ޚަބަރު

ރިޕޯޓު: ވެރިކަމުގެ މަސްތުގައި ޖެހި, އަމިއްލަ މުށުތެރެއަށް ހުރިހާ ބާރެއް ޖަމާކޮށް, ދައުލަތުގެ މިނިވަން މުވައްސަސާތަކުގެ މިނިވަންކަން ގެއްލުވާލާ, ޚުދުމުޚްތާރު ވެރިކަމެއް ފައްކާ ކުރުމުގެ ފުރުސަތު މުއިއްޒުއަށް ދީގެން ނުވާނެ!

ދިޔަވަރު
ރިޕޯޓު: ވެރިކަމުގެ މަސްތުގައި ޖެހި, އަމިއްލަ މުށުތެރެއަށް ހުރިހާ ބާރެއް ޖަމާކޮށް, ދައުލަތުގެ މިނިވަން މުވައްސަސާތަކުގެ މިނިވަންކަން ގެއްލުވާލާ, ޚުދުމުޚްތާރު ވެރިކަމެއް ފައްކާ ކުރުމުގެ ފުރުސަތު މުއިއްޒުއަށް ދީގެން ނުވާނެ!

ދިވެހިރާއްޖެ ބަލައިގެންފައިވާ ޒަމާނީ ޑިމޮކްރަސީގެ އެންމެ މުހިންމު ތަނބު ތަކުގެ ގޮތުގައި ގާނޫނު އަސާސީން އުފައްދާވައިވާ މުވައްސަސާތަކަކީ, ދައުލަތުގެ މިނިވަން މުވައްސަސާތަކެވެ.

އަދި ދައުލަތުގެ މިނިވަން މުވައްސަސާތަކުގެ ތެރެއިންވެސް, ވަކީން ފާހަގަ ކޮށްލެވޭ މުވައްސާތަކެއްގެ ގޮތުގައި, އިލެކްޝަންސް ކޮމިޝަންއާއި އެންޓި ކޮރަޕްޝަން ކޮމިޝަން ފާހަގަކޮށްލާންޖެހެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. 2008 ވަނަ އަހަރު އެކުލަވާލި އާ ގާނޫނު އަސާސީން ރައްޔިތުންނަށް ފޯރުކޮށްދިން އެންމެ މުހިންމުން ހައްގަކީ މިނިވަންކަމާއެކު ވޯޓު ލުމުގެ ހައްގެވެ. އެއީ އެއްވެސް ނުފޫޒެއް ނެތި ވެރިކަމުގެ ބާރުތައް އެއް ބޭފުޅެއްގެ އަތުން އަނެއް ބޭފުޅެއްގެ އަތްމައްޗަށް ރުޖޫއަ ކުރުމުގެ މަގު ސީދާ ގާނޫނު އަސާސީން ފަހިކޮށް ދިނުމުގެ މުހިންމު މަގުސަދަގައެވެ.

އެއްވެސް ގައުމެއްގައި މިނިވަން ޑިމޮކްރަސީއަކަށް ދެމި އޮވެވޭނީ ވެރިކަމުގެ ބާރުތައް ސުލްހަ މަސަލަސްކަމާއެކު ނުފޫޒެއް ނެތި ރުޖޫއަ ކުރެވިގެން ކަމަށް ވާތީއެވެ. އަދި އެމަގުސަދު ހާސިލް ކުރުމަށް އިލެކްޝަންސް ކޮމިޝަން މިނިވަން މުވައްސަސާއެއްގެ ގޮތުގައި ވުޖޫދު ކޮށްފައިވަނީވެސް ސީދާ ގާނޫނު އަސާސީންނެވެ. އެއީ ގައުމުގެ ވެރިކަމަށް އަތުވެދާނެ ޚުދުމުޚްތާރު ވެރިންނަށް އެމުވައްސަސާއަށް އަތް ބާނާ, ނިޒާމު ގަޑުބަޑު ކުރުމުގެ ފުރުސަތު ވީހާވެސް ހަނިކޮށް ބޭއްވުމުގެ ބޭނުމުގައިވެސްމެއެވެ.

ހަމައެއާއެކު, ގާނޫނު އަސާސީން އުފައްދާފައިވާ އެހެނިހެން މިނިވަން މުވައްސަަސާތަކުގެ ތެރެއިން އެންމެ މުހިންމު އަނެއް މިނިވަން މުވައްސަސާއެއްގެ ގޮތުގައި ފާހަގަވާން އޮތް މުވައްސަސާއަކީ އެންޓި ކޮރަޕްޝަން ކޮމިޝަންއެވެ. އެއީ, ކޮންމެ ގައުމެއްގައިވެސް ސިޔާސީ ވެރިންގެ މެދުގައި އެންމެ ފަސޭހައި މޫލާ ވަބާ ކަމުގައިވާ ކޮރަޕްޝަންގެ ނުރައްކާތެރިކަމުން ގައުމާއި ރައްޔިތުން ސަލާމަތް ކުރުމަށް, ސީދާ ގާނޫނު އަސާސީން އުފައްދާފައިވާ މިނިވަން މުވައްސަސާއެވެ.

އަދި އެމުވައްސަސާއަށްވެސް މިނިވަންކަމާއި, ވަސީލަތްތަކާއި, ތަހުގީގު ކުރުމާއި, ތަންތަން ބަލާ ފާސްކުރުމުގެ ބާރުތަކާއި, އިޚްތިޔާރުތައް ގާނޫނު އަސާސީންނާއި ގާނޫނުތަކުން ފޯރުކޮށް ދީފައިވަނީ, ކޮރަޕްޝަނާއި ފަސާދައިގެން ނުރައްކާތެރިކަމުގެ ބޮޑު ކަމުންނެވެ. ގައުމުގެ ވެރިކމަށް އަތުވެދާނެ ކޮރަޕްޓް ވެރީންގެ ނުރައްކާތެރިކަމުން ގައުމު ސަލާމަތް ކުރެވެން އޮންނާނޭ ހަމަ އެކަނި މަގަކީ އެމުވައްސާސާގެ މިނިވަންކަން ކަށަވަރު ކުރެވިގެން ކަމަށް ވާތީވެސްމެއެވެ.

އެހެންނަމަވެސް, ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ އަދި އަހަރެއް ފާއިތު ވެގެން ނުދަނީސް, މިހާރު ވަނީ މި ދެމުވައްސަސާގެ މިނިވަންކަން ގެއްލުވާލާ, ދެމުވައްސަސާވެސް އަމިއްލަ މުށުތެރެއަށް ލެއްވުމުގެ މަސައްކަތް ފައްޓަވާފައެވެ. އެގޮތުން އީސީއާއި އޭސީސީގެ ރައީސުންނަކީ ރައީސުލްޖުމުހޫރިއްޔާ އައްޔަން ކުރާ ބަޔަކަށް ހެދުމަށް, މުއިއްޒުގެ އަމުރަށް ބަންޑާރަނައިބު މިހާރުވަނީ ގާނޫނަށް އިސްލާހު ހުށަހަޅުއްވަން ނިންމަވާފައެވެ.

އޭގެ މާނައަކީ, މި މުވައްސަސާތަކަށް މެމްބަރުން އައްޔަން ކުރުމުގެ އިތުރުން, މުވައްސާސާތަކުގެ މެމްބަރުންގެ ޖަލްސާތައްވެސް ދެން ކުރިޔަށް ދާނީ ސީދާ ރައީސުލްޖުމުހޫރިއްޔާ ބޭނުންފުޅުވާ މެމްބަރަކު ރިޔާސަތުގެ އިންނަވައިގެންނެވެ. ކޮމިޝަންތަކުގެ އެޖެންޑާގައިވެސް ހިމެނިގެންދާނީ ރައީސުލްޖުމުހޫރިއްޔާ އެޖެންޑާ ކުރައްވަން ބޭނުންފުޅުވާ ކަންކަން އެކަންޏެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލާނީ މުއިއްޒު ބޭނުންވާ މައްސަލަތައް އެކަންޏެވެ. ގާނޫނަށް ގެނެވޭ މި އިސްލާހުތަކާއެކު, އިލެކްޝަންސް ކޮމިޝަންއިންގެ މެމްބަރުން ޖަލްސާތަކުން ނިންމާ ނިންމުންތަކަށް ސީދާ ބާރު ފޯރުވުމުގެ ފުރުސަތު މުއިއްޒުއަށް ލިބިގެން ދާނެއެވެ.

ގާނޫނު އަސާސީން ވުޖޫދު ކޮށްފައިވާ މިނިވަން މުވައްސަސާތަކަށް ނުފޫޒު ފޯރުވާ, އެމުވައްސަސާތައް ތިމާގެ މުށުތެރެއަށް ލެއްވުމުގެ ވިސްނުން އިސްކޮށް, ވެރިކަމަށް އަހަރު ނުވަނީ މުއިއްޒު މި ކަމަރު ބެންނެވީ ޚުދުމުޚުތާރު ވެރިކަމެއްގެ އޮށް މިރާއްޖޭގައި އިންދުމަށެވެ. ވެރިކަމުގެ މަސްތުގައި ޖެހި, އެންމެ ފުރަތަމަ މުށުތެރެއަށް ލެއްވުމަށް މަސައްކަތް މިފެއްޓެވީ ދައުލަތުގެ މިނިވަން މުވައްސަސާތަކެވެ.

އެހެންނަމަވެސް މުއިއްޒުއަށް އެނގިވަޑައި ނުގެން ހުންނެވިކަމީ, މި ބީދައިން ޚުދުމުޚްތާރުވެ, ރާއްޖޭގެ ވެރިކަން ޚަރާބު ކުރުމަށް ފާއިތުވެދިޔަ ތަނުގައިވެސް ދިވެހި ރައްޔިތުން ފުރުސަތު ދީފައި ނުވާކަމެވެ. އަދި ތިމާގެ ނުލަފާކަން ކުރިޔަށް ނެރެ, ގާނޫނު އަސާސީން ލިބިދިން މި ޑިމޮކްރަސީގެ އަސާސްތައް ފުނޑުފުނޑު ކޮށްލުމުގެ ފުރުސަތު މިރާއްޖޭގެ ސަލާމަތީ ބާރުތަކުން އެއްވެސް ހާލަތެއްގައި ދީގެން ނުވާނެއެވެ.