"ދެމަފިރިން ދޭތެރޭ ހިގާ މައްސަލަތައްވެސް އިސްލާހުކުރުމުގެ ބާރުއޮންނަންވާނީ މުއިއްޒުގެ އަތުގައި" މިހެން ބުނެ ސޯޝަލް މީޑިއާގެ ހަރަކާތްތެރިއެއް ކަމުގައިވާ ހަސަން ކުރުސީ ވަނީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްގެ ވާހަކަތަކަށް ފާޑުކިޔާފައެވެ.
މިއީ މިއަދު ރައްޔިތުންގެ މަޖިލީހުގައި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ދެއްކެވި ވާހަކަތަކާ ގުޅިގެން، ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކުގެ ތެރެއިން އެއް ވާހަކައެވެ.
މަޖިލިސް ޖަލްސާގައި ސަލީމް ވިދާޅުވެފައިވަނީ މިނިވަން މުއައްސަސާތަކުގެ އިތުރުން ޝަރުޢީ ދާއިރާ އަދި ރައްޔިތުންގެ މަޖިލީހުގެ ކަންކަން ވެސް އިސްލާހުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި އޮންނަންވާނެ ކަމަށެވެ. އަދި ޤާނޫނުއަސާސީއަށް ބަދަލުގެނެސްގެން ނަމަވެސް މިކަން ކުރަންޖެހޭ ކަމަށެވެ.
މި ވާހަކަތަކާ ގުޅިގެން ގިނަ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޚާއްސަކޮށް ޤާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ތިން ބާރު ވަކިވެފައިވާ ނިޒާމަށް ސީދާ ގޮންޖަހާ މިފަދަ ވާހަކަތައް، މަޖިލިސް މެންބަރަކު ދެއްކެވުމާމެދު ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސޯޝަލް މީޑިއާގެ އެކްޓިވިސްޓެއް ކަމަށްވާ ހަސަން ކުރުސީގެ ޓްވީޓަކީ މިކަމާ ގުޅިގެން އާންމުންގެ މެދުގައި ދެކެވެމުންދާ ވާހަކަތަކުގެ ޚުލާސާއެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ. ސޯޝަލް މީޑިޔާއިން ބޭރުގައި ޤާނޫނީ ވަކީލުންނާއި، ކުރީގެ ފަނޑިޔާރުން އަދި ސިޔާސީ ފަރާތްތައް ވެސް ދަނީ ސަރުކާރުން ބާރުތައް ނެގުމަށް ކުރާ ކަންކަމާއި މެދު ހިތްހަމަ ނުޖެހި ފާޑު ކިޔަމުންނެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އިލެކްޝަން ކޮމިޝަންގެ މެންބަރުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ހުށަހަޅާފައިވާ ބިލަކާ ގުޅިގެން ކުރެވުނު ބަހުސްގައި ސަލީމް މި ވާހަކަތައް ދެއްކެވިއެވެ. އަދި ސަލީމް ވިދާޅުވެފައިވަނީ ގާތްގަނޑަކަށް 15 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަތަކުގައި އެއްވެސް ފަރާތަކުން ފިޔަވަޅު ނޭޅެނީ، ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި އެފަދަ ބާރުތައް ނެތުމުގެ ސަބަބުން ކަމަށެވެ.
ނަމަވެސް އަބަދުވެސް އެންމެ ބޮޑެތި ވައްކަން ކުރަނީ ވެރިކަމުގައި ތިބޭ ބަޔެކެވެ. މިއަދު ސަރުކާރުގައި ހިނގަމުންދާ ވައްކަމުގެ މުގުލުގައި ހުރީ މުއިއްޒު ކަމާއި މެދު އެއްވެސް މީހަކު ޝައްކެއް ނުކުރެއެވެ.
ޤާނޫނީ މާހިރުން ފާހަގަކުރާ ގޮތުގައި، ޤާނޫނުއަސާސީގެ ތިން ބާރު ވަކިކުރުމުގެ މަބްދައަކީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް ތަނބުކަމާއި، މިއީ ވެރިކަމުގެ ބާރު ނުހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ކޮންމެހެން ބޭނުން އަސާސެކެވެ.