ޚަބަރު

އޭސީސީގައި އެންމެ ގިނަ މައްސަލަ ހުރި ފަރާތަކީ މިއަދު އެ މުއައްސަސާގެ ބާރުތައް އަތުލަން މަސައްކަތްކުރާ މުއިއްޒު! ފާއިތުވި 5 އަހަރު އޭސީސީގެ މައްޗަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވީ މުއިއްޒު ކަމަށް ބެލެވޭ!

ދިޔަވަރު
އޭސީސީގައި އެންމެ ގިނަ މައްސަލަ ހުރި ފަރާތަކީ މިއަދު އެ މުއައްސަސާގެ ބާރުތައް އަތުލަން މަސައްކަތްކުރާ މުއިއްޒު! ފާއިތުވި 5 އަހަރު އޭސީސީގެ މައްޗަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވީ މުއިއްޒު ކަމަށް ބެލެވޭ!

އެކެއްގެ އެންމެ ގިނަ މައްސަލަތައް އޭސީސީގައި ހުރީ ރައީސް މުއިއްޒުގެ ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ. މުއިއްޒު މާލެ ސީޓީގެ މެމްބަރު ކަމުގައި ހުރި އިރު ހުށައަޅައި މުއިއްޒުގެ ކޮޅަށް ނިންމާފައިވާ މައްސަލަތައް ހިމަނައިފިނަމަ، ރާއްޖޭގެ ތާރީޚުގައި އެކެއްގެ މައްޗަށް އެންމެ ގިނަ މައްސަލަ އޭސީސީއަށް ހުށެއެޅުނު ފަރާތަށް އޭނާ ވާނެއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މިނިވަންކަމަށް އަމާޒުކޮށް ގާނޫނީ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާއިރު، ސުވާލު އުފެދެނީ މި ބަދަލުތަކުގެ އަސްލު މަގުސަދާ މެދުގައެވެ. އެހެނީ އޭސީސީގައި މިވަގުތު ތަހުގީގު ކުރެވެމުންދާ އެންމެ ގިނަ މައްސަލަތަކުގެ ވެރިފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށްވާތީއެވެ.

މިހާރު ނިމިފައިވާ ގިނަ މައްސަލަތަކަކީ އެއަށް ނުފޫޒު ފޯރުވައިގެން ރިޝްވަރުގެ ތެރެއިން މުއިއްޒާއި އެއްކޮޅަށް ނިންމާފައިވާ މައްސަލަތަކެވެ. މުއިއްޒުއާއި އެއްކޮޅަށް ނިންމާފައިވާ މައްސަލަތަކުގެ ލިސްޓް މީގެ ކުރިން ސޯޝަލް މީޑިޔާގައި ދައުރުވެފައި ވުމުން، އެ މައްސަލަތަކަށް ބަލާއިރު އޭސީސީގެ ބާރު ކަނޑުވާލުމަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވާފައިވަނީވެސް މުއިއްޒު ކަމަށް ޤަބޫލު ކުރެވެއެވެ.

"ދިޔަވަރަށް" ކަށަވަރުކުރެވިފައިވާ ގޮތުގައި ރައީސް މުއިއްޒުގެ 10 އަށްވުރެ ގިނަ މައްސަލަ އޭސީސީގައި މިހާރުވެސް ބެލެމުންދެއެވެ. މި މައްސަލަތަކުގެ ބޮޑުބައި އަމާޒުވަނީ އެމަނިކުފާނު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވިއިރު ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ ޢަމަލުތަކަށެވެ.

މީގެ ތެރޭގައި:

  • ހިޔާ މަޝްރޫޢުގެ އެންމެ އަގުބޮޑު ޕްރޮޕޯސަލް ހުށަހެޅި ފަރާތާ މަސައްކަތް ޙަވާލުކުރުމުގެ މައްސަލަ
  • ފްލެޓް ލިސްޓުގައި އޮޅުވާލުން ހިމެނޭކަމަށް ތުހުމަތުކުރެވޭ މައްސަލަ
  • އަމިއްލަ މަންފާއަށް މަޝްރޫޢުތައް ވަކި ކުންފުނިތަކަށް ދިނުމުގެ މައްސަލަތައް ހިމެނެއެވެ.

އޭސީސީގެ ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭގޮތަށް ގާނޫނު އިޞްލާޙުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވެއެވެ. މި ބިލު މިހާރުވަނީ މަޖިލީހުން ބަލައިގަނެ، ކޮމިޓީ މަރުޙަލާއަށް ފޮނުވާފައެވެ.

މިކަމުގެ ސަބަބުން އުފެދޭ އެންމެ ބޮޑު ސުވާލަކީ، އޭސީސީގައި އެންމެ ގިނަ މައްސަލަތައް ހުރި ފަރާތަށް، އެ މުއައްސަސާގެ އެންމެ އިސްވެރިޔާ އައްޔަންކުރުމުގެ ބާރު ލިބިދިނުމަކީ ކިހާ އިންސާފުވެރި ކަމެއްތޯއެވެ؟ އަދި މިއީ ކޮރަޕްޝަން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކަށް ކިހާވަރެއްގެ ހުރަހަކަށް ވެގެންދާނެ ކަމެއްތޯއެވެ؟ އަދި ފާއިތުވި 5 އަހަރު އޭސީސީގެ މައްޗަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވި މީހާކަމަށް މިއަދު މުއިއްޒު ބެލެވޭއިރު އޭސީސީގެ މަސައްކަތް ކުރިއަށް ގޮސްފައި ނުވާ ސަބަބަކީވެސް މުއިއްޒު އާއި އޭނާ ފަދަ ބައެއް ރިޝްވަތްތެރީންނެވެ.