ސިޔާސީ

ސިޔާސީ ވަޒީފާ މަދުކުރުން އިޤްތިޞާދީ ފިޔަވަޅެއް ނޫން، އެއީ ޕީއެންސީގެ މެމްބަރޝިޕް އިތުރުކުރަން ދެއްކި ބިރެއް!

ދިޔަވަރު
ސިޔާސީ ވަޒީފާ މަދުކުރުން އިޤްތިޞާދީ ފިޔަވަޅެއް ނޫން، އެއީ ޕީއެންސީގެ މެމްބަރޝިޕް އިތުރުކުރަން ދެއްކި ބިރެއް!

ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދު ހާމަ ނުކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސިޔާސީ މަގާމުތަކުން 228 މުވައްޒަފުން ވަރަށް އަވަހަށް ވަކި ކުރައްވާނެކަން އިއުލާން ކުރައްވާފަ އެވެ.

ނަމަވެސް 228 މީހުން ވަޒީފާއިން ވަކި ކުރުމުގެ ޤާބިލު ކަމެއް ރައީސް މުއިއްޒުގެ ކިބާގައި ނުވާކަމަށް ދިޔަވަރު ނޫހުން ޤަބޫލު ކުރަމެވެ. ގިނަވެގެން ވިއްސަކަށް މީހުން ވަޒީފާއިން ވަކި ކޮށްފާނެއެވެ. ނަމަވެސް އެވަރުވެސް ކުރަން ކެރިވަޑައި ގަންނަވާނެ ކަމަކަށް ހަޤީގަތުގައި ނުފެނެއެވެ. އެއަށްވުރެ ބޮޑަށް މުއިއްޒު ހުންނެވީ ވެރިކަން ގެއްލިދާނެ ކަމަށް ޝައްކުވެ، ވެރިކަން ދިފާޢު ކުރަން ކޮންމެފަދަ ކަމެއްވެސް ކުރުމަށް ތައްޔާރަށެވެ.

228 ސިޔާސީ މުއައްޒަފުން ވަކި ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ، ޕީއެންސީގެ މެމްބަރޝިޕް ޑްރައިވް އާއި ގުޅިގެންނެވެ. އެއީ ސަރުކާރަށް އޮތް ތާޢީދު އިންތިހާއަށް ދަށްވެ، މީހުން ޕާޓީއަށް ވަންނަ ވަރު މަދުވެގެން، އެތައް މަހެއްގެ މަސައްކަތުންވެސް ޕާޓީއަށް އެދެވޭ ވަރަކަށް ބަޔަކު ނުވަނުމުން، ސިޔާސީ މަގާމުތަކުން ބައެއް ފަރާތްތައް ކަނޑާލާނެ ކަމަށް ބުނެ އިއުލާނު ކޮށް ބިރު ދައްކައިގެން، ސިޔާސީ ފަރާތްތައް ލައްވައި މީހުން ޕާޓީއަށް ވެއްދުމަށް މުއިއްޒު ކުރި ދަށުދަރަޖައިގެ އަމަލެއް ކަމަށް ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރަކު ދިޔަވަރު ނޫހަށް ކިޔައި ދިނެވެ.

ވަޒީފާއިން ކަނޑާލަފާނެތީ، މީހުންނަށް ފައިސާ ދީގެންނާއި، އާދޭސްކޮށްގެން އެބަ ފޯމު ފުރުވާ. އެއް ގޮތަކީ ޕާޓީއަށް މީހުން ވެއްދުން، އަނެއް ގޮތަކީ ވަޒީފާ ގެއްލި އާއިލާ ބިކަވުން. މިއީ ރައީސް ދިން އޮޕްޝަނަކީ

ޕީއެންސީ އަށް ފޯމު ހޯދައި ދިން ސިޔާސީ ފަރާތެއް ދިޔަވަރު ނޫހަށް މެސެޖް ކޮށް ކިޔައިދިނެވެ.

މިކަމަށް ބާރުދޭ އަނެއް ހެއްކަކީ، 228 މީހުން ވަކި ކުރަން އިއުލާން ކުރުމަށް ފަހު، ސަރުކާރުގެ އެކި މަޤާމުތަކަށާއި، ކުންފުނިތަކަށް ރައީސް މުއިއްޒު އަންގައިގެން ސިޔާސީ ފަރާތްތައް އައްޔަން ކޮށްފައި ވުމެވެ. މީގެ ތެރޭގައި ބައެއް ރަށް ރަށުގެ އެސްއޯއީތަކަށް އަލަށް އައްޔަން ކުރި ފަރާތްތަކާއި، ޤައުމިއްޔަތު މިނިސްޓްރީ އަށް އައްޔަން ކުރި ޑެޕިއުޓީ މިނިސްޓަރަކާއި، ޕޮލިޓިކަލް ޑިރެކްޓަރެއް ހިމެނެއެވެ. މީގެ އިތުރުންވެސް އެކި މަގާމުތަކަށް ސިޔާސީ ފަރާތްތައް އައްޔަން ކޮށްފައި ވުމުން، މިކަމަކީ އިޤްތިޞާދީ ފައިދާއެއް ހާސިލް ކުރުމަށް ނުވަތަ ޚަރަދު ކުޑަ ކުރުމަށް މުއިއްޒު ކުރައްވާ ކަމެއް ނޫންކަން ސާފުކޮށް އެނގެއެވެ.

އަމިއްލަ ޕާޓީގެ، އަމިއްލަ ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިބި ފަރާތްތަކަށް، އިޤްތިޞާދީ ގޮތުން ގައުމު ބަނގުރޫޓު ވަމުންދާ އިރު، ވަޒީފާގެ ބިރު ދައްކައިގެން، ޕީއެންސީ އަށް މީހުން ވެއްދުމަށް މިވަރުގެ ހަރަކާތެއް މުއިއްޒު ހިންގާފައިވަނީ، ޕީޕީއެމް އިން ގިނަ ބަޔަކު، ޕީއެންސީ އަށް ބަދަލުވުމަށް ދެކޮޅު ހަދަމުން ދަނިކޮށެވެ.

ވެރިކަމަށް އައުމަށްފަހު، އެއް އަހަރު ވެގެން ދިޔައިރު ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށް ނުދެއެވެ. ކުރެވުނުހާވެސް މަސައްކަތަކީ ބާރުތައް ޖަމާކޮށް، ރައްޔިތުން ނިކަމެތި ކުރުމެވެ.