފިޔާ އަންރުވާއަށް ދިންކަމުގެ ލިޔުން ހާމަކުރަން، އިންފޮމޭޝަން ކޮމިޝަނަރު އޮފީހުން އެންގުމުންވެސް ސަރުކާރުން އެލިޔުން ނުދިން

ދިޔަވަރު
ޕަލަސްތީނަށް އެހީވުމަށް ޓެލެތޯނުން ލިބުނު 19 މިލިއަން ރުފިޔާ އަންރުވާއަށް ދިންކަމުގެ ލިޔުން ހާމަކުރަން، އިންފޮމޭޝަން ކޮމިޝަނަރު އޮފީހުން އެންގުމުންވެސް ސަރުކާރުން އެލިޔުން ނުދިން

ދިވެހި ސަރުކާރުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ބޭއްވި ޓެލެތޯނުން ޖަމާކުރެވުނު 19 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ އަންރުވާއަށް ދިންކަމުގެ ލިޔެކިޔުންތައް ހާމަކުރުމަށް ސަރުކާރުން އިންކާރުކޮށްފިއެވެ.

މި ފައިސާ އަންރުވާއަށް ޖަމާކުރިކަމަށް ސަރުކާރުން އިއުލާންކޮށްފައިވަނީ އޮގަސްޓު 20 ވަނަ ދުވަހުއެވެ. އެ ލިޔުންތައް ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން މި ނޫހުން އެދުމުން، މިހާތަނަށް އެއްވެސް ލިޔެކިޔުމެއް ފޯރުކޮށްދީފައެއް ނުވެއެވެ.

މައުލޫމާތު ނުދީ ލަސްވުމާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމް) ވަނީ ދެ އަޑުއެހުމެއް ބާއްވައި، އެންމެ ފަހުން އޮކްޓޯބަރު 17 ގައި ފަސް ދުވަހުގެ ތެރޭގައި އެ ލިޔުންތައް ހާމަކުރުމަށް ފޮރިން މިނިސްޓްރީއަށް އަންގާފައެވެ. ނަމަވެސް އެ މުއްދަތު ހަމަވީއިރުވެސް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޓެލެތޯން ބޭއްވުމަށް ސަރުކާރުން ނިންމީ އިޒްރޭލުން ގާޒާގައި ހިންގަމުންދާ އަނިޔާވެރި ހަމަލާތަކާ ގުޅިގެން ދިމާވެފައިވާ އިންސާނީ ކާރިސާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ޓެލެތޯނުގައި ހުޅުވި ފަންޑަށް ރައީސް މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ ދެ ކަނބަލުންނާއި، ވަޒީރުންނާއި މަޖިލިސް މެންބަރުންގެ އިތުރުން ސަރުކާރު ކުންފުނިތަކުންވެސް ފައިސާ ހަދިޔާކުރިއެވެ.

ޖޫން 12 ގައި ބޭއްވި މި ޓެލެތޯނުން ޖުމްލަ 19،309،468.02 ރުފިޔާ ޖަމާވިކަމަށް ބުނެ، އެ ފައިސާ ފިނޭންސް މިނިސްޓްރީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް، ސީދާ އަންރުވާގެ އެކައުންޓަށް ޖަމާކުރިކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ. ނަމަވެސް މި ފައިސާއިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ލިބޭނެ ތާރީހެއް އަދި ސާފެއް ނުވެއެވެ. އަދި އަންރުވާއިންވެސް މި ފައިސާއާ ގުޅޭ އެއްވެސް ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.