ސުލޫކީ މައްސަލަތަކާއި ހުރެ، ކަނޑާލުމަށް ނިންމުމުން އިސްތިއުފާދިން، ސިވިލް ކޯޓު ގާޒީ ފ. ދަރަބޫދޫ މުޙައްމަދު ޒުބައިރު، ޖުޑިޝަލް ސާވިސްގެ އެޑްމިނިސްޓްރޭޓަރ އަށް އައްޔަން ކުރުމަށް މުއިއްޒު މަސައްކަތް ފަށައިފިއެވެ. ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެންމެ އިސް މަޤާމަށް އައްޔަން ކުރުމަށް މުއިއްޒު ބޭނުންވާ ޒުބައިރުއަކީ، އެމަނިކުފާނުގެ ކޮއްކޯފުޅު ސަޢުދާ (ފ. ނިލަންދޫ ދާއިރާ)ގެ ކެމްޕެއިނުގައި ހަރަކާތްތެރިވި މުއިއްޒުގެ ވަރަށް އަރިސް ފަރާތެކެވެ. ޒުބައިރު އަކީ އިންތިހާއަށް ކޮރަޕްޓް އަދި މަގާމުގައި ހުރެ، ސިޔާސީ އެކި ނުފޫޒުން މައްސަލަތައް ނިންމާފައިވާ މީހެއް ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ފަރާތެކެވެ. މިއީ ޖުޑީޝަރީގެ މުސްތަޤިއްލުކަން ނަގާލައި، މިހާރަށްވުރެ ބޮޑަށް ކޯޓުތަކަށް އަތް ފޯރުވުމަށް މުއިއްޒު ކުރަމުންދާ މަސައްކަތެކެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަކީ ދިވެހިރާއްޖޭގެ އެންމެހައި ކޯޓުތަކުގެ އިދާރީ ހިންގުމާއި، މުވައްޒަފުންގެ ކަންތައްތަކާއި، ބަޖެޓް ބެލެހެއްޓުމުގެ މުހިންމު މަސްއޫލިއްޔަތުތަކެއް އެކުލެވޭ މަޤާމެކެވެ. މި މަޤާމުގެ ޒިންމާތަކުގެ ތެރޭގައި ކޯޓުތަކުގެ މުވައްޒަފުން އައްޔަންކުރުމާއި، މަޤާމުގެ ކުރިއެރުން ދިނުމާއި، އިދާރީ ފިޔަވަޅު އެޅުމާއި، ވަކިކުރުން ފަދަ މުހިންމު ކަންކަން ހިމެނެއެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަކީ މަޤާމުގެ ގޮތުން، ފަނޑިޔާރުންނާއި ގާތް ގުޅުމެއް އޮންނަ ނުފޫޒު ގަދަ ފަރާތެކެވެ. އިންސާފުވެރި ފަރާތަކަށް ނުވާނަމަ ކޯޓުން ނިންމާ ނިންމުންތައް ނިންމުމުގައި ގާޒީންނަށް ބާރު ފޯރުވުމުގެ ފުރުޞަތު ވަރަށް ބޮޑަށް އޮތް މަގާމެކެވެ. ދިޔަވަރު ނޫހަށް މައުލޫމާތު ލިބޭ ގޮތުގައި، 17 ސެޕްޓެންބަރު 2024 ގައި މި މަގާމަށް މީހަކު ބޭނުންވެގެން ގެޒެޓް ކޮށްފައިވާއިރު، މި މަގާމުގައި އެންމެ ފަހުން ހުންނެވި ފަރާތުން މަގާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާ ކުރުމަށް، މުއިއްޒުގެ ސަބަބުން ދަތިވެގެން ވަނީ އިސްތިއުފާ ދީފައެވެ.
ރައީސް މުއިއްޒު ގެންދަވަނީ މިހާރުވެސް، ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން ވަކި މައްސަލަތައް އޭނާ ބޭނުންވާ ގޮތަށް ހިންގަމުންނެވެ. ރާއްޖޭގައި ފުޅާދާއިރާއެއްގެ ކޮރަޕްޝަން ހިންގުމުގެ ތުހުމަތު ރައީސް މުއިއްޒު މައްޗަށް އޮތް އިރު، އޭނާ ވަނީ އޭސީސީގެ ކޮންޓްރޯލް ނެގުމަށް ވަކި ބިލެއް މަޖިލީހަށް ހުށައަޅާފައެވެ.
އަދި ރާއްޖޭގެ ޑިމޮކްރެޓިކް އުސޫލުން އިންތިހާބު ބޭއްވިޔަ ނުދިނުމަށް، އިލެކްޝަން ކޮމިޝަންގެ ކޮންޓްރޯލް ނެގުމަށް މުއިއްޒު ވަނީ މަޖިލީހަށް ބިލެއް ލާފައެވެ. މިހާރު ރާއްޖޭގެ ކަން ހިނގަމުންދާ މަގުން 2028 ގައި ރިޔާސީ އިންތިހާބެއް އޮންނާނެ ކަމަކަށް ނުބެލެވެއެވެ.